ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިކަން ކުރިއެރުވޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން: ރައީސް

ރާއްޖޭގެ އިގްތިސާދީ ބޮޑު ބާރަކަށް މަސްވެރިކަމުގެ ސިނާއަތް އަނބުރާ ގެނެވޭނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރެވޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެކުގައި އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެންސިސް ފިޝަރީޒް ކުންފުނިން ހުޅުމާލޭގައި ގާއިމު ކުރި ދަޅު މަސް ބަންދު ކުރާ ފެކްޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ އިހުއްސުރެން މީގެ އަހަރުތަކެއް ކުރިއާ ޖެހެންދެން ދިވެހި އިގްތިސާދުގެ ލޭނާރުގެ ގޮތުގައި އޮތީ މަސްވެރިކަން ކަމަށެވެ. ނަމަވެސް އެހެން ބައެއް ސިނާއަތްތައް ކުރިއަރައި އިގްތިސާދީ ރޭހުގައި މަސްވެރިކަމުގެ މަގާމު މިހާރު މިއޮތީ ތަންކޮޅެއް ފަހަތަށް ސޮއްސާލާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތް ދަށަށް ދާން މެދުވެރިވި މައިގަނޑު ސަބަބަކީ މަސްވެރިކަން ފުޅާވެ ކުރިއަށް ދިޔަ މިންވަރާ ގާތަށް ވެސް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ނުކުރެވުން ކަމަށެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ގާބިލުކަމެއް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ނެތުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް މަސް ގަނެ، މަހުގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގާބިލްކަން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ބިނާ ކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ރަން ޒަމާން އަނބުރާ އިއާދަކުރެވޭނެ އެވެ.

""މަސްވެރިކަމުގެ ރަން ޒަމާން އަނބުރާ އިއާދަކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް. މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން. ނަމަވެސް މިއީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މި މަގްސަދު ހާސިލުވާނީ ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަތާ އަތް ގުޅައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން." ރައީސް ވިދާޅުވި އެވެ.

ބާނާ މަހުގެ ދެބައިކުޅައެއްބައި ވެސް އޭގެ އަގު އެއްކުރެވިގެން ވިއްކޭނެ ގޮތަށް އުފެއްދުންތައް ތައްޔާރު ނުކުރެވޭތީ، ރޯ މަހުގެ ގޮތުގައި އެކްސްޕޯޓް ކުރަންޖެހެ އެވެ. އެއީ އިގްތިސާދަށާއި ސިނާއަތަށް ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ. އަދި ވިދާޅުވީ ބާނާ މަހުގެ ބޮޑު ބައެއް ނުއަގުގައި ވިއްކަން ޖެހިފައިވާ ކަމަށެވެ.

"މި ކަންކަން ހައްލުކޮށް، ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ، މަސްވެރިކަމުން ރައްޖޭގެ އިގްތިސާދީ ތަރައްގީއަށް ލިބެން ޖެހޭ ހަގީގީ ފައިދާއެއް ނުލިބޭނެ." ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ތިމާވެށްޓާ ރަހުމަތްތެރި މަސްވެރިކަމެއް ކުރާ ބަޔަކަށްވާއިރު ދުނިޔޭގެ ބާޒާރުތަކުގައި ވެސް މަގުބޫލު ކަން އޮންނަނީ ތިމާވެށްޓާ ރަހްމަތްތެރި ގޮތުގައި ކުރާ މަސްވެރިކަމުން ބާނާ މަހަށް ކަމަށެވެ. އެހެންކަމުން ދިވެހިން ބާނާ މަހަށް ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށް މިހާރަށްވުރެ ބޮޑަށް ދިވެހި މަސްވެރިކަން އިޝްތިހާރު ކުރަން ޖެހެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ދިވެހި މަސްވެރިންނާއި، މަސްވެރި ކުންފުނިތަކުން މިކަމުގައި ކުރިއަށްދާން ބޭނުންވާވަރަކަށް، ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދޭނެ.

އެންސިސް އިން އަލަށް ހުޅުވި މަސް ބަންދު ކުރާ ކާރުހާނާއަކީ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެ ކާރުހާނާއިން ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދު ކުރެވޭއިރު، އެއް ފަހަރާ 1،200 ޓަނުގެ ފިނިކުރި މަސް ރައްކާ ކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ހުރެ އެވެ. އަދި އެ ތަނުގައި 100 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެއް ވެސް ހުރެ އެވެ.

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ހުޅުވި އެންސިސް ފިޝަރީޒްގެ ދަޅު މަސް ބަންދު ކުރާ ފެކްޓަރީއަކީ މާލެ ސަރަހައްދުގައި ހުޅުވި ފުރަތަމަ ދަޅު މަސް ބަންދު ކުރާ ފެކްޓަރީ އެވެ. އަދި ރާއްޖޭގެ ތިންވަނަ ފެކްޓަރީ އެވެ.