ވިޔަފާރި

މިފްކޯ އާއި ގައުމީ ޝިޕިން ގުޅިގެން މަސް އެކްސްޕޯޓް ކުރަން ފަށަނީ

Jan 6, 2021
4

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އާއި ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) ގުޅިގެން މަސް އެކްސްޕޯޓު ކުރަން ފަށަން ތައްޔާރު ވެއްޖެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސް އަށް ވިދާޅުވީ، ގައުމީ ޝިޕިން ކުންފުނި އެމްއެސްއެސްއާ ގުޅިގެން މަސް އެކްސްޕޯޓް ކުރަން ފެށުމުގެ ގޮތުން މަސް ފިނިކޮށްފައި ބެހެއްޓޭ 30 ކޮޓެއިނާ ވަރަށް އަވަހަށް ރާއްޖެ ގެންނާނެ އެވެ. އަދި މި އޮޕަރޭޝަންގެ މަގުސަދަކީ ފެލިވަރުގައި މަސް ރައްކާ ކުރުމުގެ ގާބިލްކަން ގާއިމް ވާންދެން ވެސް މަސްވެރިން ބާނާ މަސް ގަނެ، ބޭރުކޮށް ބޮޑު އަގު ލިބޭނެ ގޮތެއް ހޯދުމެވެ. މި މަގުސަދުގައި މި މަސައްކަތް ފަށަނީ އެމްއެސްއެސްއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަހު ރީފާކޮންޓެއިނާތައް ރާއްޖެ އަންނާނެ. އޭރުން ފެލިވަރުގައި ބަހައްޓައިގެން މި އޮޕަރޭޝަން ކުރި އަށް ގެންދަނީ. މި ކަމަކީ މީގެ ކުރިން ވެސް މިފްކޯ އިން ކުރި ކަމެއް. އެކަމަކު އޭރު ކުރަމުން ދިޔައީ ލިލީ ނޫނީ ޓީޓީއެސްގެ ކޮންޓެރިނާތައް ބޭނުންކޮށްގެން. އެކަމަކު މިހާރު މި ކުރަނީ ސަރުކާރު ކުންފުނި އެމްއެސްއެސްއާ ގުޅިގެން. މިއީ ކުރިއެރުމެއް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެސްއެސްއާ ގުޅިގެން މަސް އެކްސްޕޯޓް ކުރުމަށް ފަށާ އޮޕަރޭޝަންގައި މަސް ގެންދާނީ ބޮޑު އަގު ލިބޭ ދުނިޔޭގެ މާރުކޭޓް ތަކަށެވެ.

"ބޮޑު އަގު ލިބޭނަމަ ލެޓިން އެމެރިކާ ނޫނީ ޔޫރަޕުގެ ބަޔަރުންނާ ހަމަ އަށް ވެސް މި މަސް ގެންދާނެ. މިއީ ފްރީޒްކުރި މަސް،" އިސްމާއިލް ވިދާޅުވި އެވެ.

ބޮޑު އަގު ލިބޭނަމަ ލެޓިން އެމެރިކާ ނޫނީ ޔޫރަޕުގެ ބަޔަރުންނާ ހަމަ އަށް ވެސް މި މަސް ގެންދާނެ
އިސްމާއިލް ފައުޒީ | މިފްކޯ އެމްޑީ

އިތުރަށް އޭނާ ވިދާޅުވި ގޮތުގައި މީގެ ކޮންމެ ކޮންޓެއިނާއެއްގައި 25 ޓަނުގެ މަސް ބޭރު ކުރެވޭނެ އެވެ.

"މިއީ 40 ފޫޓުގެ ކޮންޓެއިނާ ތަކެއް. ކޮންމެ އެއްޗެއްގައި 25 ޓަނު އެކްސްޕޯޓް ކުރެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

މަސް އެކްސްޕޯޓް ކުރެވޭނެ ވަސީލްތައް އިތުރު ކުރުމުގެ އިތުރުން މިފްކޯ އިން ދަނީ ފެލިވަރުގައި އައިސް އުފެއްދޭނެ ގާބިލްކަން އިތުރު ކުރަން އެކަމަށް ހާއްސަ ފެސިލިޓީއެއް ވެސް ގާއިމް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ތަކެއްޗަށް ވަނީ އޯޑަރު ޖަހާފަ އެވެ. އަދި މަސް ގަނެ ރައްކާކުރެވޭނެ ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުންދެ އެވެ.

ރާއްޖޭގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވުމާއެކު މަސްވެރިން ދާދި ފަހުން ވަނީ މަސް ނުކިރި ލަސްވަމުންދާތީ ޝަކުވާކޮށްފަ އެވެ. މިކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅު ތަކެއް އަޅަން ވަނީ ފަށާފަ އެވެ. މިގޮތުން ފެލިވަރު ތަރައްގީ ކުރުމުގެ ބޮޑު އިތުރު މަޝްރޫއެއް ފަށަން ވަނީ ތައްޔާރުވެފަ އެވެ. ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ މި މަޝްރޫއު ފެށުމުގެ ގޮތުން ކޮންސަލްޓެންސް ހަޔާކޮށް އަލަށް ގާއިމް ކުރާ ފެސިލީޓީ ހަދާ ސަރަހައްދު ހިއްކަން ފެށުމުގެ މަސައްކަތަށް ވަނީ ތައްޔާރުވެފަ އެވެ.