ރިޕޯޓް

ބާ ދަނގަޑަށް ކިރަން ވެސް މި ކަމުނުދޭ!

Sep 18, 2019
9

ރަށަށް އަރާ ފާލަމުގެ ގާތަށް ހުރީ ނެއްޓެއް ކައިރިވެފަ އެވެ. އެ ދަނީ ރޫޅެމުންނެވެ. ޖެޓީގެ ބައެއް ހިސާބު ތަކުން ފެލިގަނޑު ދޫވެ، ބަނދަރަށް ދެލި އެޅެން ފަށާފައި ހުރިކަން އެނގެ އެވެ. ކުރިއަށް ހިނގައިގަތް ތަނާ ލޮލުގައި އަޅައިގަތީ ފާލަމަށް ވާ އައްސާފައި އޮތް އުޅަނދެކެވެ. އުޅަނދަކަށް ވުރެ ރަނގަޅުވާނީ އެއީ ދަބަރު ގުޅައެކޭ ބުނުމެވެ. ސިފަ ކުރާ މީހުން ބުނާނީ އެހެންނެ އެވެ. ދެން ފެނުނީ މަސައްކަތް ހުއްޓިފައި އޮތް އޮޑި އެހެލާ "ސްލިޕްވޭ" އެކެވެ. އޮޑިއެއް އެހެނުލާތާ ދުވަސްވުމުން އެވެސް ދަނީ ދަބަރަށް ވަމުންނެވެ. ރަށުގެ ޖެޓީ މަތިން މި މަންޒަރު ފެނުނަސް މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރިއަލް ރަށެވެ. ޖަޕާނުގެ ނިޕޯން ކޯޕަރޭޝަންއާއި ދިވެހި ސަރުކާރު ގުޅިގެން 1977 ވަނަ އަހަރު އުފެއްދި ފެލިވަރު މަސް ބަންދުކުރާ ކާރުހާނާއަށް 42 އަހަރު ވެފައި ވާއިރު، މި ތަން ވަނީ ބާވެފަ އެވެ. ރަށު ތެރެ އަށް އަރާ ވަރަކަށް ފެންނަނީ މުސްކުޅި ވަސީލަތް ތަކެވެ.

މަސް ރައްކާކުރާ ކާރުހާނާ އެވެ. މި ތަނުގައި 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދު ކުރުމުގެ ގާބިލްކަމާއި 15 ޓަނުގެ ޕައުޗް (ޕެކެޓް މަސް) ބަންދު ކުރެވެން ހުރެ އެވެ. އަދި 750 މެޓްރިކް ޓަނުގެ މަސް ގަނޑު ކުރެވޭނެ ފިނި ކޮށާރަކާއި 10 މެޓްރިކް ޓަނުގެ ހަތަރު އާރްއެސްޑަބްލިއު ސިސްޓަމާއި 158،400 މަސް ދަޅު ބަންދުކުރެވޭނެ ގުދަނަކާއި 40 މެޓްރިކް ޓަނުގެ ފިޝް މީލް ރައްކާ ކުރެވޭނެ ވަސީލަތާއި މަސް ގަންނަ ދެ ބޯޓު އޮވެ އެވެ.

މިރަށުގެ މިލްކިއްޔާތުގައި ހުރި މުދަލަކީ މި އެވެ. މީގެ ގިނަ އެއްޗިއްސަކީ މަސްވެރިކަމުގެ އާ ޒަމާނަށް ފިޓު ވަސީލަތް ތަކެއް ނޫނެވެ. ގިނަ ވަސީލަތްތައް ހުރީ ހަމަ ނަމެއްގަ އެވެ. މިތަނުގެ މުވައްޒަފުންގެ ކަށިން ހިތްވަރު ނެރެގެން މިތަން ހިންގަނީ އެވެ. ރާއްޖޭގެ މަސްވެރިން 21 ވަނަ ގަރުނުގައި އޮތްއިރު ސަރުކާރު މިރަށުގެ ގިނަ ވަސީލަތްތައް ހުރީ 40 އަހަރު ފަހަތުގަ އެވެ.

މަސް ބޯޓު ފަހަރު ދަބަރަށްވެފައި!

ދިވެހި މަސްވެރިން ދޯންޏަކުން މަސްވެރިކަމުގެ މޫސުމުގައި 30 ޓަނު ބާނަ އެވެ. އެކަމަކު ފެލިވަރުގެ މުޅި ކެޕޭސިޓީއަކީ 50 މެޓްރިކް ޓަނެވެ. އަދި މިތަނުގައި ބޭނުންކުރާ ބޯޓެއްގައި ހުންނަނީ 40 ހަކަށް ޓަނުގެ ކެޕޭސިޓީ އެވެ. މިތަނުގައި ހުރި ކަލެކްޓާ ވެސެލްތަކާއި ބޯޓު ފަހަރު ވަނީ ބާވެ ދަބަރަށްވެފަ އެވެ. އެހެންވެ މި ބޯޓު ފަހަރުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަގެއް މިފްކޯ އަކަށް ނެތެވެ. ޒަމާނީ މަސްވެރިންގެ އެންމެ ދޯންޏަކަށް މިފްކޯގެ ބޯޓެއް ލައިގެން ދަތުރުކޮށްލެވޭ ވަރަށް މަސްވެރިން ތަރައްގީވިއިރު، މިރަށުގައި ވަސީލަތް ނެތުމުން އޮޕަރޭޝަނަށް ދަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

މި ކުންފުނިން މަސް ބޯޓު ފަހަރުގެ ހާލަކު އެންމެ ރަނގަޅަށް އެނގެނީ މިހާރު މި ރަށު ފަޅުގައި އޮތް މިފްކޯގެ 101 ނަމްބަރު ބޯޓުންނެވެ. ބޯޓުގެ ބޭރު ފުށުން އެކަނި ކުންފުނީގެ ހާލަތު އިހުސާސް ކުރެ އެވެ. ދަގަނޑު ބޯޓު ދަބަރަށްވެ ވަނީ ބާގަނޑު ހެދިފަ އެވެ. މި ކުންފުނީގެ ހުރިހާ ބޯޓެއްގެ ހާލަތަކީ ވެސް މިއެވެ.

"ތިޔަ ބޭފުޅާ އަށް ތި ފެންނަނީ ބޯޓުގެ ބޭރު. ހައިރާންވާނެ އެތެރެ ފެނިޖިއްޔާ. މިއީ ބާދަގަނޑަށް ކިރަން ވެސް ހެޔޮވާ ވަރުގެ އެއްޗެއް ނޫން މިއީ. އެހާ ހާލުގަ މިއޮތީ،" މިފްކޯ ބޯޓު އޮޕަރޭޝަންގައި އިސްކޮށް އުޅުއްވާ ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް،އެ ބޯޓުގައި ހުންނަވާ ވިދާޅުވި އެވެ.

މިފްކޯ 101 ނަމްބަރު ބޯޓަކީ އެ ކުންފުނީގައި މިހާރު އޮތް މަސް ގަނެ، ފިނި ކުރެވޭ އެންމެ ބޮޑު ބޯޓެވެ. ނަމަވެސް ބޯޓު ދަބަރަށްވެ އަޑީގައި ބާގަނޑު ހެދެމުންދާތީ ދިޔަވުން ހައްލު ކުރަނީ ކޮންކްރީޓުން ބާގަނޑުތައް ބައްދަމުންނެވެ. ބޯޓު ފޫގޮސްފައިވާތީ ބޯޓުގެ މެއިންޓަނަންސް ކޮސްޓް އިންތިހާ އަށް ބޮޑުވެ އެވެ. ބޯޓުގެ ފިނި ކޮށާރުން ފިނި ލީކުވަމުންދާތީ ހަރަދުތައް އިންތިހާ އަށް ދަނީ މަތިވަމުންނެވެ.

މި ބޯޓުގައި ހުންނަވާ މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ފުރަތަމަ ދެއްވީ ބިރުވެރި ހަބަރެކެވެ.

"އަޅުގަނޑު މި ބުނާ ވާހަކަ ދެންނެވީމަ ތިޔަ ބޭފުޅުން މި ބޯޓުގައި އަޅުގަނޑު ބަހައްޓާފަ ފައިބައިގެން ނުދާނެ ކަމަށް އުންމީދު ކުރަން. މިއީ އަޑިއަށް ދާން ކައިރިވެފައިވާ އެއްޗެއް. އަޑިއަށް ކޮންކްރީޓް އަޅަމުން ގޮސް ވަރަށް ހާލުގަ މިއޮތީ. މިއީ 100 ޓަނުގެ މަސް ފިނި ކުރެވޭ ބޯޓެއް. އެކަމަކު ބޯޓު އަޑިއަށް ހިނގައިދާނެތީ މިހާރު ގަންނަނީ 30 ޓަނުގެ މަސް،" އަމްރު ވިދާޅުވި އެވެ.

އާ ފެކްޓްރީއެއް! އުންމީދެއް

ފެލިވަރާއި މި ކާރުހާނާގެ ވަސީލަތްތައް ހުރި ހާލަކީ މި އެވެ. ފެލިވަރު ވީރާނާވެފައިވާއިރު މި ހާލަތުން އަރައިގަނެވިދާނެ އެވެ؟ އުންމީދެއް އެބައޮތް ހެއްޔެވެ؟ އެކަން ކުރެވޭނެ ޕްލޭންއަކީ ކޮބައި ހެއްޔެވެ؟

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މި ރަށުގައި ހުންނަވައި ވިދާޅުވި ގޮތުގައި އެ ކުންފުނީގައި ޕްލޭން އެބައޮތެވެ. އަދި އެކަމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވަމުންދެ އެވެ.

"ކުރިއަށް އޮތީ މަސްވެރިންނަށް އުފާވެރި ހަބަރު ތަކެއް. އެކަމަކު އެކަމަށް ވަގުތު ބޭނުންވާނެ. އެކަމަށް މި މަސައްކަތް ކުރަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އެނިގިފައިވާ ގޮތުގައި ސަރުކާރުގެ އެންމެ މަތިން ވަނީ ފެލިވަރު ތަރައްގީ ކުރަން ނިންމާފަ އެވެ. މީގެތެރޭގައި ފެލިވަރު ފަޅު ތެރެއިން ބައެއް ހިއްކައިގެން އިތުރު ފެކްޓްރީއެއް އެޅުން ވެސް ހިމެނެ އެވެ.

ނަމަވެސް، މިފްކޯ އާއި އެސްޓީއޯއިން އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި ޖަވާބެއް ނުދެ އެވެ. ފެލިވަރުގައި ހުންނަވައިގެން އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ކޭނަރީ ބޮޑު ކުރުމުގެ މަސައްކަތް ހިނގައި ގަންނާނެ އެވެ.

"ބަލަން ޖެހެނީ ކޮން ތަނެއްގައިތޯ އެންމެ ރަނގަޅީ އަޅަން ފެކްޓީއެއް. ފަންޑު އެބަހުރި ބޭރުން ހަމަޖެހިފައި. އެއް ކަމަކީ ފެކްޓްރީ އެކްސްޕެންޑް ކުރުން. އެކަމަކު އޭގެ ތަފުސީލް އެނގޭނީ ފިނޭންސް އަށް. އަޅުގަނޑުމެން ކުރެހުންތައް ވެސް ނިމިފައިވަނީ. ފެކްޓްރީ އަށް 30 އަހަރު ވެއްޖެ. ކޮންމެ އަހަރަކު އޮޑިޓްކުރަން އާދެ. އަންނައިރު ހުންނަން ޖެހޭ ސްޓޭންޑަޑްތަކެއް ހުރޭ. އެހެންވީމަ ސްޓޭންޑެއް ހިފަހައްޓަން މުޅި ފެކްޓްރީ އަށް އެކްސްޕެންޝަން ބޭނުންވޭ،" އަމްރު ވިދާޅުވި އެވެ.

އުންމީދަކީ މިއީ އެވެ. އެކަމަކު މިހާރު ހުރި ވަސީލަތްތަކުގެ ހާލަތުން އެ ބާދަނޑަކަށް ކިރުވަން ވެސް ކަމުނުދެ އެވެ. އެ ވަރަށް މިތަނުގެ ވަސީލަތްތައް ވަނީ ވީރާނާވެފަ އެވެ. ރާއްޖޭގެ މަސްވެރިކަން ރަނގަޅު ކުރަން ބޭނުންނަމަ ފެލިވަރު ތަރައްގީ ކުރުން އަވަސް ކުރަން ޖެހެ އެވެ.