ވިޔަފާރި

މަހުގެ އަގަށް ބަދަލެއް ނުގެނޭ، ކޮންޓްރޯލެއް ވެސް ނުކުރޭ: މިފްކޯ

މަސްވެރިންގެ އަތުން ގަންނަމުންދާ މަހުގެ އަގަށް ބަދަލު ނުގެނެސް، ކޮންޓްރޯލެއްނެތި މަސް ގަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިހެން ބުނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާތީ، މަސް ބޭރު ނުކުރެވުމާއި ގުޅިގެން ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔައ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެސްޓީއޯގެ ދަށުން ހިންގަމުންދާ މިފްކޯއިން މަސް ގަތުމުގައި އަމަލު ކުރަމުންދާ އުސޫލާއި ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުތަނުން ދަށްވެފައިވީ ނަމަވެސް ދިވެހި މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގަށް އެއްވެސް ބަދަލެއް ނުގެނެސް މިފްކޯއަށް ގަންނަ ކަމަށެވެ.

މަސްވެރިން ކިރުވަން ގެންދާ ހުރިހާ މަހެއް، ކޮންޓްރޯލެއް ނެތި މިފްކޯއިން ގަންނަ ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާތީ، މަސް ބޭރުނުކުރެވުމާއި ގުޅިގެން ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެ ކުންފުނިން ބުނީ މަސް ރައްކާ ކުރަން ހަދާފައިވާ ހުރިހާ ސްޓޯރުތައް ފުރިފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ގަންނާނީ ކޮންމެ ދޯންޏަކުން މަސް ޓަނެއް ކަމަށެވެ.