ރިޕޯޓް

ފެލިވަރު، ރައްކާތެރިކަމާއި ސާފުކަމުގެ އެންމެ މަތީ ދަރަޖާގައި!

ފެލިވަރުގެ ފޮޓޯ ތަކަށް ކޮމެންޓް ކޮށްފައި ހުރެ އެވެ. އެ ތަނުގައި މަސައްކަތް ކުރަނީ އަތަށް އަންގި ވެސް ނުލައްވަ އެވެ. ހަމައެކަނި އަޅަނީ ހުދު ހެދުމެކެވެ. މިއީ ކުރިން އަޑުއިވޭ ވާހަކަ ތަކެވެ. ނަމަވެސް އިވޭ އަޑާއި މަންޒަރު ހާއްސަބައި ތަފާތުކަން މި އެނގުނީ އަދި ކިރިޔާ އެވެ. އެކަން އެނގުނީ ފެލިވަރު ކާރުހާނާ ނޫސްވެރިންނަށް ދައްކާލަން ބޭއްވި ދަތުރުންނެވެ.

ފެލިވަރު ކާރުހާނާ ދައްކާލުން ވެގެން ދިޔައީ ތަފާތު ތަޖުރިބާ އަކަށެވެ. ގިނަ ކަންތައްތަކެއް ފެނި ހާމަވި ކަމަށެވެ. ބައިނަލްއަގުވާމީ އެންމެ މަތީ ދަރަޖަތަކުގައި އޮޕަރޭޝަން ހިންގާ ފެލިވަރުގެ މަސައްކަތް ފެނިފައި، ބައެއް ނޫސްވެރިން ކޮސްވި އެވެ. ސަބަބަކީ އެ ތަނުގެ މަސައްކަތް ފުރިހަމަ ވުމެވެ. މިތަނުގައި އުފައްދާ "ފަސްމީރު" ދަޅުމަހުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ ބުރަ މަސައްކަތެވެ. އެއީ ރައްކާތެރިކަމާއި ސާފުކަމުގެ އެންމެ މަތީ ދަރަޖަ އެވެ.

"ކުރިން އެއްގޮތަކަށް ވެސް ހިއެއް ނުކުރަން މި ވަރުވާނެ ކަމަށް. އެންމެ ހާއްސަ ކަމަކީ މި ތަނަށް ވަންނައިރު ސާފުތާހިރު ކަމަށް ކުރަން ޖެހޭ ކަންތައްތައް ގިނަކަން،" މި ދަތުރުގައި ބައިވެރިވި "އަވަސް" ގެ ފޮޓޯގްރާފަރު އަހުމަދު ޝުރާއު ބުނީ މިހެންނެވެ.

ފެކްޓްރީއަށް ވަންނަން ގިނަ މަރުހަލާތަކެއް!

ފުރިހަމަ އަށް ރޭވި ތަރުތީބު ވެގެންދާ މިންގަނޑުތައް ވީ ވަރަށް ތަފާތު ތަޖުރިބާ އަށެވެ. ނަމަވެސް ފެލިވަރު ފެކްޓްރީއިން މިކަން ކޮންމެހެން ވެސް ކުރާނެ އެވެ. އަދި މި މިންގަނޑުތައް ބެލެހެއްޓުމަށްޓަކައި ފާރަވެރިވުމަށް މިނިވަން އޮޑިޓަރުން ތިބެ އެވެ. އެ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އެމްއެފްޑީއޭ އާއި މެރިން ސްޓްވާޑް ކައުންސިލް "އެމްއެސްއީ" އަދި އެމެރިކާ އާއި އިނިގޭސިވިލާތުގެ ގައުމީ ފެންވަރުގެ ބޮޑެތި ލެބޯޓެރީތައް ހިމެނެ އެވެ.

އެ ކަންކަން ފުރިހަމަ ކޮށް މަސައްކަތް ކުރުމުގެ ބޭނުމަކީ ފެލިވަރުގައި އުފައްދާ "ފަސްމީރު" ދަޅު މަހުގެ ޔަގީންކަން އިތުރު ކުރުމެވެ.

ފެލިވަރު ފެކްޓްރީގައި ބޭރުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފިލިޕީންސްގެ އަބުއަކާން ރޮބާޓޯ ވިދާޅުވީ ފެލިވަރު ފެކްޓްރީއަކީ ދުނިޔޭގެ އެންމެ މަތީ ފެކްޓްރީތަކާ އެއް ފެންވަރަކަށް ސާފުތާހިރުކަން ޔަގީންކޮށްފައިވާ ތަނެއް ކަމަށެވެ.

ފެކްޓްރީގެ ތެރެ އަށް ވަނުމުގެ ކުރިން ހާއްސަ ބޫޓަކަށް އަރައި، "ހާއްސަ ހެދުމެއް" ލައްވަ އެވެ. އަދި ބޯ ނިވާކުރުވަ އެވެ. އަދި ތުނބުޅި ހުންނަ މީހެއްނަމަ، ތުނބުޅި ނިވާކުރުމަކީ މަޖުބޫރު ކަމެކެވެ. ދެން އޮތީ ފެކްޓްރީގެ ތެރެ އަށް ވަންނަ ދޮރާ ހަމަ އަށް ދިއުމެވެ. އެ ތަނަށް ދިއުމާއެކު ދެން ޖެހޭނީ އަތް ދޮންނާށެވެ. ތިން ފެނުން އަތް ދޮންނަން ޖެހެ އެވެ. ފުރަތަމަ އަތް ދޮންނާނީ ލޮނު ފެނުން، ހާއްސަ ސައިބޯންޏަކުންނެވެ. ދެން އަތް ލާން ޖެހޭނީ ކްލޮރިނޭޓް ކޮށްފައި ހުންނަ ފެނަށެވެ. އެ އަށްފަހު ސާފު ފެނަށް ވެސް އަތް ލާން ޖެހެ އެވެ. މި އަށްފަހު ދާން ޖެހޭނީ އަތް ހިއްކާށެވެ. އަދި އަތް ހިއްކައި ނިމުމުން ލައިގެން ހުރި ގަމީހަށް އިސްތައްޓެއް ވެއްޓިފައި ނުވަތަ ތަތްލާފައި ނެތްކަން ޔަގީކުރަން ގަމީހުގައި ރޯލަރު ހާކަ އެވެ. ކާރުހާނާ އަށް ވަނުމުގެ ހުއްދަ ލިބޭނީ އެ އަށްފަހު އެވެ.

އެއްޗެއް ވެއްޓުން: ވުމަށްވުރެ، ނުވުން ގާތް؟

ފެލިވަރު ފެކްޓްރީ އަށް އަލަށް ދާ ބަޔަކަށް މިކަން އާވެދާނެ އެވެ. އެކަމަކު މި މަރުހަލާތަކަކީ އެ ކާރުހާނާގެ ދަޅުމަސް ބަންދުކުރާ ބައިގައި މަސައްކަތް ކުރާ 200 މުވައްޒަފުން ކޮންމެ ދުވަހަކު ވެސް ތަޖުރިބާ ކުރަން ޖެހޭ ކަންތައްތަކެވެ. މަޖުބޫރު މާއްދާ އެކެވެ. ދެން އޮތް ސުވާލަކީ ކާރުހާނާގައި މަސައްކަތް ކުރާ މުވައްޒަފުން އަތް ދޮވެގެން ގޮސް، އަތަށް އަންގި ނުލައްވައި މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟

މީގައި "ފޮރުވިފައިވާ" ސިއްރަކީ ބަންދު ކުރާ ދަޅަށް އެއް ވެސް އެއްޗެއް ދިއުމުގެ ހަނި ފުރުސަތެއް ވެސް ނުދިނުމެވެ. ނަމަވެސް ތިން ފެނުން އަތް ދޮވުމުން އަތުގައި ހުންނަ ހުރިހާ ޖަރާސީމު ތަކެއް ސާފު ވެގެންދެ އެވެ. ދެން އޮތީ ދަޅަށް މެޝިނަކުން ނަމަވެސް ދަގަނޑު ކޮޅެއް ވެއްޓިދާނެ ހެއްޔެވެ؟ އެކަން ޔަގީން ކުރަނީ މަސް ދަޅަށް އެޅުމުގެ ކުރިން މަސް ބާސްކެޓް މެޓަލް ޑިޓެކްޓާ އިން އަތްފުނާ އަޅައި ބަލާނެ އެވެ. މި ކަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެކްޓްރީތަކުގައި ވެސް އަމަލުކުރާ އުސޫލެވެ.

އަނެއް ސުވާލަކީ މި ވަރަށް ބަލަހައްޓާ ތަނެއްގައި އުފައްދާ މަސް ދަޅަކަށް އިސްތަށި، ނުވަތަ އިސްތަށި ތަކެއް ވެއްޓިދާނެ ހެއްޔެވެ؟ މިހެން ބުނަން ޖެހުނީ ސޯޝަލް މީޑިޔާގައި ބައެއް ފަހަރު ފަތުރާ ވާހަކަ ތަކުންނެވެ. މި ތަޖުރިބާ އަށް ބުރަވެ، ބުނެވޭނީ އެއީ "އިމްޕޮސިބަލް" ކަމެއް ކަމަށެވެ. މާނައަކީ އެފަދަކަމެއް ނުވުމުގައި 99 ޕަސެންޓް ޔަގީންކަން އޮތުމެވެ. އެފަދަ ދެރަގޮތެއް ވުމުގައި އޮތީ އެންމެ ޕަސެންޓެކެވެ. އެގޮތަކީ މުވައްޒަފަކު ގަސްތުގައި އެ ފަދަ ކަމެއް ކުރުމެވެ.

އޮޑިޓަރުން ތާއަބަދު ފާރަލާނެ

ފުރިހަމަ އަށް ރޭވި ތަރުތީބު ވެގެންދާ މިންގަނޑުތައް ވީ ވަރަށް ތަފާތު ތަޖުރިބާ އަށެވެ. ނަމަވެސް ފެލިވަރު ފެކްޓްރީއިން މިކަން ކޮންމެހެން ވެސް ކުރާނެ އެވެ. އަދި މި މިންގަނޑުތައް ބެލެހެއްޓުމަށްޓަކައި ފާރަވެރިވުމަށް މިނިވަން އޮޑިޓަރުން ތިބެ އެވެ. މި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އެމްފެޑީއޭ އާއި މެރިން ސްޓްވާޑް ކައުންސިލް "އެމްއެސްއީ" އަދި އެމެރިކާ އާއި އިނިގޭސިވިލާތުގެ ގައުމީ ފެންވަރުގެ ބޮޑެތި ލެބޯޓެރީތައް ހިމެނެ އެވެ. މި ކަންކަން ފުރިހަމަ ކޮށް މަސައްކަތް ކުރުމުގެ ބޭނުމަކީ ފެލިވަރުގައި އުފައްދާ "ފަސްމީރު" ދަޅު މަހުގެ ޔަގީންކަން އިތުރު ކުރުމެވެ.

"އަހަރެން ފިލިޕީންސްގެ އެންމެ ބޮޑު ފެކްޓްރީގައި ވެސް މަސައްކަތް ކުރިން. އެކަމަކު މި ފެންވަރަކަށް ގައިޑްލައިންތައް ފޮލޯ ކުރަމަކުން ނުދޭ. އެހެންވެ ބުނެވޭނީ ރާއްޖޭގެ ފެލިވަރަކީ ދުނިޔޭގެ ފެންވަރުގެ ފެކްޓްރީއެކޭ،" މަސްވެރިކަމުގެ ގިނަ ފެކްްޓްރީތަކެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު، އަބުއަކާން ރޮބާޓޯ ވިދާޅުވި އެވެ.

ފެލިވަރު ފެކްޓްރީއަށް ނޫސްވެރިން ކުރި ދަތުރުން ރާއްޖޭގެ "ފަސްމީރު" އުފެއްދުންތަކުގެ ޔަގީންކަން ބޮޑު ވެއްޖެ އެވެ. މި ޔަގީންކަމާއެކު އުންމީދަކީ ދާދި އަވަހަށް ދިވެހި ދިދަ އާއެކު ދަޅު މަސް މުޅި ޔޫރަޕަށް ފަތުރާލުމެވެ. އެކަންކުރެވޭނެ ސަބަބަކީ ފެލިވަރު ދަޅު މަހަރައްކާތެރިކަމާއި ސާފުކަމުގެ މަތީ ދަރަޖައިގެ އުފެއްދުންތަކަށް ވުމެވެ.