ވިޔަފާރި

މަސްވެރިކަން ރަނގަޅުވިއިރު މިފްކޯ އެކަނި!

Sep 18, 2019

އުތުރަށް މަސްވެރިކަން އިންތިހާއަށް ރަނގު ވެއްޖެ އެވެ. މަސްވެރިންގެ ބަހުންނަމަ މިހާރު އެރިގެން މި އުޅެނީ "ރަސް އައިނަ" ކަށެވެ. ކޮންމެ ދުވަހަކު މަސް ބާނަކީ ކުރު ދޮށިންނެވެ. މިހާ ދަހި، ރަނގަޅު މަސްވެރިކަމެއް މިއިން ޒަމާނަކު ވެސް ނާދެ އެވެ. މަސްވެރިންގެ ގިނަ ބަޔަކު މިހާރު ތިބީ ރާއްޖޭގެ އުތުރުގަ އެވެ. ނަމަވެސް މިހާރު މުޅި ރާއްޖޭގެ މަސް ގަންނަ އޮތީ ހަމައެކަނި ސަރުކާރުގެ މަސް ކުންފުނި މިފްކޯ އެކަންޏެވެ. އެހެންވެ، މިފްކޯގެ ފެލިވަރު ފެކްޓްރީއަށް އިންތިހާ އަށް މިވަނީ ލޯޑު ބޮޑުވެފަ އެވެ. އިއްޔެ އެކަނި ވެސް މިރަށު ބަނދަރަށް ބާރަ ދޯނިން މަސް ކިރުވި އެވެ.

އެ ދޯނި ފަހަރުގައި ތިބި މަސްވެރިންގެ ޝަކުވާއަކީ މަސްވެރިކަން ރަނގަޅުވީިއިރު މިފްކޯ އެކަނި މަސް ގަންނަ ޖެހުނީ ކީއް ވެގެން ހެއްޔެވެ؟ އެހެން ކުންފުނިތައް ކޮބާ ހެއްޔެވެ؟

"މަހުގެ އަގު ދަށޭ ކިޔާފައި މުވައްޒަފުންނަށް މުސާރަ ދީފައި ތިބުމުގެ ބަދަލުގައި މިފްކޯއަށް އެހީވެ ދިނިއްޔާ ކިހިނެއްތަ ވާނީ؟ މަސްވެރިން މިތިބީ ހާލު ޖެހިފަކަން ނޭނގެނީބާ؟" ޒުވާން މަސްވެރިއަކު އޭނާގެ ހިޔާލު ޓުވިޓާގައި ފާޅުކޮށްފައިވެ އެވެ.

ރާއްޖޭގައި މަސް ގަންނަ ގިނަ ކުންފުނިތަކެއް ހަރަކާތްތެރިވެ އެވެ. އޭގެތެރޭގައި އެންމެ ފުޅާކޮށް މި މަސައްކަތް ކުރާ އެއް ކުންފުންޏަކީ ލ، މާންދޫގައި ކާރުހާނާ ހަދައިގެން އުޅޭ ހޮރައިޒަން ފިޝަރީޒެވެ. އެ ކުންފުނިން ވަނީ މަސް ގަތުން ގާތްގަނޑަކަށް ހުއްޓާލާފަ އެވެ. އަދި އެހެން ކުންފުނިތަކުން މަސް ގަންނަނީ ކިލޯއެއް 13ރ. އާއި 14ރ. އަށެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިހާރުވެސް މަސް ކިރުވަނީ މީގެ ތިން އަހަރު ކުރީގެ އަށެވެ. އެއީ 19ރ. އާއި 20ރ. އަށް ކިލޯ އެކެވެ. ކުންފުނިތަކުން ބުނާ ގޮތުގައި މަހުގެ އަގުދަށް ކޮށް މަސް ގަތުން ކޮންޓްރޯލް ކުރަން ޖެހުނު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އިންތިހާއަށް ދަށްވެގެނެވެ. ނަމަވެސް މިފްކޯއަށް ދައުލަތުގެ ޒިންމާގެ ތެރެއިން މަސް ގަންނަން މަޖުބޫރުވެ އެވެ.

ފެލިވަރު ބަނދަރުގައި އޮތް މިފްކޯގެ 101 ނަމްބަރު ބޯޓުގައި ހުންނަވާ މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި ބައެއް ކުންފުނި ތަކުން އެއް ކިލޯ ހަމަނުވާ މަސް ކިލޯއެއް ރުފިޔާއަކަށް ވެސް ގަނެ އެވެ. އެކަން އެގޮތަށް ހިނގި ނަމަވެސް މަހުގެ އަގު ދަށް ކުރުމުގެ ވިސްނުން އެ ކުންފުނިން ނުގެންގުޅޭނެ އެވެ.

"އަޅުގަނޑުމެން ނުވިސްނަން އަގު ދަށް ކުރާކަށް. ސަބަބަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ކުޑަވާނަމަ މަސްވެރިކަން ކުރި އަރައިގެން ނުދާނެ. މަސްވެރި ކަމަށް އިންވެސްޓް ކުރާ މީހުން އިންވެސްޓެއް ނުކުރާނެ. ރާއްޖޭގެ ދޯނި ފަހަރު އެގޮތަށް ހުރީ ފައިސާ ލިބޭތީ. ކުރިއަށް އޮތްތަނުގައި ވެސް މަސްވެރިކަން ކުރިއަށްދާނީ ރަނގަޅު އެއްޗެއް ލިބިގެން،" އަމްރު ވިދާޅުވި އެވެ.

މަސް ގަތުން ކޮންޓްރޯލެއް ނުކުރޭ

އުތުރަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވުމާއެކު މުޅި ރާއްޖައި ހުރި ހުރިހާ މަސް އޮޑިފަހަރެއް އޮތުރުގަ އެވެ. ކޮންމެ ދުވަހަކު މަސް ބާނައިގެން ފެލިވަރު ބަނދަރުގައި ކިޔޫ ދަމާލަ އެވެ. ނަމަވެސް އެހެން ކޮންމެ ދުވަހަކު ބާނާ މަސް ގަންނާނެ ކެޕޭސިޓީއެއް މިފްކޯގައި ނެތެވެ.

މައްސަލައަކީ ފެލިވަރުގައި މަސް ފިނި ކުރުމާއި ގަނޑު ކުރުމުގެ ކެޕޭސީޓީ ދަށްވުމެވެ. އެހެންވެ މިފްކޯއިން ވަނީ ދޯނި ފަހަރަށް ކިޔޫ ނަމްބަރެއް ދޫކޮށް، މަސް ކިރުމުގެ އިންތިޒާމެއް ހަމަޖައްސާފަ އެވެ. މިހާރު ވެސް މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ކިޔޫ ނަމްބަރު ދޫކޮށްފަ އެވެ. އަދި މަސް ތާޒާކޮށް ބެހެއްޓުމަށްޓަކައި މަސް އޮޑި ފަހަރަށް އައިސް ދޫކުރަމުން ގެންދެ އެވެ. އޭގެ ސަބަބުން ފެލިވަރުގައި ހުރި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓަށް ވެސް ވަނީ އިންތިހާއަށް ލޯޑު ބޮޑުވެފަ އެވެ.

މަސް ބަރުކޮށްގެން ކޫއްޑުއަށް ދެ ދުވަހުން

މަސް ގަތުން ކޮންޓްރޯލް ނުކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން މިފްކޯ އިން ވަނީ ފެލިވަރު އޮޕަރޭޝަންގައި ބޭނުން ކުރަން، ކޫއްޑޫ އިން މަސް އުފުލާ ބޯޓެއް ހޯދާފަ އެވެ. ނަމަވެސް ކޫއްޑު އާއި ފެލިވަރު ދުރުކަމާއެކު ބޯޓު މަސް ބަރުކޮށްގެން އަނބުރާ ފެލިވަރަށް ވާސިވާން ދެ ދުވަސް ނަގަ އެވެ. ހުސްކޮށްފައި އައުމަށް ޖުމްލަ ފަސް ދުވަސް ނަގަ އެވެ.

މަސްވެރިކަން ވަރަށް ރަނގަޅެވެ. އެކަމަކު ވީހާލެއްވާން މިވަގުތު އޮތީ މިފްކޯ އެވެ. އެ ކުންފުނި ދަނީ ޕްރެޝަރުގައި ވީވަރެއް ކުރަމުންނެވެ.