މަސްވެރިން

ދުނިޔޭގެ މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ ނިސްބަތް

Sep 8, 2022

ލިޔުނީ: އިބްރާހިމް ޒާދީ

މަސްވެރިންގެ ދުވަހުގެ ނަމުގައި 41 އަހަރު ފާހަގަކުރެވިގެން ދިޔައިރު މި ސިނާއަތް ކުރި އަރުވަން ކުރެވިފައި ހުރި މަސައްކަތް ތަކާއި، ކަމާ ގުޅޭގޮތުން ހަދާފައި ހުރި ގާނޫނު ތަކާއި، ގަވައިދު ތަކާއި އަދި ދުނިޔޭގެ މަސްވެރިކަމުގެ ސަފުގައި ރާއްޖޭގެ ނިސްބަތް ދެނެގަތުމަކީ މުހިއްމު ކަމެއް ކަމުގައި ވާތީ، މިގޮތުން ފާހަގަކުރެވޭ ބައެއް އުސް އަލިތައް ހިއްސާ ކޮށްލާނަމެވެ.

މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ޒަމާންވީ އެއް މަސައްކަތެވެ. ކާބަފައިން މަސްވެރިކަން ނުކުރާ ދުވަހެއް އެނގޭކަށް ނެތެވެ. ތަފާތު އެތައް ވައްތަރެއްގެ މަސްވެރިކަމެކެވެ. ދިވެހީންގެ މައިގަނޑު ކާނާ އަކީވެސް މަހެވެ. ބާނާ މަހުން، ބޭނުން ތަކަށް ވުރެ އިތުރުވާ ބައި، ހިކި މަހުގެ ގޮތުގައި އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ.

ރިޔަލާއި، ފަލީގައި މާބޮޑެތި ނޫން އޮޑި ދޯނި ފަހަރުގައި ދިވެހިން ކުރަމުން އައި ދޮށީގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް އައިސް، ސިނާއަތެއްގެ ސިފަ ޖެހުނީ 1974 ވަނަ އަހަރު ސަރުކާރުން، ދެވަނަ ޖީލުގެ އިންޖީނު އެޅި މަސްދޯނި ފަހަރު ތައާރަފް ކުރި ހިސާބުންނެވެ. މީގެ އިތުރުން 1977 ވަނަ އަހަރު ދިވެހި ސަރުކާރާއި ޖަޕާނުގެ އިންވެސްޓްމެންޓަކާ އެކު ޅ. ފެލިވަރުގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް ބިނާކޮށް، މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރަން ފެށުމާއެކު ރާއްޖޭގެ އިގްތިސާދުގެ އައު ބާބެއް ފެށުނެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެފައިވަނީ މަސްވެރިކަމަކީ ދިވެހި އިގްތިސާދުގެ ލޭނާރު ކަމުގަ އެވެ. އެމަނިކުފާނުގެ ޒައާމަތުގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި، ޑިސެމްބަރު 10 ވަނަ ދުވަސް ކަނޑަ އަޅައި، އޭގެފަހުން ކޮންމެ އަހަރަކު އެދުވަސް އަންނަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފާހަގަކުރަމުންނެވެ.

ސިނާއަތުގައި މިފްކޯގެ ދައުރު

މިފްކޯ އަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަތުމާއި، މަހުގެ އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމާއި އަދި އެކްސްޕޯޓް ކުރުމުގެ އިހުތިސާސް މަތި ކޮށްފައިވާ ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުންޏެވެ. މަސްގަތުމުގައި ހަރަކާތްތެރިވާ 14 އުޅަނދު މި ކުންފުނީގައި އޮވެ އެވެ. ތިން ސަރަހައްދެއްގައި ޖުމްލަ 8،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުރެ އެވެ. ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް ފެލިވަރު ގައި ހުރެ އެވެ. އަދި އެކްސްޕޯޓް ކުރާ ރޯ ކަންނެލި ބަންދު ކުރާ ފެސިލިޓީއެއް މާލެ އަތޮޅު ކަނޑުއޮތްގިރީ ގައިވެސް ހުރެ އެވެ.

ވޭތުވެ ދިޔަ ދިގު ތާރީހަށް ބަލާއިރު، ދިރުން ފެންނަނީ ނިސްބަތުން ފަނޑު ކޮށެވެ. މަސްވެރިކަން ރަގަޅު ދުވަސްވަރު ގުދަން ތަކުގެ ޖާގަ ފުރި، މަސްގަންނަ މިންވަރު ކޮންޓްރޯލް ކުރަން ޖެހެނީ މަދަކުން ނޫނެވެ. މިއީ ސިނާއަތުގައި އަބަދުވެސް އޮންނަ ބޮޑު ޝަކުވާއެވެ.

މަސްވެރިކަމަކީ މޫސުމީ ކަމެއް ކަމުން ކޮންމެ އަހަރަކުވެސް މަސްވެރިކަމުގެ މޫސުން ފެށެނީ އަހަރުގެ ފަހުކޮޅު ގައެވެ. ދިވެހީން ކިޔާގޮތުން ނަމަ އެއީ އިރުވައި މޫސުމެވެ. ކަނޑުގެ ފިނި ހޫނުމިނާއި، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލާއެކު މާކަނޑުން އައިސް ރާއްޖޭގެ އުތުރު ދުނިން އެތެރެވާ ފަނިވަރު ތަކާއެކު މަސްވެރިކަމުގެ ފަހި މޫސުން ފެށެ އެވެ. މަޑުމަޑުން ދެކުނަށް ޖެހެމުން ގޮސް ރައްޖޭގެ އެންމެ ދެކުނަށް މަސްވެރިކަމުގެ ތިޔާގިކަން ފޯރަން ތިން ހަތަރު ހަފުތާވަރު ނަގަ އެވެ. އާ އަހަރު ފެށިގެން މާޗް އޭޕްރިލް ހިސާބު ހުޅަނގު މޫސުން އައިސް ބޯމަތި ވުމުން މަސްވެރިކަން ރާއްޖޭގެ ދެކުނަށް ގޮސް އޮބާލަ އެވެ. ކޮންމެ އަހަރަކުވެސް މިކަން މިމަގުން ތަކުރާރު ވަމުން އަންނަކަން ނޭނގޭ ދިވެއްސަކު، މަސްވެރިކަމުގެ ދާއިރާގައި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވެ އެވެ.

އިރުވައި މޫސުމުގައި ނޫނަސް، މޫސުން ރަނގަޅު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެކި ދުވަސްވަރު އެކި މިންވަރަށް މަސް ބާނަ އެވެ. އޮއިވާލި ކަނދު ފައްޗަކީވެސް މަސްވެރިކަމުގައި ކާމިޔާބު ބައެއްކަން ފާހަގަކުރަމެވެ. މީގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރާ މަސް ވެރިކަމެކެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާއްޖޭގައި ކުރަނީ ދޮށީގައި ފަހަރަކު މަހެއް، މި އުސޫލުންނެވެ. މިއީ މަސް ވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ އެންމެ ރަގަޅު ގޮތްވެސް މެއެވެ. ފެންނަން ހުރި ހިސާބު ތަކުން ސާފުވާ ގޮތުގައި، ދޮށީގެ މަސްވެރިކަމުގެ ދުނިޔޭގައި ރާއްޖެ ހިމެނެނީ ގަދަ ތިނެއް ގައެވެ. އެއީ 2016 އިން 2020 އަށް އަހަރު 103،000 - 69،000 މެޓްރިކް ޓަނެވެ. ރާއްޖޭގައި ބާނާ މަހުގެ ސައްހަ އަދަދު ބެލޭނެ އިތުބާރު ހިފޭ މެކޭނިޒަމެއް ނޯންނާތީވެ، މިއަދަދު މިއަށް ވުރެ އިތުރު ވާނެ ކަމަށް ބެލެވެ އެވެ. ހިސާބެއް ކިތާބެއް ނެތި އެއްގަމަށް ކިރާ މަހުގެ ތެރޭގައި، މަސް ކައްކާ ފަރާތް ތަކުންނާއި، ރިޒޯޓް އަދި ހޮޓާ ތަކުންނާއި މީގެ އިތުރުން މުޅި ރާއްޖޭގެ ގޭބިސީ ތަކުގެ ކެއުމަށް ބޭނުން ކުރާ މަސް ހިމެނެ އެވެ.

ގާނުނާއި ގަވާއިދު

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު، ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް ސެޕްޓެމްބަރު 19، 2019 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ތަސްދީގް ކުރައްވާފަ އެވެ. މި ގާނޫނުގެ ދަށުން ހެދި މަސްގަންނަ ބޭރުގެ އުޅަނދު ފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދު އޮގަސްޓް 4، 2020 ގައި އަދި ކަނޑު މަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު އޮގަސްޓް 29، 2022 ވީ ތާރީހުގައި ސަރުކާރުން ވަނީ ގެޒެޓް ކޮށްފަ އެވެ.

ކޮންމެ ކަމަކަށްވެސް ހަރުދަނާ ގަވާއިދެއް ހެދިފައި އޮތުމަކީ ނުހަނު ބޭނުން ތެރި ކަމެކެވެ. އެހެންނަމަވެސް އެ ގަވާއިދު ވާންޖެހޭނީ ނަތީޖާ ހާސިލު ކުރުމަށްޓަކައި، އިންސާނުންނަށް އުފުލޭ، އިންތިޒާމީ ތަރުތީބު ތަކަކަށެވެ. މަތީގައި ފާހަގަކުރި ދެ ގަވާއިދަށް ބަލާއިރު އެ ދެ ގަވައިދަކީ ހެޔޮ ނިޔަތުގައި ކަމަކަށް ކަމެއް ކުރަން ކުރި ކަމަކަށް ވުރެ ނަމަކަށް ކަމެއް ކުރަން ހެދި ގަވާއިދެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މަސްވެރިކަމުގެ ގާނޫނުގައި ސިޓީ ކައުންސިލްގެ ދައުރަށް ބަލާލާފައި ވިޔަސް، ލޯކަލް ކައުންސިލަކީ މިބުނެވުނު ގަވައިދު ދަންނަ އެއްޗަކަށް ނުވުމަކީ މި ގަވައިދު ތަކުގެ ދޯހަޅިކަން އިތުރަށް ދޭހަ ވެގެންދާ ކަމެކެވެ. ގާނޫނުން ބާރު ލިބިފައިވާ ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުންގެ ކަންތައް ގާތުން ބަލައި ހިދުމަތް ފޯރުކޮށް ދިނުމުގެ އެންމެ ޒަމާނީ ވަންތަ ސިފަ އެވެ.

ދުނިޔޭގެ މަހުގެ ބާޒާރު

ދުނިޔޭގައި ކަނޑު މަހާއި ކަންނެއްޔަށް ވަރަށް ބޮޑު ބާޒާރެއް އެބައޮތެވެ. ދެހާސް އަށާރަވަނަ އަހަރުގެ ހިސާބުތައް ދައްކާގޮތުން، ކަނޑުގެ ބާވަތް ތަކުގެ ތެރެއިން އެންމެ ގިނައިން ވިކިފައިވަނީ ކަޅުބިލަ މަހެވެ. އެއީ ދުނިޔޭގެ މަސް ބާޒާރުގެ 39.52 ޕަސަންޓް ހިއްސާ އެވެ. އަގުގެ ގޮތުން 16.10 ބިލިއަން ޔޫއެސް ޑޮލަރެވެ. ބާޒާރުގެ ދެވަނައިގައި 38.66 ޕަސަންޓްގެ ހިއްސާއާ އެކު އޮތީ ރީނދޫ އުރަހަ ކަންނެއްޔެވެ. އެއީ އަގުގެ ގޮތުން 15.80 ބިލިއަން ޔޫއެސް ޑޮލަރެވެ. މި ދެބާވަތަކީ ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަދި އެތައް ގުނައެއް އިތުރަށް ކުރުމުގެ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ދެ ބާވަތެވެ.

ހާމަ ކުރެވުނު އަދަދު ތަކަށް ބަލައި، ވިޔަޖެހުމުން ނުކުންނަ ސާދާ ނަތީޖާ އަކީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވިހެން ދޮށީގައި ފަހަރަކު މަހެއް އަދި ނަނުގައި ފަހަރަކު މަހެއް އުސޫލުން މަސްވެރިކަން ކުރާ މިރާއްޖެ އަކީ ދޮށީގެ މަސްވެރިކަމުގައި މުޅި ދުނިޔޭގެ ޗެމްޕިއަނަށް ވުމުގެ މަގު އެންމެ ތަނަވަސް ގައުމު ކަމެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ވައްޓަފާޅިއާއި، ތަބީއަތް މާކެޓް ކޮށްގެން 78.18 ބިލިއަން ޔޫއެސް ޑޮލަރުގެ ބިޔަ ސިނާއަތުން އެކަށީގެންވާ ހިއްސާއެއް ލިބޭނެ މަގު ކޮށައި ދިނުމަކީ "ދިވެހީންގެ އިގްތިސާދީ ލޭނަރު"ގެ ހައްގު މިންވަރަށް ވާން ޖެހެ އެވެ. މަސްވެރިންނާއި އޮޑިވެރިންގެ ގަޔަށް ހެޔޮވަރު ގަވައިދުތައް ފަރުމާކޮށް، ތަކްލީފް ނުޖައްސާ، އިނާޔަތުގެ މަޝްރޫއުތަކުން ތަކްލީފް ފިލުވައި ދިނުން ފިޔަވައި މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަކި އެހެން އެއްޗެއް ވޭހެއްޔެވެ.