ރިޕޯޓް

އާ ކުންފުނިތަކާއެކު މަސްވެރިކަމަށް ކޮން ބަދަލެއް؟

ރާއްޖޭގެ އިގްތިސޯދުގެ މައިނާރުގެ ގޮތުގައި މިހާރު ދެކޭ ޓޫރިޒަމަށް ވުރެ މަސްވެރިކަން މާމާދޮއްޓެވެ. ދިވެހިން މަސްވެރިކަން ނުކުރާ ތާރީހެއް، ތާރީހީ އެއްވެސް ފޮތްތަކުން ފެންނާކަށް ނެތެވެ. ކާބައިފިން މީގެ އެތަށް ގަރުނެއް ކުރިންސުރޭން ފެށިގެން މި މަސައްކަތް ދިޔައީ ކުރަމުންނެވެ. އިހުގައި ރިޔާ ނަގައިގެން ފަލީގައި ކުރި މި މަސައްކަތް 1980 ގެ އަހަރުތަކުގައި ތަރައްގީ ވެގެން ދިޔައީ ދޯނި ފަހަރުގައި އިންޖީނު އެޅި ހިސާބުން ފެށިގެންނެވެ. އެއާއެކު މަސްވެރި ދޯނި ފަހަރަށް ބަދަލު އަންނަން ފެށި އެވެ. މަސްވެެރިކަން ފުޅާވި އެވެ. މަސްވެރިން ތަރައްގީވި އެވެ. ނަމަވެސް މަސްވެރިންގެ ތަރައްގީއާ ގާތަށް ވެސް ސަރުކާރަށް ފައި ހަމަައެއް ނުކުރެވުނުވެ. މަސްވެރިކަމުގެ މައި މޫސުމުގައި ބާނާ މަސްކޮޅު ނުކިރުމުގެ ޝަކުވާއަށް އަދި ވެސް ނިމުމެއް ނުގެނެވުނުވެ. މަސްވެރިން ބާނާ މަހަށް ފައިސާ ދެވޭނެ ރަނގަޅު ނިޒާމެއް ވެސް މި އަދާހަމަ އަށް ވެސް ގާއިމްވެފައެއް ނުވެ އެވެ.

މި ސިނާއަތުގައި މައިގަނޑު މައްސަލަތައް ހައްލުނުވެ ހުރި ނަމަވެސް ސަރުކާރުން މިވަނީ މަސްވެރިކަން ފުޅާ ކުރަން އިތުރު ބަދަލެއް ގެންނަން ނިންމާފަ އެވެ. އެއީ ކަޅުބިލަ މަސް ގަންނަން އާ ކުންފުނި ތަކަށް ފުރުސަތު ދޭން ނިންމުމެވެ. މިއީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ އާ ކުންފުނިތަކާއެކު މަސްވެރިކަމަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟

"ވާދެވެރިކަމަށް ހުޅުވާލުމާއެކު އުންމީދު ކުރެވެނީ އަންނާނީ ރަނގަޅު ބަދަލުތަކެއް ކަމަށް. ސަރުކާރުން މިކަން ހުޅުވާލުމުން ފުރުސަތު ތަކެއް އިތުރުވާނެ. މަސްވެރިންނަށް ވެސް ފައިދާ ކުރާނެ ކަމަށް އުންމީދު ކުރެވޭ،" ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

މަސްވެރިކަން ބަލަހައްޓާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ބުނެފައިވާ ގޮތުގައި ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު އިތުރު ކުންފުނި ތަކަށް ދޭން ސަރުކާރުން ނިންމީ، ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ މަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެންދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބޭނެ މަގު ތަނަވަސް ކުރުމަށެވެ.

މި ސިނާއަތުގެ މާހިރުންގެ އިތުރު އާ ކުންފުނި ތަކަށް ކަޅުބިލަ މަސް ގަންނަން ފުރުސަތު ދިނުމަކީ ރަނގަޅު ނިންމުމެވެ. ނަމަވެސް މި ސިނާއަތަށް ބޭރުގެ ކުންފުނިތައް ވެއްދުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މީގެ ސަބަބުން ދިވެހި އިންވެސްޓަރުންނާއި މުޅިރާއްޖެއަށް ގެއްލުންވުމުގެ ފުރުސަތު އޮންނާނެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ފުޅާކޮށް އިންވެސްޓްކޮށްފައިވާ އަމިއްލަ އެއް ކުންފުނި ކަމަށްވާ އެންސިސް ފިޝަރީޒްގެ ޑިރެކްޓަރު މުހައްމަދު ވަސީމް (އެންސިސް ވަސީމް) ވިދާޅުވި ގޮތުގައި މި ސިނާއަތަށް ވަންނަން އިތުރު ކުންފުނި ތަކަށް ޖާގަ ދިނުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ.

"މީގެ ސަބަބުން ވާދަވެރިކަން އުފެދި މި ސިނާއަތް ތަރައްގީ ވެގެން ދާނެ. ބޮޑު ކަންނެލި ކުރިން ގަންނަނަމުން ގެންދިޔައީ ސަރުކާރުން އެކަނި. އެކަމަކު އިތުރު ކުންފުނި ތަކަށް ފުރުސަތު ދިނީމަ މިހާރު މިވަނީ މި މަސްވެރިކަން ފުޅާ ވެގެން ގޮސްފަ،" ހުޅުމާލޭގައި ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް ހިންގަމުން ގެންދާ އަދި ރާއްޖޭން އެންމެ ފުޅާކޮށް ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ކުންފުނީގެ، ވަސީމް ވިދާޅުވި އެވެ.

އަގު ކޮންޓްރޯލް ކުރާނަމަ އިންވެސްޓް ކުރާނެ ތަ؟

ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން ފެށީ ވަރަށް ފަހުންނެވެ. ނަމަވެސް މި ބާވަތުގެ މަސްވެރިކަން މިހާރު ވަނީ އެހެން މަސްވެރިކަމަށް ވުރެ ރަނގަޅު އަގު ލިބޭ މަސްވެރިކަމަށްވެފަ އެވެ. ނަމަވެސް މި މަސްވެރިކަން ފުޅާވެފައިވަނީ ދިވެހިންގެ 100 ޕަސެންޓް ވިޔަފާރިތަކާއެކުގަ އެވެ. އެހެންވެ، ކަޅު ބިލަ މަހުގެ ސިނާއަތަށް އާ ކުންފުނިތައް ނެރޭއިރު، މި ކަމަށް ވިސްނުން މުހިންމެވެ.

ކަޅުބިލަ މަސް ގަނެ ޕްރޮސެސް ކުރުމަށް އާ ކުންފުނި ތަކަށް ހުއްދަ ދިނުމާ ގުޅޭ އާ ސިޔާސަތު ތަކެއް ސަރުކާރުން އިއުލާނުކޮށްފައިވާއިރު، ދުވާލަކަށް 20 ޓަނަށް ވުރެ މަދުން ކަޅުބިލަ މަސް ގަންނަ އެއްވެސް ކުންފުންޏަކަށް މި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވަކި ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހެ އެވެ. އާ ކުންފުނި ތަކަށް ހުއްދަ ދޭއިރު، މަސް ގަތުމުގައި ކަލެކްޓާ ބޯޓު ބޭނުން ކުރެވެ އެވެ. އާ ސިޔާސަތުން ފާހަގަ ވަނީ މިއީ ބޭރު ފަރާތް ތަކަށް ވެސް މި ސިނާއަތުގައި ހަރަކާތްތެރިވާން ފުރުސަތު ދޭން ގެނެސްފައިވާ ބަދަލެއްގެ ގޮތުގަ އެވެ.

އެންސިސްގެ ޑިރެކްޓަރު ވަސީމް ވިދާޅުވި ގޮތުގައި ދިވެހި ކުންފުނި ތަކަށް ހުޅުވާލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާ، ނަމަވެސް ބޭރުގެ ކުންފުނިތައް ދަޅު ބިލަ މަހުގެ ސިނާއަތަށް ވަންނަން ހުއްދަ ދިނުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. މީގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ދުނިޔޭގައި މަސްވެރިކަން ކުރަމުންދާ ގޮތުގެ ސަބަބުން ދިވެހި މަސްވެރިކަމަށް ގެއްލުންވުމުގެ ފުރުސަތު އޮތުމެވެ.

ސަރުކާރުން މަސް ގަންނަން ހުޅުވާލާފައިވާ އާ ސިޔާސަތުގެ ދަށުން މަސް ގަންނަ އެންމެ ހެޔޮ އަގު ނުވަތަ ފްލޯ ޕްރައިޒް ކަނޑައެޅުމުގެ ބާރު އޮންނާނީ ސަރުކާރަށެވެ. މާނައަކީ ސަރުކާރުން ބުނާ އަގެއްގައި ނޫން ގޮތަކަށް މަސް ގަތުމުގެ އިހުތިޔާރު ކުންފުނި ތަކަށް ނެތުމެވެ. ސުވާލަކީ މި އުސޫލުން މި ސިނާއަތުގައި އިންވެސްޓް ކުރަން ކުންފުނި ތަކެއް ވެދާނެ ހެއްޔެވެ؟

ރާއްޖޭގައި ކަޅުބިލަ މަސް ގަންނަން މިހާރު ބޮޑު ތިން ކުންފުނި މިހާރު ހަރަކާތްތެރިވެ އެވެ. މީގެ ތެރެއިން ސަރުކާރުގެ މަސް ކުންފުނި މިފްކޯ ފިޔަވައި ދެން އޮތް، ހޮރައިޒަން ފިޝަރީޒް އާއި އެންސިސް ފިޝަރީޒްއަކީ އަމިއްލަ ކުންފުނި ތަކެވެ. ނަމަވެސް ރާއްޖެ އަށް ބާނާ މަހުގެ ބޮޑުބައި އަބަދު ވެސް ގަންނަނީ ސަރުކާރުގެ ކުންފުނި މިފްކޯ އެވެ. މިފްކޯ އިން އަބަދު ވެސް މަސް ގަންނަނީ ސަރުކާރުގެ ބަސް އަހައިގެން ސަރުކާރުގެ އަގަ ކަށެވެ. މިދިޔަ އަހަރު އެކަނި އެ ކުންފުނިން 48,500 ޓަނުގެ މަސް ގަނެފައިވެ އެވެ. ސަރުކާރުން މަހުގެ އަގު ކޮންޓްރޯލް ކޮށްގެން 20ރ. އަށް ކިލޯއެއްގެ މަގުން ގަންނަތާ 10 އަހަރު ވެއްޖެ އެވެ. މި ދުވަސްވަރުގައި ދުނިޔޭގެ ބާޒާރަށް އެތަށް ލޮޅުމެއް އައިސްފި އެވެ. ނަމަވެސް މަސްވެރިންނަށް އެ ލޮޅުން ފޯރާފައެއް ނުވެ އެވެ. ސަރުކާރުން ކުރާ ކަމަކީ ގެއްލޭ އަކަށް މިފްކޯ އަށް ފައިސާ ދިނުމެވެ. މިއީ އެންމެ ރަނގަޅު ގޮތެއް ހެއްޔެވެ؟

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކޮންޓްރޯލް ކުރަނީ ތައިލެންޑް މާކެޓުންނެވެ. ދާއަޅައިގެން ގެންނަ މަސް ވެސް ޕްރޮސެސް ކުރަނީ އެތަނުގަ އެވެ. އެހެންވެ އަގު އަބަދު އޮންނަނީ ބަދަލުވެ ބަދަލުވެ އެވެ. މި ސިނާއަތުގައި އިންވެސްޓް ކުރަން އަންނަ ކުންފުންޏަކަށް ނޫނީ ކުންފުނިި ތަކަށް އަގު ކޮންޓްރޯލް ކުރުމުގެ ބާރު ދީގެން ނޫން ގޮތަކަށް އިންވެސްޓެއް ނުކުރާނެ އެވެ. އެއްވެސް ކުންފުންޏަކުން ގެއްލުން ބޮލުގަ އަޅައިގެން މިކަން ކުރާކަށް ނާންނާނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ. އެނޫން ގޮތަކީ ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރުމެވެ.

މިފްކޯ އިން ނުއަގުގައި މަސް ގަނެ ވިއްކައިގެން ގެއްލުންވިއަސް، ޕްރޮވެޓް އިންވެސްޓްޓާސް މަސައްކަތް ކުރާނީ ފައިދާ އަށެވެ. ސަރުކާރު ކުންފުންޏަށް ބަޖެޓުން ފައިސާ ޕަންޕް ކުރިއަސް އަމިއްލަ ކުންފުނި ތަކަށް އެކަމެއް ނުކުރެވޭނެ އެވެ.

މިފްކޯގެ އެމްޑީ ފައުޒީ ވިދާޅުވި ގޮތުގައި އާ ކުންފުނިތަކަށް ފުރުސަތު ދޭއިރު، މާކެޓް ރޭޓަށް އަގު ދޫކޮށްލާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އަގު ދޫކޮށްލައިފިނަމަ މިފްކޯ އަށް ވެސް ހަމަ ނޭވާއެއްލައިގެން މަސް ގަތުން ކުރިއަށް ގެންދެވޭނެ. ގެއްލުން ކުޑަ ކުރެވޭނެ،" ފައުޒީ ވިދާވި އެވެ.

އީޔޫގެ ޑިއުޓީ ނުކެނޑޭނަމަ ގެއްލުން ބޮޑުވާނެ

އާ ކުންފުނި ތަކަށް މަސް ގަންނަން ފުރުސަތު ދިނުމަކީ އަދި ކަޅު ބިލަ މަހުގެ މަސްވެރިކަން ފުޅާ ވެގެންދާނެ ވެސް ކަމެއް ނޫނެވެ. މިކަން ފުޅާ ކުރަން ބޭނުންނަމަ ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހެ އެވެ. ފުރަތަމަ ކަަމަކީ މިފްކޯ ތަރައްގީ ކުރުމެވެ. ރާއްޖޭގެ މަސްވެރިކަން ފުޅާ ވެގެން ގޮސްފައިވަނީ ސަރުކާރު މަސް ކުންފުނީގެ ސަބަބުން ކަމަށް ބުނެވިދާނެ އެވެ. ކޮންމެ ހާލެއްގައި ކުންފުނި އޮތަސް އެ ކުންފުނިން އެހީވެއްޖެ އެވެ. ދެން ކުރަން ޖެހޭ ކަމަކީ މަސްވެރިކަން ޕްރޮމޯޓް ކުރުމެވެ. ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އޮތްއިރު، މަސްވެރިކަން ޕްރޮމޯޓް ކުރަން އުފެއްދި ބޯޑު މަސައްކަތް ނުކުރަނީ ކީއް ވެގެން ހެއްޔެވެ؟ އެއްޗެއްގެ އަގު މަތި ކުރެވޭނީ ޕްރޮމޯޓް ކޮށްގެންނެވެ.

ސަރުކާރުން މިހާތަނަށް މަސްވެރިކަން ޕްރޮމޯޓްކޮށްދީފައެއް ނުވެ އެވެ. މަސްވެރިކަން ޕްރޮމޯޓް ކުރާނެ ސިޔާސަތެއް ހަދައި ބަޖެޓު ދީ މަސައްކަތް ފަށަން ޖެހެ އެވެ. ފިޝަރީޒް ޕްރޮމޯޝަން ބޯޑު އެކްޓިވް ކުރަން ޖެހެ އެވެ. ފުލްޓައިމްކޮށް މަސައްކަތް ކުރަން ޖެހެ އެވެ. ދެން އޮތީ ހަމަ އަގު ހޯދުމުގެ ވާހަކަ އެވެ. ހަމަ އަގު ހޯދުމަކީ "މަސް ކަނދުފަތި" އަޅައިގެން ނޫނީ "ޕްލެޓް ފޯމް" ހަދައިގެން ހަމައެކަނި ވާނެ ކަމެއް ނޫނެވެ. ހަމަ އަގު ބޭނުންނަމަ ޔޫރަޕަށް ބޭރު ކުރާ މަހުން މިހާރު ނަގާ 24 ޕަސެންޓުގެ ޑިއުޓީ ކަނޑާލަން މަސައްކަތް ކުރަން ޖެހެ އެވެ. އީޔޫގެ ގައުމުތަކަށް ރާއްޖޭން ބޭރު ކުރާ މަހަށް ނަގާ ޑިއުޓީގެ ސަބަބުން ރާއްޖޭގެ މަސް ދުނިޔޭގެ ބާޒާރުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްވީ ބޭފުޅަކު ވިދާޅުވި ގޮތުގައި ވިއެޓްނާމް އިން މި އަހަރުގެ ޖޫން މަހުން ފެށިގެން އީޔޫގެ ޑިއުޓީ ކަނޑާލުމުން ރާއްޖެއަށް އިތުރުވާދަވެރިކަމެއް އުފެދިފައިވާ ކަމަށެވެ.

"ރާއްޖޭން އެކްސްޕޯޓް ކުރާ ދަޅު މަހުގެ ބޮޑު ބަޔާއި ކަންނެލި ވެސް މިދަނީ އީޔޫގެ ގައުމުތަކަށް. އެކަަމަކު 24 ޕަސެންޓް ޑިއުޓީގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވޭ. މި ޑިއުޓީ އުނިވެއްޖެނަމަ މަސްވެރިންނަށް ދެވޭ އަގު ވެސް މަތި ކުރެވޭނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ކޮންމެގޮތެއްގައިވީނަމަވެސް ދަޅު ބިލަ މަސް ގަންނަން އިތުރު ކުންފުނިތަކަށް ފުރުސަތު ދިނުމަކީ ރަނގަޅު ބަދަލެކެވެ. ނަމަވެސް މިކަން ކުރާއިރު ދިވެހިންނަށް ޖާގަ ދޭން ޖެހެ އެވެ. މިކަމާ ހަމައަށް އައުމުގެ ކުރިން މަސްވެރިކަން ފުޅާ ކުރަން ސަރުކާރުގެ ބައިވެރިވުން ބޮޑު ކުރަން ޖެހެ އެވެ. މަސްވެރިކަން ޕްރޮމޯޓްކޮށް ހުރި ހުރަސްތައް ނައްތާލެވެން ޖެހެ އެވެ.