މިފްކޯ

އެސްޓީއޯގެ ދަށުން މިފްކޯ ވަކިވީމަ ދަރަނި ރީސްޓްރަކްޗާ ކުރަން ފަސޭހަވާނެ

އެސްޓީއޯގެ ދަށުގައި ހިންގަމުން ދިޔަ، މިފްކޯ އަމިއްލަ އަށް ހިންގަން ފެށުމުން މިހާރު އޮތް ދަަރަނި ރީސްޓްރަކްޗާ ކުރަން ފަސޭހަ ވެގެންދާނެ ކަމަށް ބުނެފި އެވެ.

ރައްޔިތުން މަޖިލީސް މިއަހަރަށް ހުޅުއްވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު އެސްޓީއޯގެ ދަށުން ހިންގަމުންދާ މިފްކޯ މިނިވަން ކުންފުންޏެއްގެ ގޮތުގައި ވަކިން ހިންގަން ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މި ބަދަލުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފަސޭހަ އަކީ ސަރުކާރާ ގުޅިގެން ދަރަނި ރީސްޓްރަކްޗާ ކުރަން ފަސޭހަ ވެެގެން ދިއުން ކަމަށެވެ.

"މަސްވެރިކަން ދަށްކޮށް ދިޔަ ދުވަސްތަކުގެ ދަރަނި މިފްކޯގައި އެބައޮތް. އަދި މި ހާލަތުގައި މަސްވެރިންނަށް އެހީވާން ވެސް ލޯނު ނެގިން. މިގޮތަށް އޮތް ދަރަނި ރީސްޓްރަކްޗާ ކުރަން ވެސް ފަސޭހަ ވެގެންދާނެ ވަކި ކުރީމަ،" އިސްމާއިލް ވިދާޅުވި އެވެ.

ކުރިން އަމިއްލައަށް ހިންގަމުން ދިޔަ މިފްކޯގެ ދަރަނި ބޮޑުވުމުން އެސްޓީއޯގެ ދަށަން ބަދަލު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި ބަދަލު ގެނައިއިރު އެ ކުންފުނީގެ ދަރަނި 300 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

މި ބަދަލު ގެންނަން ޖެހުނީ މިފްކޯ ރީ-ސްޓްރަކްޗާ ކުރަން ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އަދި މިފްކޯ އަށް މިހާރުވެސް ބޮޑު ގެއްލުމަކާ ދަނީ ކުރިމަތިވަމުންނެވެ. ނަމަވެސް މިހާރު އެ ކުންފުނީގައި ދަރަނި އޮތް މިންވަރެއް ނުބުނެ އެވެ.