ވިޔަފާރި

މިފްކޯއިން އައިސް ވިއްކާ އަގު 29 ޕަސެންޓް ހެޔޮކޮށްފި

Dec 10, 2020

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް އައިސް ވިއްކާ އަގު ގާތްގަނޑަކަށް 29 ޕަސެންޓް ހެޔޮ ކޮށްފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ އަވަސް އަށް ވިދާޅުވި ގޮތުގައި މިއަދު ވިދާޅުވި ގޮތުގައި މަސްވެރިންގެ ދުވަހާ ދިމާކޮށް އައިސްގެ އަގަށް ގެނައި މި ބަދަލާއެކު މަސްވެރިންނަށް ލުއި ވެގެން ދާނެ ކަމަށެވެ.

"މަސްވެރިންގެ ދުވަހާ ދިމާކޮށް މި ބަދަލު ގެނައި ނަމަވެސް މިއީ ދާއިމީ ބަދަލެއް. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ މިންވަރަކަށް ބަލާފަ މި އަގުގައި ވިއްކަމުން ދާނެ،" ފައުޒީ ވިދާޅުވި އެވެ.

މިފްކޯ އިން މިއަދުން ފެށިގެން މަހުގެ އަގަށް ގެނައި ބަދަލާއެކު ކުރިން 1،060ރ. އަށް ވިއްކަމުން ދިޔަ އައިސް ޓަނެއްގެ އަގު 750ރ. އަށް ހެޔޮ ވެގެން ދާނެ އެވެ. މިއީ ގާތްގަނޑަކަށް 29 ޕަސެންޓުގެ ހެޔޮވުމެކެވެ.

މިފްކޯގެ އެމްޑީ ވިދާޅުވި ގޮތުގައި އައިސް ވިއްކާ އަގު ހެޔޮ ކުރުމުގެ އިތުރުން މަސްވެރިކަން ރަނގަޅުވާ ވަގުތު ފެލިވަރުން މަސް ގަތުން ހުއްޓުނަ ނުދިނުމަށްޓަކައި މަސް ގަނެ ރައްކާ ކުރެވޭނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.