ދެމައިން އުޅޭ ކޮޓަރިން ވެސް ސުޒީގެ ތަފާތު ސްޓައިލް ސިފަވެ އެވެ. ފާރުތަކުގައި އެކި ކުލަ ލައި ޒީނަތްތެރި ކުރަން ވާސްތަކާއި އެކި ބާވަތުގެ ސާމާނުތަކުން ރީތި ކަމެއް ގެނެސްދީފައިވެ އެވެ. ކޮޓަރީގެ އެއްފަރާތުގައި ހުންނަ ގޮނޑިއަކީ ހަދީޖާ ސުޒީނާ ފާއިޒުގެ ސްޓޭޝަނެވެ. އެ ގޮނޑި ވަށައިގެން، ސުޒީގެ އުފެއްދުންތަކަށް ބޭނުންވާ އެކި ސާމާނުތަކެވެ. ބަރަނި ބޮނޑި ބޮނޑި އާއި، އެކި ކުލަކުލައިގެ ފޮތި ކޮޅުކޮޅެވެ. ތިނޯސް ވެސް އެކި ވަރުވަރުންނެވެ. ކޮޓަރީގެ އެއް ކަނެއްގައި، ސުޒީ ނަގާފައިވާ އޯޑަރަކަށް ތައްޔާރުކޮށްފައިހުރި، ފެހުރިހިތަކެއް ފޮށިގަނޑެއް ފުރެންދެން ހުއްޓެވެ. މިއީ އިންޓަނެޓުން ފެނުނު ފޮޓޯއަކުން ރާއްޖެއަށް މުޅީން ތަފާތު ފަންނެއް ތައާރަފު ކޮށްދިން ހުނަރުވެރިއެކެވެ.
"ސްކޫލްގައި އުޅުނު ދުވަސްވަރު ވެސް ކްރާފްޓަށް ވަރަށް ޝައުގުވެރިކަންހުރޭ. އޭރު ދެން ވެޑިންގް ކާޑާއި ގިވްއަވޭސް ކަހަލަ އެއްޗެހި ހެދީ. ދެން ޕިންޓްރެސްޓުން ފެނިގެން ވާނެ ކަމެއްތޯ ހިތަށް އެރުމުން ބަލައިލަން ފެށީ،" މިހާރު ގިނަ ބަޔަކު ދަންނަ "ސުޒީ ކްރާފްޓްސް" ގެ ފެށުން ސުޒީނާ ހިއްސާކުރި އެވެ.
މީގެ ހަ އެއްކަ އަހަރު ކުރިން ސުޒީގެ ފެށުން ކިތަންމެ އާދައިގެ ކަމަށް ހީވިޔަސް މިހާރު ހުރި ހިސާބަށް ވާސިލްވީ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. ފަސް އަހަރުގެ ދަރިފުޅު ނިންދަވާފައި، ކޮޓަރީގެ އެއް ފަރާތުގައި ހުންނަ ވޯކް ސްޓޭޝަނުގައި ގައި މަސައްކަތް ފަށަނީ ރޭގަނޑު އެވެ.
"ރޭގަނޑު އެއްކޮށް އެ މަސައްކަތް ކުރަނީ. ދަރިފުޅު ނިންދަވާފައި ފަށަނީ، ގާތްގަނޑަކަށް ކޮންމެ ރެއަކު ހަތަރު ފަސް ގަޑިއިރު މަސައްކަތް ކުރަން،" ސްކޫލް ދައުރުގައި ވެޑިންގް ކާޑާއި، ޕާޓީތަކަށް ގިވް އަވޭސްތައް ހަދައިދެމުން އައިސް، 2013 ވަނަ އަހަރު ފެލްޓް މަސައްކަތް ފެށި ސުޒީ ކިޔައި ދިނެވެ.
ދިވެހިވަންތަ އަމިއްލަ ޑިޒައިން
މިއީ ސުޒީ ތަފާތުވާ މައިގަނޑު ސަބަބެވެ. ސުޒީގެ މަސައްކަތުގައި ޖައްސަނީ ދިވެހިވަންތަ ކުލަ އެވެ. އަދި އެއީ އޭނާގެ ފަހުރު އަދި ކާމިޔާބީގެ ސިއްރުވެސްމެ އެވެ.
"ކަސްޓަމްކޮށް އެއްޗެހި މިހާރު ވަރަށް ނަހަދަން. އަމިއްލަ އުފެއްދުން، އަމިއްލަ ކްރިއޭޝަންތަކަށް މިހާރު ހަމަ އިސްކަން ދެނީ،" ސުޒީ ބުންޏެވެ.
ދިވެހި ހެދުމަށް ސުޒީ ތައާރަފުކޮށްފައި ވަނީ އޭނާގެ ސިގްނޭޗާ އައިޓަމެވެ. ދިވެހި ލިބާހުގައި، ރުމާފަޅިއާ، ބޯވަޅާއެކު ފައްޓަރު ވެސް އަޅުވައި، ކުދި ކުދި ތަފްސީލުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އޭގެ ކޮންމެ އައިޓަމެއް ރަމްޒުކޮށްދެނީ ސުޒީގެ އާދަޔާހިލާފު ހުނަރުވެރިކަމެވެ. ކޮންމެ ތަފްސީލެއް، ކޮންމެ ތަންކޮޅެއް އަތުން ފަހައިގެން ފުރިހަމަކަން ގެނުވިޔަސް، ނިމޭއިރު އެއްވެސް ތަފާތެއް ނުހުރެ އެވެ. ފެކްޓަރީއެއްގައި ހުންނަ މެޝިނަކުން ގެނެސްދޭ އުފެއްދުމަކަށް އެންމެ ރޮއްޖެއްވެސް ދުލެއް ނުކުރެ އެވެ.
އިރެއްގައި ގިނަ އިރު ނެގިޔަސް، މިހާރު މިކަހަލަ ކަވި މަސައްކަތެއް ސުޒީއަށް މާ ބޮޑު ކަމަކަށް ނުވެ އެވެ. ގަޑިއެއްހާއިރުގެ މަސައްކަތެއް މިހާރު ސުޒީ ވަނީ 15 މިނެއްޓަށް ތިރިކޮށްލާފަ އެވެ. ރޮއްޖަކަށް ފަހު ރޮއްޖެއް އަމުނާލައި، ސުޒީގެ ތަފާތު ހުނަރުވެރިކަމަށް ގިނަ ބައެއްގެ ސަމާލުކަން އޮވެ އެވެ.
އޮންލައިން ޕޭޖެއް ހަދައިގެން ސުޒީގެ އުފެއްދުންތައް ބާޒާރަށް ނެރުނު ނަމަވެސް، "ސުޒީ ކްރާފްޓް" ގެ މާކެޓް މިހާރު ވަނީ ދިވެހި އުފެއްދުންތަކަށް ހާއްސަ "އައިލެންޑް ބާޒާރު" މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނާ ހަމައަށް ގެންގޮސްފައެވެ.
"ބައެއް ރިސޯޓްތަކަށް ސަޕްލައިކޮށްދެން އައިލެންޑް ބާޒާރު މެދުވެރިކޮށް ... އޮންލައިންކޮށް ފެށީ ކަސްޓަމް އޯޑާސްތައް ނަގައިގެން. އެކަމަކު މިހާރު ހަމަ ބޮޑަށް ފޯކަސް ކުރަނީ ބަލްކް އޯޑާސްއަށް. އަސްލު މިހާރު ވަގުތެއް ވެސް ނުވޭ ކަސްޓަމް އެއްޗެހި ހަދާކަށް. އަމިއްލައަށް ޑިޒައިންކޮށްގެން ބޭބީ މޮބައިލްސް، އިއާ ސެޓް ހޯލްޑާސް، ކީ ޗެއިންސް ކަހަލަ އެއްޗެހި ބަލްކް އޯޑަރަށް ހަދައި ދެނީ،" ފުޅާވެގެން ގޮސްފައިވާ ހިސާބު ސުޒީ ހިއްސާކުރި އެވެ.
ވިޔަފާރި، ހުނަރު ފުޅާކުރުމުގެ ހުވަފެން
މިހާތަނަށް ސުޒީ ނެގި އެންމެ ބޮޑު އޯޑަރަކީ ރިސޯޓަކަށް ސަޕްލައިކޮށްދިން 200 ވަރަކަށް އައިޓަމެވެ. ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ސުޒީގެ އުފެއްދުންތައް ހިފައިގެން އެނބުރި ގައުމަށް ދިޔުމުން، ދުނިޔޭގެ އެކި ހިސާބުތަކަށް "ސުޒީ ކްރާފްޓް" މިހާރު ވަނީ ފެތުރިފަ އެވެ. ބޭރު ގައުމުތަކުން ވެސް އޯޑަރުތައް ލިބެން ވަނީ ފަށައިފަ އެވެ. ނަމަވެސް، އެކަމުގައި ސުޒީއަށް ވެސް އޮތީ ދިވެހި އުފެއްދުންތަކަށް ބޭރަށް ވިއްކުމުގައި އޮތް ދައްޗެވެ. ބޭރަށް ޝިޕް ކުރެވޭނެ އިންތިޒާމެއް އަދި ޕޭމަންޓްތައް ނެގޭނެ ސިސްޓަމެއް ނެތީމަ އެވެ. އިތުރަށް ރަނގަޅު ކޮލިޓީގެ ސާމާނު ރާއްޖޭން ލިބެން ނެތްއިރު، ބޭރުން އޯޑަރު ކޮށްގެން ގެނައުމުގައި ޝިޕިންގް ހިމެނުމުން ވަރަށް ބޮޑުތަނުން އަގު ބޮޑުވެ އެވެ.
ވިޔަފާރި ފުޅާކުރުމުގައި ސުޒީގެ ކުރިމަތީގައި މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ވަގުތެވެ. މިހާރުވެސް ސުޒީއަށް އެކަނި އެ މަސައްކަތް ނުކުރެވޭ ހިސާބަށް ޑިމާންޑު ވަނީ ބޮޑުވެފަ އެވެ. އިތުރު މީހުން ހޯދަން ސުޒީ ދަނީ ވިސްނަމުންނެވެ. އޭނާއަށް ވަގުތު ނުވާތީ އެވެ.
"ފުޅާ ކުރަން ބޭނުން. އެކަމަކު އެކަނި ނުވޭ މިހާރު. މީހުން ހަޔާ ކޮށްގެން މިކަން ކުރަން ވިސްނަން އެބަ. އިތުބާރު ކުރެވޭ މީހުން ލައިގެން ކުރިއަށްދާން ބޭނުން ވަނީ،"
ސުޒީއަކީ ފެލްޓް ކްރާފްޓްގެ ދުނިޔޭގައި ރާއްޖޭގެ "މަންމަ" އެވެ. އެހެން މީހުނަށް ސުޒީ ދޭ މެސެޖަކީ ވެސް އޭނާގެ ކާމިޔާބީގެ ސިއްރެވެ.
"އަޅުގަނޑު އަބަދުވެސް ބުނަން އަމިއްލަ ޑިޒައިންތައް ގެންނާށޭ. އެހެން މީހުން ހަދާ އެއްޗެހި ކޮޕީ ނުކުރާށޭ."