ވިޔަފާރި

އެސްޓީއޯގެ ދަށުން މިފްކޯ ނަގައި ހިންގަން ފަށަނީ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރި، ސަރުކާރުގެ މަސް ކުންފުނި މިފްކޯ އެ ކުންފުނީގެ ދަށުން ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެސްޓީއޯގެ ދަށުގައި ބާއްވައިގެން މިފްކޯ ހިންގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނޫން، އެސްޓީއޯގެ ދަށުގައި ބާއްވައިގެން މިފްކޯ ކުރިއަށް ގެންދިއުމަކީ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މިފްކޯ އިތުރަށް ތަރައްގީ ކޮށްގެން އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯ، އެސްޓީއޯގެ ދަށުން ވަކި ކުރުމުގެ ގޮތުން ދެ ކުންފުނީގެ އިސްވެރިންނާ ބައްދަލު ވެސް ކުރައްވާފައިވާ ކަމަށެވެ.

"މިހާރު ހުރި މައްސަލަތަކާއި ކުރިއަށް ގެންދަން ބޭނުންވާ ގޮތް ޕްރޮޕޯސަލްސްއެއް ހުށަހަޅަން ވާނީ އަންގާފަ. މިހާރު މިފްކޯގެ މެނޭޖުމަންޓަށް ހުށަހަޅަންވާނީ އަންގާފަ. އެ ބޭފުޅުންނާ ދެކެވުނު ވާހަކައިގައި ރަނގަޅު ހުށަހެޅުންތައް އެބަހުރި. އެ ބޭނުންވާ އިންވެސްޓްމަންޓް ބޭރުން ނޫނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ވެސް ހޯދައިގެން މިފްކޯއަކީ ކުރިއަށް އޮތް އަހަރުތަކުގައި ފައިދާވާ ކުންފުންޏަކަށް ހެދުން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް 30 މިލިއަން ރުފިޔާ އެސްޓީއޯ މެދުވެރިކޮށް މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިފްކޯއަކީ ސަރުކާރުގެ މައި ކުންފުނީގެ ދަށަށް ބަދަލުކުރީ އެ ކުންފުނީގެ ދަރަނި ބޮޑުވެ ބަނގުރޫޓުވާން ކައިރިވެފައިވަނިކޮށެވެ. ނަވާރަ ސަތޭކަ ނުވަދިޔަ ތިން ވަނަ އަހަރު އުފެއްދި މިފްކޯ، އެސްޓީއޯގެ ދަށަށް ގެނައިއިރު 300 މިލިއަނެއްހާ ރުފިޔާގެ ދަރަނި އޮތެވެ. އަދި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރިއިރު، އެކި ފަރާތަކަށް ވަނީ އެ ކުންފުނި ދަރާ ވިކިފަ އެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަނަށް ކޮންމެހެން ބޭނުންވާ ތަންތަން ވަނީ ހަލާކުވެފަ އެވެ. ހާއްސަކޮށް ކަނޑުއޮތް ގިރި ފަދަ ތަންތަން އޮތީ ވަރަށް ހާލުގަ އެވެ. އަދި އޭގެ ފަހުން ސަރުކާރުން އެކި ފަހަރު މަތިން ވަނީ މިފްކޯއަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފަ އެވެ.