ރިޕޯޓް

"ހަމަ އަގު" ހޯދަން ގޮވާތީ ސަރުކާރު ފިލާނެ ކަމެއް ނެތް!

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ރާއްޖޭގެ މަސް ބޭރުކުރީ ސްރީލަންކާ އަށް އެކަންޏެވެ. ނަމަވެސް ލަންކާގެ އިކޮނޮމީ ވަރުގަދަ ކުރުމުގެ ގޮތުން އެހެން ގައުމުތަކުގެ މަސް އިމްޕޯޓު ކުރުން އެ މީހުން ހުއްޓާލި އެވެ. އެއީ ދިވެހިންނަށް ހޭލެވުނު ހިސާބެވެ. އެ ހިސާބުން އޭރުގެ ސަރުކާރަށް ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން ޖެހޭ ކަމަށް ވިސްނުނެވެ. ރާއްޖެއަށް ބާނާ މަސް ރާއްޖޭން ގަނެވޭނެ ގޮތެއް ހޯދަން ޖެހޭކަން ވިސްނިގެން މަސައްކަތް ފެށި އެވެ. އެ މަގުސަދުގައި ޖަޕާނުގެ ހޯކޯމާރު ކުންފުނި ރާއްޖެ ގެނެސް މަސްވެރިކަން އެހެން ފިޔަވަޅެއް ކުރިއަށް ޖެއްސި އެވެ.

އޭގެ ފަހުން 1980 ގެ ކުރީކޮޅުގައި މަސްވެރިކަން ތަރައްގީ ކުރަން ސަރުކާރުގެ މަސް ކުންފުންޏެއް އުފެއްދި އެވެ. ނަމަވެސް އޭރު އުފެއްދި ވަސީލަތްތައް އެގޮތުގައި އޮންނަތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވެ "ބާދަގަނޑު" ގައި އޮންނަތާ ވެސް އެތައް އަހަރެއް ވެއްޖެ އެވެ. ތަރައްގީގެ ކަންފުޅެއް ނެތި ވީރާނާވަމުންދާ އެ ވަސީލަތްތަކާއެކު ސަރުކާރު ކުންފުނި ކުރި ދަތުރުގެ މި ހިސާބުގައި މިހާރު ފެތުރާ އަޑަކީ ސަރުކާރުން މަސްވެރިކަމާ ދުރަށްދާ ވާހަކަ އެވެ.

މިއީ އެންމެ ރަނގަޅު ގޮތެއް ހެއްޔެވެ؟ މަސްވެރިކަން ދެން އޮތް ހަރުފަތަށް ގެންދަން ބޭނުންނަމަ ޓޫރިޒަމް ތަރައްގީ ކުރި ކޮންސެޕްޓް އެޕްލައިކޮށްގެން މަސްވެރިކަން ކުރިއެރުވި ދާނެ ހެއްޔެވެ؟

"މަސްވެރިކަމުގައި ސަރުކާރު އޮންނަން އެބަޖެހޭ. މި ސިނާއަތް ތަރައްގީވެ، އިތުބާރު ހިފޭ ހިސާބަށް ދިއުމުން ދުރަށް ޖެހިލުމަކީ މައްސަަލައެއް ނޫން. އެކަމަކު މިހާރު މަސްވެރިކަން ކުރިއަށް ގެންދަން މިފްކޯ ވަރަށް މުހިންމު،" މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާފައިވާ ގިނަ ދުވަސްވެފައިވާ އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރި ކަމަކީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ މަސްވެރިކަމަށް ވުރެ އަގު ބޮޑު އަދި ފައިދާ ބޮޑު މަސްވެރިކަމަކޭ ބުނެވިދާނެ އެވެ. އަދި ދިވެހި މަސްވެރިންނަކީ މި ސަރަހައްދުގެ މަސްވެރިންނާ އަޅާ ބަލާއިރު، ރަނގަޅު އާމްދަނީއެއް ލިބޭ ބައެކެވެ.

ސަރުކާރުން މަސްވެރިންނާއެކު ކުރި މަސައްކަތްތަކެއް ވެސް އެބަހުއްޓެވެ. އެންމެ ބޮޑު ކަމަކީ ސަރުކާރުތައް އެއްވެސް އިރެއްގައި މަސްވެރިކަމާ ދުރަށް ނުގޮސް އޮތް އޮތުމެވެ. އެހެން ނަމަވެސް ގިނަ ފަހަރު ސަރުކާރުތައް މަސައްކަތްކޮށްފައި ވަނީ މަސްވެރިންގެ ބޭނުން ހިފައި ވަގުތީ ސިޔާސީ ބޭނުންތައް ފުއްދުމަށެވެ. އެއް މިސާލަކީ ވެރިކަމަށް އަންނަން ލިޔާ ވައުދު ތަކުގައި ހުންނަ ލިއުން ތަކާއި ދަމާ ވައުދު ފޮތިގަނޑެވެ. "ބެޔަސް ނުބެޔަސް" ދޭ ފައިސާ ގެ ވާހަކައެއް ފެނިއްޖެ އެވެ. މިހާރު އިވެނީ "ޑޮލަރުން ހަމަ އަގު" ދޭ ވާހަކަ އެވެ.

ހަމަ އަގު ދޭ ވާހަކަ ގަދަވުމާއެކު އޭގެ ތެރެއިން ނުކުމެފައި ވަނީ ސަރުކާރުން ކޮންމެހެން މަސްވެރިކަމުގައި އޮތުން މުހިންމު ނޫން ކަމުގެ ވާހަކަ އެވެ. ގެއްލުމުގައި ހިންގާ ސަރުކާރުގެ މަސް ކުންފުނި، މި ސިނާއަތާ ދުރުވެ، ސަރުކާރުން މަސްވެރިކަމާ ދުރަށްދާން ޖެހޭ ވާހަކަ އެވެ. އެ ވާހަކައަށް ބާރު ލިބޭ މޭރުމަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވާހަަކަ ފުޅު ދައްކަވާފަ އެވެ. އާންމު ގޮތެއްގައި މިފަދަ ކަންކަމުގައި ރައީސްގެ ވާހަކަފުޅު އަންނަނީ ކޮންމެވެސް ވަޒީރަކު ރައީސްގެ އަނގައަށް ވާހަކަ ލަވައިދީގެނެވެ. ރައީސްގެ ކުރިފުޅުމަތީގައި ރަނގަޅު ރިސާޗެއް ނޯވެ އެވެ.

ރައީސް ސޯލިހު ނެންގެވި މިސާލަކީ ޓޫރިޒަމް އުފެދި ތަރައްގީވި ކޮންސެޕްޓެވެ. ޕްރައިވެޓް ސެކްޓާގެ މަސައްކަތުން ތަރައްގީ ކުރި ޓޫރިޒަމް ގޮތަށް އެ މަގުން މަސްވެރިކަން ވެސް ގެންވިދާނެ ކަމަށް ރައީސް ވަނީ އިޝާރާތް ކުރައްވާފަ އެވެ.

އެކަމަކު މިއީ މަސްވެރިކަން ދޫކޮށްލައި ސަރުކާރުން ދުވެ ފިލަންވި ވަގުތު ހެއްޔެވެ؟

ޓޫރިޒަމްގެ މަގުން މަސްވެރިކަން ގޮސްގެން ވާނެގޮތް

މިހާރު ޓޫރިޒަމް އޮތް ހާލަތަށް ބަލާލާއިރު ރާއްޖޭގެ ޓޫރިޒަމްގެ މިހާރުގެ "އޯނަރުން" ނަކީ ދިވެހިން ހެއްޔެވެ؟ ރިސޯޓުތަކުގެ ވެރިންނަކީ ދިވެހި ވިޔަފާރިވެރިން ހެއްޔެވެ؟ ޓޫރިޒަމަށް ބަލާއިރު ދިވެހިންގެ ރިސޯޓު އޯނަރުންގެ މިލްކިއްޔާތުގައި ހުރި ރިސޯޓުތައް މަދުވާނެއޭ މިހާރު ބުނެވި ދާނެ އެވެ. ރާއްޖޭގެ ޓޫރިޒަމް މިހާރު ކޮންޓްރޯލް ކުރަނީ ބޭރު މީހުންނެވެ. އެހެންވީއިރު އެކަށް ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަން ހުޅުވާލައި ސަރުކާރު އެކަމުން ބޯ ދަމައިގަނެ ބޯ ދަށަށް އަތްލައި ހަމަޖެހިލައިގެން އޮވެއްޖެނަމަ މަސްވެރިކަން ވެސް އޮންނާނީ އޮޔާގޮސް ލޮލުކޮޅަށް އޮބާލާފަ އެވެ. މިއީ ވެގެން ދިއުން ވަރަށް ކައިރި ގޮތެކެވެ.

މި ސަރުކާރުން ގެންނަ އާ ވިސްނުމަކުން މަސްވެރިކަމާ ދުރަށް ސަރުކާރު ހިނގައްޖެނަމަ ދިވެހި ކަނޑުތަކުގައި މުޅީން ވެސް ދުއްވާނީ ބޭރުގެ މަސް ބޯޓު ތަކެވެ. އެ ބޯޓުތަކުގައި ވަށައިގެން ދޮށި އަޅަން ތިބޭނީ މުޅިން ވެސް ބޭރު މީހުންނެވެ. އޭގެ ބަދަލުގައި ސަރުކާރުގެ މަސް ކުންފުނި ތަރައްގީކޮށް ފެސިލިޓީތައް ގާއިމް ކޮށްގެން ކުރިއަށް ދިއުމަކީ ދިވެހި މަސްވެރިކަން ދިވެހިންގެ އަތްމަތީގައި ބާއްވަން ބޭނުން ކުރެވިދާނެ ތިއަރީއެއްގެ ގޮތުގައި މި ސިނާއަތުގެ އެކްސްޕާޓުން ގަބޫލު ކުރައްވަ އެވެ.

މަސްވެރިކަމުގައި ހިދުމަތް ކުރައްވައި ގައުމީ އިނާމު ލިބިވަޑައިގެންފައިވާ މައިޒާން އަހުމަދު މަނިކު (މައިޒާން އަހައްމަދޭ) ވިދާޅުވި ގޮތުގައި މަސްވެރިކަމާ ސަރުކާރު މުޅިން ދުރުވުމަކީ އެއްވެސް ގޮތެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މިހާރު އަމަލު ކުރަމުންދާ ގޮތަށް ބަދަލު ތަކެއް ގެންނަން ޖެހެ އެވެ.

"މިފްކޯ ދިރުވައި ބާއްވަން އެބަޖެހޭ. މިހާރު ޖެހިގެން އުޅޭ މައްސަލައަކީ މަސްވެރިން ކުރިއަރައިގެން ދިޔަ ވަރަށް ވުރެ މިފްކޯ ބޮޑު ތަނުން ފަހަތުގައި އޮތުމުގެ މައްސަލައެއް. މަސް ގަންނަން ޕްރައިވެޓް ސެކްޓާ އަށް ހުޅުވާލިއަސް ޕްރައިވެޓް ސެކްޓަރުގެ ކުންފުނި ތަކުން މަސް ނުގަނެވޭ ހާލަތްތަކުގައި މަސް ގަނެވޭނެ ކެޕޭސިޓީ މިފްކޯގައި އޮންނަން އެބަޖެހޭ،" އަހަންމަދޭ ވިދާޅުވި އެވެ.

އަހަންމަދޭ ދެއްކެވި އެއް މިސާލަކީ ސިންގަޕޫރެވެ. އެ މީހުން ތަރައްގީވެގެން ދިޔަ ނަމަވެސް އެ ގައުމުގެ ސަރުކާރު ކުންފުނި އެންޓީޔޫސީ މިހާރު ވެސް އެބަ އޮތެވެ.

"އަގު ކޮންޓްރޯލް ކުރަން އެންޓީޔޫސީ އޮވޭ. އެހެންވެ އެންމެ ދެރަ މީހުންނަށް ވެސް އަގު ކޮންޓްރޯލް ކުރެވޭނެ ސިޔާސަތެއް ރާވާފައި އޮވޭ އެ ސިނގްޕޫރުގައި" އެނާ ވިދާޅުވި އެވެ.

ކޮންމެ ހާލަތެއްގައި ވެސް އެންމެ ސަސްޓޭނަބަލް އިންޑަސްޓްރީއަކީ މަސްވެރި ކަމެވެ. މި ހަގީގަތް ރާއްޖެ އެތައް ފަހަރަކު ތަޖުރިބާކޮށްފި އެވެ. އެހެންވެ މިހާރު އެއީ ޔަގީން ކަމެކެވެ. ސުނާމީ ކާރިސާއާ ގުޅިގެން މުޅި ޓޫރިޒަމް ހުއްޓުނުއިރު ވެސް މަސްވެރިކަން ދިޔައީ ކުރިއަށެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި މުޅިރާއްޖެ ލޮކްޑައުން ކުރި ނަމަވެސް މަސްވެރިން ތިބީ ކަނޑުމަތީގައި ހިދުމަތުގަ އެވެ.

އެހެންވީއިރު މަސްވެރިކަން ތަރައްގީ ނުކުރަންވީ ކީއް ވެގެން ހެއްޔެވެ؟ ކިތަންމެ ބޮޑު އިންވެސްޓްމަންޓެއް ހޯދައިގެން ވިޔަސް މަސްވެރިކަން ދިވެހިންގެ އަތްމަތީގައި ބޭއްވޭނެ ގޮތެއް ހޯދަން އެބަޖެހެ އެވެ. ސަރުކާރުގެ މުސްކުޅި މަސް ކާރުހާނާތައް ތަރައްގީ ކުރަން އެބަޖެހެ އެވެ. އެކަން އަވަސް ކުރަން އެބަޖެހެ އެވެ.

މަސްވެރިންގެ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ އަހަންމަދޭ ވިދާޅުވި ގޮތުގައި ސަރުކާރު ވަޒީފާ ތަކަށް ބަލައިލި ނަމަވެސް ވަޒީފާތަކުގައި ގިނައިން ތިބޭނީ މަސްވެރިއެއްގެ ދަރިއެކެވެ. އަދި އެއީ މަސްވެރިންގެ ރީތި މިސާލެއްގެ ގޮތު އޭނާ ސިފަ ކުރައްވަ އެވެ.

"މަސްވެރިން ފައިސާ ހޯދައިގެން ދުނިޔޭގެ އެތަށް މިތަނަށް ފޮނުވައިގެން ކިޔަވައި ދެނީ. ސަރުކާރު ހިންގުމުން ފެށިގެން ހުރިހާ ވަޒީފާ ތަކެއް ބައްލަވާ ގިނަވާނީ މަސްވެރިންގެ ދަރިން. ޓޫރިޒަމް ސިނާއަތުގެ ބޭފުޅުންގެ ދަރިން އުޅުއްވާނީ އެ ބޭފުޅުންގެ ވިޔަފާރީގަ. އެހެންވީމަ މި ސިނާއަތް ދިވެހިންގެ އަތްމަތީގައި ބާއްވައިގެން ކުރި އަށް ދާންވީ،" އަހައްމަދޭ ވިދާޅުވި އެވެ.

އަބަދު ހަމަ އަގަށް ކުރާ ވަކާލާތު: ކީއްވެ؟

ރައީސް ސޯލިހުގެ މި ސަރުކާރުގެ ވައުދަކީ މަސްވެރިންނަށް ހަމަ އަގު ދިނުމެވެ. މަސްވެރިން ހަމަ އަގު ހޯދަން އަބަދު ވަކާލާތު ކުރަނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖޭގައި ކުރާ ކަޅުބިލަ މަހުގެ މަސްވެރިކަމުގައި 18،000 މީހުން އުޅެ އެވެ. އަދި މި ސިނާއަތުގައި 900 ދޯނި ހަރަކާތްތެރިވެ އެވެ. މި ސިނާއަތުގެ މީހަކަށް މުޅި އަހަރަށް ބަލާއިރު އެވްރެޖުކޮށް ބެނީ މަހަކު ގާތްގަނޑަކަށް 15،000ރ. ގެ އާމްދަނީ އެކެވެ. ނަމަވެސް ރާއްޖޭގައި މަހުގެ އަގު ވޭތުވެދިޔަ ހަތް އަހަރު 20ރ. ގައި ހުރި ނަމަވެސް މަސްވެރިންނަށް އެ އަގު ވެސް ކުޑަ އެވެ. މިއަދު ވެސް ޝަކުވާއަކީ އެއީ އެވެ. ހަަމަ އަގެއް ނުލިބެ އެވެ. މަސްވެރިންނަށް ހަމަ އަގު ނުލިބެނީ އެވެ. އެ މައްސަލައަކީ މުޅިން އެހެން ވާހަކަ އެކެވެ. އެ މައްސަލަ ނިއުޅާލުމުން ވެސް ފެންނާނީ އެހެން މަންޒަރެކެވެ.

މަސްވެރިންގެ ބޮޑެތި އޮޑި ފަހަރު މިހާރު ފެންނަން ހުއްޓަސް މި އޮޑި ފަހަރު ތަރައްގީވުމުގައި ސަރުކާރުގެ ހިއްސާއެއް ނެތެވެ. މީގެ ދޯންޏެއް ބަންނަން ދެ އަހަރު ނޫނީ އެއަށް ވުރެ ގިނަ ދުވަސް އެބަ ނަގަ އެވެ. ދޯންޏެއް ބަންނަން ބޭނުންނަމަ މުޅި އާއިލާގެ މިލްކިއްޔާތު އެއްކޮށް ރަހުނު ކޮށްގެން ނޫނީ އެކަމެއް ނުވެ އެވެ. އަދި އެކަމަށް ލިބޭ ލޯނުގެ އިންޓްރެސްޓް ރޭޓް ފެށޭނީ 12 ޕަސެންޓުންނެވެ. ޓޫރިސްޓު ރިސޯޓެއް ހަދަން ގެންނަ ތަކެތިން ޑިއުޓީގެ އިނާޔަތް ލިބުނު ނަމަވެސް މި ނިމުނު 2020 ގެ މެދަކާ ހަމައަށް ވެސް މަސްވެރިކަމަށް ގެންނަ ގިނަ އެއްޗިއްސަކީ 100 ޕަސެންޓް ޑިއުޓީ ނަގައިގެން އެތެރެކުރި ތަކެއްޗެކެވެ.

އޭގެ ނަތީޖާއަކީ މަސް އޮޑިބާލާ ހިސާބަށް ދާންވާއިރަށް އޮޑިވެރިޔާގެ ނޯށުން މައްޗަށް ފެން އެރުމެވެ. އޭނާ ދަރަނިވެރިވެފައި ހުރުމެވެ. އޮޑި ބާލައި މަސް ބާނަން ފެށުމާއެކު ހަމަ އަގަށް ވަކާލާތު ކުރުން ނޫން ޗޮއިސްއެއް އޭނާއަކަށް ނޯވެ އެވެ.

ނަމަވެސް އެވްރެޖުކޮށް މަސް ކިލޯއެއް 13ރ. އަށް ވުރެ މަތީގައި ހުރެ، މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ލިބި، އައިސް ލިބޭނަމަ، މަސްވެރިންގެ ޝަކުވާ މަދުވާނެ އެވެ. މިހާރު ޖެހިގެން އުޅޭ މައްސަލައަކީ 20ރ. ވަރަށް މަސް ކިލޯއެއް ގެނެސްގެން ނޫނީ އޮޑިވެރިޔާ ސަލާމަތް ވާނެ ގޮތެއް ފެންނަން ނެތުމެވެ. މަހަށް ދާން ދޯންޏަށް ފަޅުވެރިން އަރާ ހިސާބުން އޮޑިވެރިޔާގެ ޒިންމާގެ ދަށަށް ފަޅުވެރިންގެ އާއިލާތައް ވެސް ދެ އެވެ. ދޯންޏަށް އަރާ ހިސާބުން ފަޅުވެރިއެއް ބަލިވިއަސް ބަލަހައްޓާނީ އޮޑިވެރިޔާ އެވެ. ފައިސާ ބޭނުން ވިއަސް ދޭނީ އޮޑިވެރިޔާ އެވެ. ހަގީގަތުގައި ހަމަ އަގު ހޯދަން ވަކާލާތު ކުރަން މަޖުބޫރުވާ ސަބަބަކީ އެއީ އެވެ.

މަސްވެރިކަން ކުރި ނާރަނީ ސަރުކާރުގެ އެހީތެރިކަން ކުޑަ ވެގެނެވެ. ވާނުވާ ސަރުކާރަށް ނޭނގޭތީ އެވެ. އެ ޝައުގުވެރިކަން ސަރުކާރުގައި ނެތިގެނެވެ.

ކަޅުބިލަ މަހުގެ މަސްވެރިކަން މިހާރު އޮތް ގޮތަށް ބަލާނަމަ ދުނިޔޭގެ ބާޒާރުގައި މަސް ޓަނެއްގެ އަގު ހުރީ 1،300 ޑޮލަރަށެވެ. އެހެންވީއިރު، ބޭރުން މަސް ބޯޓެއް ޗާޓަރު ކޮށްގެން ގެނައި ނަމަވެސް އެކަން ކުރަން ޖެހޭނީ ގެއްލުމުގަ އެވެ. އެހެންވީމަ މި ސިނާއަތް ތަރައްގީ ކުރަން ބޭނުންނަމަ ދިވެހި ކުންފުނި ތަކަށް ފުރުސަތު ދިނުމުގެ އިތުރުން، ފައިނޭންސް ލިބޭނެ ގޮތް ވެސް ހޯދައިދޭން ޖެހެ އެވެ. ޓޫރިޒަމްގެ ނުހެދި ހުރި 80 ރަށަށް ގޮތެއް ހޯދައިދޭން ވަކާލާތު ކުރާ ގޮތަށް ކަޅު ބިލަމަހުގެ މަސްވެރިކަމަށް ނުކުންނަން ތިބި ދިވެހިންގެނަށް އެ ފުރުސަތު ހޯދައި ދޭން ޖެހެ އެވެ.

ވަސީމް ވިދާޅުވި ގޮތުގައި އިތުރު ކުންފުނި ތަކަށް މި ސިނާއަތް ސަރުކާރުން ހުޅުވާލުމުން އެ ކުންފުނީގެ ޝައުގުވެރިކަން އެބަހުއްޓެވެ. ނަމަވެސް ދިވެހި އިންވެސްޓަރުންނަށް ވެސް ސަރުކާރުގެ އެހީތެރިކަން ބޭނުންވެ އެވެ.

"ހަަމައެކަނި ފައިސާއެއް ނޫން، ކަންކަން ފަހިކޮށްދޭން ޖެހޭ،" ވަސީމް ވިދާޅުވި އެވެ.

މިފްކޯގެ ހިއްސާ މަސްވެރިންނަށް ދިނުމުގެ ހިޔާލު

ސަރުކާރުން މިހާރު ވަނީ މަސްވެރިކަން ތަރައްގީ ކުރަން ޕްލޭންއެއް އެކުލަވާލާފަ އެވެ. އަދި އެ ޕްލޭނަށްފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރި ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ އެވެ. އެއީ 50 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވާ ގޮތުގައި އެ މަސައްކަތް ޕްލޭން ކުރި ގޮތަށް ކުރިއަށް ދެ އެވެ. އަދި މަސައްކަތް ނިމުމުން މަސްވެރިންގެ ޝަކުވާ ކުޑަ ވެގެންދާނެ އެވެ.

"އުންމީދަކީ އަންނަ އަހަރު މި ޕްރޮޖެކްޓްތައް ނިމޭއިރު މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ޒުވާން މަސްވެރިން ބޭނުންވާ ކަހަލަ ކުންފުންޏަކަށް ހެދުން. އެންމެ މުހިންމު ކަމަކަށް އިސްކަން ދޭނީ ވަސީލަތްތައް ތަރައްގީ ކުރަން. އޭގެ ފަހުން މިފްކޯއަކީ ޕަބްލިކް ކުންފުންޏަކަށް އިރާދަ ކުރެއްވިއްޔާ ކުރި އަށް އޮތް ތަނުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް އަދި އާންމުންގެ ވެސް ހިއްސާ އޮންނަ ގޮތައް ކުންފުނި ތަރައްގީ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ސަރުކާރުން މަސްވެރިކަން ޕްރޮމޯޓް ކުރަންވީ އެވެ. މަސްވެރިކަން ފުޅާ ކުރަންވީ އެވެ. މަސްވެރިންނަށް އެހީވާންވީ އެވެ. ހަމައަގު ހޯދަން އުޅޭ ހަގީގީ ސަބަބު ނައްތާލަންވީ އެވެ. ހަމަ އަގުގެ ވާހަކަ ކިޔައި ދިނުމުން މަސްވެރިން ހަމަ އަގަށް ގޮވާ ހިސާބުން ދުވެ ފިލަންވީއެއް ނޫނެވެ.