މިފްކޯ

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރަނީ

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯ އަށް މަސްގަންނަ އަގު ބޮޑުވާނެ. ދެން މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގާ މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް. ދުނިޔޭގެ ބާޒާރުގާ ބޮޑު އަގު ލިބޭނަމަ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް
މިއަހަރުގެ މެދުތެރޭގާއި އެ ކުންފުނި ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދުނިޔެ ފުރަބަންދުވެ އިގްތިސާދީ ހަރަކާތް ހުއްޓި އާމްދަނީގެ ހުރިހާ މަގެއް ފަޅުވެ ދިޔައިރު ފަޅުނުވެ އޮތީ ވަށާ އޮތް ދިވެހި ނޫފަޅުތަކާ ރާއްޖޭގެ މަސްކަނޑުތައް ކަމަށާ ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގާ އެންމެ ގިނަ މަސް މިފްކޯ އަށް ކިރުވީ ނިމިދިޔަ
އަހަރު ކަމަށެވެ. އަދި ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް މިހާރު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގާ ހޫނު ކަމެއް ހުންނަނީ ކިރާ މަހުގާ ފިނިކަމެއް ހުރެގެން. އެގޮތުން 118 ދޯންޏެއްގާ މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ،" ރައީސް ވިދާޅުވިއެވެ.

އެންމެ އިސްކަން އޮތީ ދަނޑުވެރި ކަމަށް

ދިވެހި އިގްތިސާދު ސިންދަފާތު ކުރުމުގެ ލިސްޓްގެ އެންމެ ކުރިއަށް ސަރުކާރުން ލާފައިވަނީ ދަނޑުވެރިކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކާ އެގްރޯނެޓްގެ ނަމުގާ ސަރުކާރުން ކުންފުންޏެއް އުފައްދާފައިވާކަން ފާހަގަ ކުރައްވާ އެގްރޯނެޓްގެ ފަރާތުން ރާއްޖޭގެ 68 ރަށެއްގެ 704 ދަނޑުވެރިއަކާއެކު ސޮއިކުރެވިގެން ކޮންޓްރެކްޓް ފާމިންގެ މަސައްކަތް މިހާރު ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރެއިން 163 ދަނޑުވެރިއެއްގެ އުފެއްދުންތައް ގަނެ މާކެޓަށް ނެރެމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ފަށައިގަތުމެއް ކަމަށްވާއިރު ކާމިޔާބު މަސައްކަތަކަށް މިކަންވެ އޭގެ ނަތީޖާ ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ލިއްބައިދެވޭނެ ކަމުގެ
އުންމީދު މިހާރު އާވެއްޖެ،" ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރި ކަމަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށެވެ. ފަސޭހައިން ރާއްޖޭގާ އުފެއްދޭނެ ކަމުގެ ޔަގީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ކުރިއަށް އޮތް ދުވަސްތަކުގައި މަތި ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގެ ބޭނުމަކީ ދިވެހި އުފެއްދުން އިތުރުކޮށް ނަފާ ހޯދުމުގެ ފުރުސަތު ދިވެހި ދަނޑުވެރިންނަށް ލިއްބައިދިނުން،" ރައީސް ވިދާޅުވިއެވެ.