ރިޕޯޓް

އާ ސަރުކާރުން މަސްވެރިންނަށް އުންމީދުތައް!

Oct 3, 2018
7

މިހާރު މަސްވެރިންނަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަސްވެރިން ބާނާ މަހަށް "ހަމަ އަގު" ނުލިބުމެވެ. އަދި މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު މަސް ކިރުވޭނެ އެކަށީގެންވާ ގޮތް ތަކެއް ނެތުމެވެ. ނަމަވެސް އަންނަ މަހުގެ 17 ވަނަ ދުވަހު ހުވާކުރާ އާ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންގެ މި ބުރައަށް ހައްލު ގެންނާނެ އެތައް ގިނަ ސިޔާސަތު ތަކެއް ވަނީ ހިމަނާފަ އެވެ. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ މަސްވެރިކަމުގެ މުހިންމު ގިނަ ސިޔާސަތު ތަކެއް ވަނީ އެކުލަވާލާފަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ މަސްވެރިކަމުގެ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި އެންމެ ހާއްސަ އެއް ބަޔަކީ "މަހަށް ހަމަ އަގު ހޯދައިދިނު" މެވެ. މި ބައިގައި ކަނޑުރޯދީގެ ތަނަވަސް މަންފާ ހޯދައިދިނުމަށްޓަކައި ދިވެހި މަސްވެރީން ބާނާ މަސް ހަމައެކަނި ރާއްޖޭގެ ބޯޓަކަށް ކިރުވުމުގެ އިތުރުން، މަސް ބާނާ ދޯނި ފަހަރުގައި ސީދާ ބޭރުގެ (ސިލޯނު ފަދަ) މާކެޓް ތަކަށް ވިއްކޭނޭ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މީގެ އިތުރުން ހިމެނޭ އަނެއް ބަޔަކީ ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސް ކިރާ ބޯޓު ފަހަރު ރާއްޖެ އައުމަށް ހުއްދަދެވި މެދުވެރިއެއްނެތި ބޭރުގެ މަސް ގަންނަ ފަރާތްތަކަށް މަސް ވިއްކޭނޭ މަގު ހުޅުވާލެވޭނެ އެވެ.

އެމާއި ތެޔޮ، އައިސް ހޯދުން

މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެއް ސަބަބަކީ އެންވެރިކަން ދަށްވުމެވެ. މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެން ދިރުވާ އެން އާލާކުރުން ވިޔަފާރިއެއްގެ ގޮތުގައި ކު ރިއަރުވާ، އެންވެރިކަމުގެ އާ ވިޔަފާރި ޖީލެއް ބިނާކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މަސްވެރިކަމަށް ނުކުންނަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން ތެޔޮ ގެ އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ އެވެ. މަސް ފިނިކުރާ ނިޒާމު ލުއިގޮތަކަށް މަސްއޮޑިތަކަށް ލިބޭނެގޮތް ހަމަޖައްސާދެވޭނެ އެވެ. މީގެ އިތުރުން މަސްވެރި ސަރަހައްދުތަކުން ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖައްސަން ވަނީ ނިންމާފަ އެވެ.

ހުނަރުވެރި މަސްވެރިން އުފެއްދުން

މަސްވެރިކަމަށް ހުނަރު ޕްރޮގްރާމްގެ ދަށުން މަސްވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ހިންގައި މަސްވެރިކަމުގެ ސިނާއަތަށް އިތުރު ދިވެހީން ނެރޭނެ އެވެ. އަދި މަސްވެރިކަން ކުރުމުގެ ޒަމާނީ އުކުޅުތަކާއި ޓެކްނޮލޮޖީ ދިވެހި މަސްވެރީންނަށް ފޯރުކޮށްދެވޭނެ އެވެ. ރަނގަޅު ފެންވަރުގެ މަސް މާރުކޭޓްތައް އެކި ސަރަޙައްދުތަކުގައި ހެދޭނެ އެވެ.

މަސްވެރިންނަށް ޕެންޝަން

މަސްވެރިކަމުގައި ދެމިތިބޭ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން މަސްވެރިކަމުގައި ގިނަދުވަހު ދެމިތިބޭ މީހުންނަށް ޕެންޝަނެއް ތަޢާރަފްކުރެވޭނެ އެވެ. މަސްދޯނި އެކައުންޓް ހުޅުވި ރާއްޖޭގެ ހުރިހާ މަސްވެރިން ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދެވޭނެ އެވެ. ރަށަށް ވަންނަ ފައިސާ ރަށުގައި ޖަމާކޮށް ނެގޭނެ ވަސީލަތްތައް ގާއިމް ކުރުންވެސް ހިމެނެ އެވެ. ބޭންކު ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާދެވި، އެހެނިހެން ވަޒީފާއަދާކުރާ ފަރާތްތަކާއި އެއްފަދައިން ލޯނާއި ކްރެޑިޓް ސްކީމުތަކުން މަސްވެރިންނަށް ފުރުޞަތު ލިބޭނެގޮތްހަމަޖެއްސޭނެއެވެ.

ފަރުމަސް ވިޔަފާރި ދިރުވުން

އަމިއްލަ ފަރާތްތަކަށް މެރިކަލްޗަރގެ މަސައްކަތްކުރުމަށްޓަކައި މާލީއެހީތެރިކަމާއި ލުއި ލޯނު ލިބޭނެ މަގު ފަހި ކުރުމަށްވެސް ވަނީ ނިންމާފަ އެވެ. ރާއްޖޭގެ ކަނޑުފަޅާއި ކުޅިފަދަ މާހައުލުތަކުގައި ދިރުވާ އާލާކޮށްގެން ނަފާ ހޯދޭނޭ ބާވަތްތައް ދެނެގަނެ، އެ ބާވަތްތަކުގެ އެން ފަންޏާއި ބިސް ހިމެނޭ ހެޗަރީތައް އުތުރާއި ދެކުނުގައި ގާއިމްކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ރަށްރަށުގައި މަސް ޕްރޮސެސް ކުރެވޭނެ ހަމަތައް ތައާރަފްކުރެވޭނެ އެވެ. ރަށުގައި މަސްގަނެ، މަހުގެ އެކި ބާވަތްތައް ތައްޔާރުކުރެވި، ޕެކްކުރެވި ރަށުން ބޭރަށް އެތަކެތި ވިއްކޭނެ މަގު ތަނަވަސްކޮށްދެވޭނެ އެވެ. ރަށްރަށުގައި މަސް ޕްރޮސެސް ކުރެވޭނެ ހަމަތައް ތަޢާރަފްކުރެވޭނެއެވެ. ރަށުގައި މަސްގަނެ، މަހުގެ އެކި ބާވަތްތައް ތައްޔާރުކުރެވި، ޕެކްކުރެވި ރަށުން
ބޭރަށް އެތަކެތި ވިއްކޭނެ މަގު ތަނަވަސްކޮށްދެވޭނެ އެވެ.