ހިނދުކޮޅެއް: އާއިލާއެއްގެ ދުނިޔެ ހިމޭންވެފައި!

އިބްރާހިމް ވަސީމްގެ ބައްޕަ އާއި އޭނާގެ އަންހެނުންގެ އިންޓަވިއު | އަވަސް

މަޑުމަޑުން ގޮސް އިބްރާހިމް ވަސީމް (އިއްބެ) ސޯފާގައި އިށީނުމާއެކު އުމުރުންގެ ދެ އަހަރުގެ ފިރިހެން ދަރިފުޅު ލޫކަސް ގޮސް ބައްޕައަށް ގޮވާލައި ބައްޕަގެ އުނގަށް ވަދެ ފޯނުގައި އަތްލުމުން އިއްބެ ލޫކަސްއަށް ފޯނު ދޫކޮށްލި އެވެ. ދެން އެއްވެސް މީހަކާ އަނގައިން ނުބުނެ، ބަލައި ވެސް ނުލާ ހިމޭނުން އިނީ އެވެ. ލޫކަސް ބައްޕަގެ އުނގުތެރޭގައި ކުޅެ ވަގުތު ހޭދަ ކުރަމުން ދިޔައެވެ. އެތަން ދެކޭން ސިޓިން ރޫމުގައި އާއިލާގެ އެހެން މެންބަރުން ތިއްބެވެ. އެ އެންމެންގެ މެދުގައި އޮތީ ހިމޭން ކަމެވެ. މޫނުމަތީން ފެންނަނީ މާޔޫސް ކަމާއި އުދާހެވެ. މިދިޔަ އަހަރު ކުއްލިއަކަށް އައި ބޮޑު އެކްސިޑެންޓެއްގައި އިއްބެ ޒަހަމްވެ ސިކުނޑިއަށް އަނިޔާވުމުން ކުރަން ޖެހުނު އޮޕަރޭޝަންތަކަށްފަހު ހަނދާންތައް ފިލައި ގޮސްފައިވާތީ އެވެ. ކުޑަކުޑަ ލުކަސްއާއެކު އެއް ފޮތުން އިއްބެ އަލުން އަކުރު ކިޔަން ޖެހިފައިވާތީ އެވެ. އޭގެ ސަބަބުން މުޅި އެ އާއިލާގެ ހަޔާތުގެ ތަރުތީބު އެކޮޅުކޮޅުން ޖެހިފައިވާތީ ބުނާނެ އެއްޗެއް ނެތި ހިމޭނެވެފައި ތިބީ އެވެ.

26 ޖޫން 2018 | ދަންވަރު

އާދައިގެ މަތިން އެ ރޭވެސް ދަންވަރު އެކެއް ޖަހަން ދަނީ އެވެ. އިއްބެ އޭނާގެ ޕިކަޕް ދަތުރުތައް ނިންމާލައި ޕާކު ކުރުމަށް ފަހު ގެެއަށް ދާން، ސައިކަލްގައި އޭނާ ބަލާ ދިއުމަށް ބޭބެއަށް ގުޅި އެވެ. ގެއަށް ދިއުމުގެ ކުރީން ބޭބެއާއެކު ބޭރު މަގަށް ނުކުމެ އޭރު ތާރު އަޅާފައި އޮންނަ ހަމައެކަނި ހިސާބުން ދުއްވާލާން ބޭނުންވީ އެވެ. އެއީ އެހެންޏާވެސް ޖަހާ ބުރެކެވެ.

ވަރަށް ހަމަޖެހިލައިގެން އިންދާ ގަދަ އަޑެއް އައީ ހަމަ ކުއްލިއަކަށެވެ. ފަހަތުން ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް އިއްބެ އާއި އޭނާގެ ބޭބެ ދުއްވި ސައިކަލަށް މުޑިއަރައި ހިނގި އެކްސިޑެންޓްގައި ސައިކަލާއި ދެބެން އެކި ދިމަ ދިމާއަށް ވިއްސައިގެން ހިނގައްޖެ އެވެ. ޖެހުނުލެއް ބާރު ކަމުން އެންމެ ބޮޑު ވަރެއްވީ ސައިކަލާ ވަކިވެ ދުރަށް ވިއްސައިގެން ގޮސް ބިން މަތީގައި ބޯޖެހުނު އިއްބެއަށެވެ.

"އެރޭ ގޭގައި ތިއްބާ އިއްބެ އެކްސިޑެންޓްވީ ހަބަރު ލިބުނީ. ދެން އައިޖީއެމްއެޗްއަށް ދިޔައިރު ސީޓީ ސްކޭން ހަދާފައި ނެރެނީ. އޭރު ވެސް އަނގައިން ހޮޑާއި ލޭ އާދޭ ބޮލަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައި އޮތީ.... ދެން އައިޖީއެމްއެޗްގައި އިތުރަށް ފަރުވާ ދެވެން ނެތިގެން ގެންދިޔައީ އޭޑީކޭއަށް،" އިއްބެ އާއި އާއިލާގެ ކަންކަން މިހާރު އެންމެ ގާތުން ބަލަމުން އަންނަ އޭނާގެ ފަހަރި، ޒުލައިހާ އިބްރާހިމް ކިޔައިދިނެވެ.

އެ ރޭ އޭޑީކޭގެ ޑޮކްޓަރުން ލަފާ ދެއްވީ ވަގުތުން ސިކުނޑީގެ އޮޕަރޭޝަަނެއް ކުރާށެވެ. ނަމަވެސް އެ އޮޕަރޭޝަނަށް ފަހު އުމުރު ދުވަހަށް އިއްބެއަށް ވާހަކަ ނުދެއްކި ދާނެ ކަން ހަނދާކޮށްދިނެވެ. އަދި ފަހަރުގައި އިއްބެގެ ލޮލަށް ނުފެނުމަކީ ވެސް ވެދާނެ ގޮތެއް ކަމަށް ބުނެދިނެވެ. ނޫނީ ފަހަރެއްގައި އިއްބެ ޕެރެލައިޒް ވެދާނެ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި އެވެ. މި އޮޕްރޭޝަންގެ ތެރޭގައި ނުވަތަ އޭގެ ފަހުގެ މަރުހަލާއެއްގައި އިއްބެގެ ފުރާނަ ވެސް ހިނގައިދާނެ އޭ ވެސް ވިދާޅުވި އެވެ.

ޑޮކްޓަރުން ވިދާޅުވީ ފަސް މިނެޓުގެ ތެރޭގައި ގޮތެއް ނިންމާށެވެ. އެކަމަކު އޮޕްރޭޝަން ނުކޮށް ވާކަށް ނެތެވެ. މިއީ އިއްބެގެ މުޅި އާއިލާގެ ދުނިޔެ ހިމޭންވާން ޖެހުނު ހިސާބެވެ.

"އަޅުގަނޑުމެން އެހީ ކިހާ އިރެއްހޭ ލިބޭނީ ރާއްޖެއިން ބޭރަށް ގެންދަން ބޭނުން ވިޔަސް. ނަމަވެސް ޑޮކްޓަރު ވިދާޅުވީ މިހާރު މި އޮތް ހާލަތަށް ބަލާފައި ގޮތެއް ނިންމަން ލިބޭނީ ފަސް މިނެޓޭ! އެހާ ވެސް ކްރިޓިކަލް ކޮންޑިޝަނެއްގައި ކަމަށް އޮތީ، އެހެންވެ އިތުރު ގޮތެއް ނެތިގެން އޮޕްރޭޝަން ކުރީ،" އެ ދުވަހުގެ އެ ވަގުތުކޮޅު ޒުލަައިހާގެ ހަނދާނަށް ގަނަ އެވެ.

ނުރައްކާތެރި ބޮޑު އޮޕަރޭޝަން

އެންމެން ހިމޭންވެފައި ތިއްބާ ޑޮކްޓަރުން އިއްބެގެ އޮޕްރޭޝަން ކޮށްފި އެވެ. އޭގެ ފަހަށް ޑޮކްޓަރުން ތަފުސީލެއް ދެއްވި އެވެ؛ އެކްސިޑެންޓްގައި ވިއްސައިގެން ގޮސް ބިންމަތީގައި އިއްބެގެ ބޯޖެހިފައިވާތީ ބޮލުގެ ނާށިގަނޑާއެކު ލިބިފައި ހުރި ގެއްލުން ލަފާ ކުރިވަރަށްވުރެ ބޮޑެވެ. އެ ގެއްލުމުގެ ސަބަބުން ސިކުނޑި ދުޅަވަނީ އެވެ. ސިކުނޑި ދުޅަވެ، ބޮޑުވެގެން މައްޗަށް އަރަން ޖާގަ ދޭން އިއްބެގެ ބޮލުގެ ނާށިގަނޑު ކަފާލައިގެން ނެގީ އެވެ. އެހެން ނުހަދައި ސިކުނޑި ދުޅަވެ، ނާށިގަނޑުގައި ޖެން ދޫކޮށްލިނަމަ ސިކުނޑި ފަޅައިގެން ދިޔުމުގެ ފުރުސަތު އޮތެވެ. އެހެންވެ ނާށިގަނޑު ނެގުމަށްފަހު އިއްބެގެ ބަނޑުން ބައެއް ކަފާލި އެ ނާށިގަނޑު ބަނޑުގެ ތެރޭގައި ރައްކާކުރީ އެވެ. އަދި ސިކުނޑި ހުޅުވާލުމަށްފަހު މަތި ނިވާކޮށްލާފައި އޮތީ ނާށިގަނޑާ ވަކިކޮށް މޫނު މައްޗަށް ވައްޓާލާފައި އޮތް ބޮލުގެ ހަންގަނޑުންނެވެ.

"އެގޮތަށް ދުޅަވެގެން އަރާ އަލުން ދުޅަ ތިރިވަންދެއް މަޑު ކުރީ މަހެއްހާ ދުވަސް ވަންދެން، ކޮންމެ ދުވަހަކު ސްކޭން ކުރުމަށް ފަހު ބަލަމުން ދިޔައީ ދުޅަ މަތިވަމުންދާ ވަރެއް. މާ ބޮޑަށް ދުޅަވި ނަމަވެސް ފުރާނެ ގެއްލޭނެ ކަމަށް ބުނަމުން ދިޔައީ! ކޮންމެ ދުވަހަކު އަޅުގަނޑުމެން އައިސީޔޫ ކުރިމަތީގައި ތިބެ އަޕްޑޭޓުތައް ގަވައިދުން ބަލަމުން ދިޔައީ!"

މަސް ދުވަސް ފަހެވެ؛ މީޑިއާގައި އޮތް އެ އެކްސިޑެންޓްގެ ވާހަކަ ހުއްޓިއްޖެ އެވެ. އިއްބެގެ ސިކުނޑީގެ ދުޅަ ތިރިވާން ފަށައި ސިކުނޑި ވެސް އިންނަންޖެހޭ ޖާގައިގެ ތެރެއަށް ތިރިވެއްޖެ އެވެ. އެހެންވެ ދެވަނަ އޮޕަރޭޝަނެއްކޮށް ބަނޑުގައި ރައްކާކޮށްފައިވާ ނާށިގަނޑުގެ ބައި ނަގައި އިއްބެގެ ބޮލުގައި ކުރިންވެސް އިން ގޮތަށް އަޅުވައިފި އެވެ. އިރާދަ ކުރެއްވީތީ ދެވަނަ އޮޕަރޭޝަން ވެސް ކާމިޔާބެވެ. -- އަލްހަމްދުލިﷲ

ހުރިހާ ހަނދާނެއް ފޮހެވި ދަރިފުޅު ވެސް ނޭނގުނު

އެ އޮޕަރޭޝަނަށް ފަހު، އެއްތަނަކަށް ޖަމާވެ ހިމޭން ވެފައި އޮތް އާއިލާއަށް އިއްބެއާ ބައްދަލު ކުރުމުގެ ފުރުސަތު އޭޑީކޭއިން ދޭން ފަށައިފި އެވެ. ފުރަތަމަ ވެސް އިއްބެގެ މަންމަ އާއި ބައްޕައާ އަނބިމީހާ އާއި ދަރިފުޅު، އިއްބެގެ ގާތަށް ގޮސް ރޮއިގަނެވުނެވެ. ލޯބިން ވާހަކަ ދައްކައި އޮޅުލައި ގަނެވުނެވެ. އެކަމަކު އިއްބެ އަޅައެއް ނުލި އެވެ. އަނގައަކުން ނުބުންޏެވެ. އޭނާގެ ހަނދާނުގައި އެއިން އެއްވެސް މީހަކު ނެތެވެ. މާޒީއެއް ނެތެވެ.

އޭގެ ދުވަސްތަކެއް ފަހުން ކޮންމެވެސް ވަރަކަށް އިއްބެ ވާހަކަ ދައްކަން ފެށި އެވެ. ނަމަވެސް އެއްވެސް މީހަކު ވަކި ކުރާކަށް ނޭނގެ އެވެ. އެއްވެސް މީހެއްގެ ނަމެއް ވެސް ނޭނގެ އެވެ. އަދި އިއްބެ އެކްސިޑެންޓެއްވީ ކަން ވެސް އޭނާގެ ހަނދާނަކު ނެތެވެ.

މަޑުމަޑުން އާއިލާ އެންމެން ގާތަށް ޖަމާވާން ފެށި އިރުވެސް އެއިން އެއްވެސް މީހަކު ނޭނގޭ... ކޮންމެވެސް ނަމެއް ކިޔަނީ... ދެން ބަލަން އިންނަނީ. ގޮވާލުމުން ލޮލުން އިޝާރާތެއް ކޮށްލަނީ... އޭގެ ފަހަށް ގިނަ ދުވަސްތަކެއް ދިއުމަށްފަހު މިއީ މަންމައޭ، މިއީ ބައްޕައޭ ބުނީމަ ބަލަން އިންނަނީ
އާއިލާގެ މެންބަރެއް

"މަޑުމަޑުން އާއިލާ އެންމެން ގާތަށް ޖަމާވާން ފެށި އިރުވެސް އެއިން އެއްވެސް މީހަކު ނޭނގޭ... ކޮންމެވެސް ނަމެއް ކިޔަނީ... ދެން ބަލަން އިންނަނީ. ގޮވާލުމުން ލޮލުން އިޝާރާތެއް ކޮށްލަނީ... އޭގެ ފަހަށް ގިނަ ދުވަސްތަކެއް ދިއުމަށްފަހު މިއީ މަންމައޭ، މިއީ ބައްޕައޭ ބުނީމަ ބަލަން އިންނަނީ! އެނގޭހޭ ސުވާލު ކުރީމާ ބައެއް ފަހަރު އާނއެކޭ ބުނޭ އެކަމަކު އެނގިގެން ނޫންކަން އެނގޭ އެ ބުނަނީ!"

އޮޕަރޭޝަންތަކަށް ފަހު މޭލޭޝިއާ އާއި ބޭންކޮކަށް ބޭހަށް ކުރި ދަތުރުތަކަށް ފަހު ހަށިގަނޑު ހަމައަކަށް އެޅޭ ގޮތް ވުމުން އޭޑީކޭ އާއި ބޭރު ދެ ގައުމެއްގެ ޑޮކްޓަރުންގެ ލަފާގެ މަތިން އިއްބެ ލައްވާ ވާހަކަ ދައްކުވާށާއި ހަނދާންތައް ގެނައުމަށް ސްޕީޗް ތެރަޕީ ހަދަން ފެށި އެވެ.

ތެރަޕީ ފެށި އިރު ތަންތަނާއި އެއްޗެހީގެ ނަމާއި ބޭނުން އަދި ކަންކަމާއި އޭގެ ބޭނުންވެސް އިއްބެއަށް ޖެހެނީ އަލުން ދަސް ކުރާށެވެ. އޭނާގެ ކުޑަކުޑަ ލޫކަސް ބޭނުން ކުރާ ކުޑަކުޑަ އަކުރު ފޮތް އިއްބެއަށް ފުދެ އެވެ. ކުރިން މުޅި އާއިލާގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ކޮނޑުއަޅައި އެންމެ އިސްކޮށް އުޅުނު އިއްބެއަށް ޖެހުނީ ލޫކަސް ވެސް ގެންގުޅޭ ފޮޓޯ ޖެހި ފޮތްފޮތްތަކުން ފަށައިގެން އަލުން ދަސް ކުރާށެވެ.

"މިހާރު ބޮޑަށް ސްޕީޗް ތެރަޕީ މިދެނީ، ބަސްތައް ހަނދާނުގައި ބަހައްޓަން. ބެންކޮކުން ވެސް ދިނީ ބަސް ދަސް ކުރަން. މިސާލަކަށް އޭ ފޯ އެޕަލް އެކަހަލަ އާދައިގެ ފޮތް. އެއް އަހަރުގެ ކުއްޖެއް ކިޔަވާނެ ވަރުގެ ފޮތް.... ކާން އިންދާ އެ ކަނީ ކޯންޗެއްތޯ އެހީމުން ހަނދާން ކުރަން އުޅުނަސް ހަނދާނެއް ނުވޭ ކެވޭ އެއްޗެއް. އެ ލެވަލްގައި ހުރީ. އެކަމަކު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަނީ،"

ރަނގަޅުވަމުން އަންނަ އިރު ކޮންމެވެސް ވަރަކަށް ހަނދާންތައް އަންނަ ކަމުގެ އިޝާރާތް ވެސް ލިބެ އެވެ. އިއްބެގެ މާޒީއެއް ވެއްޖެކަން އޭނާއަށް އިހުސާސްވެއްޖެ ކަމުގެ ސުވާލެއް އޭނާ އެއް ދުވަހަކުކޮށްފި އެވެ.

"އަހައިފި ތިމަންނާ ގާތުގައި އެއްވެސް ކަމެއް ކުރާކަށް މިހާރަކު ނުބުނެއޭ!"

އެކްސިޑެންޓާއެކު ދެވަނަ ދަރިއަކަށް ބަނޑުބޮޑު ކަމުގެ ހަބަރު

އެންމެ ފުން ހިތާމައެއް ކުރަން ޖެހުނީ އިއްބެގެ އަންހެނުންނަށެވެ. އެންމެ ބޮޑަށް ޒަހަމްވެފައިވާ ހިތަކީ އެއީ އެވެ. އުފަލުގައި އުޅެމުން އައިސް ކުއްލިއަކަށް ފިރިމީހާއަށް ޖެހުނު ހާލުން އުންމީދު ކެނޑުނީ އެވެ. އަދި އެ ހިތާމަވެރި ވަގުތުގައި އިތުރަށް ރޮވުނީ ދެވަނަ ކުއްޖަކަށް ބަލިވެ އިންކަން އެނގުމުންނެވެ. އިތުރު ކުއްޖަކު ލިބޭތީ އޮތް އުފާ، އޮތީ ހިތާމައެއްގެ ސިފައިގަ އެވެ. ފިރިމީހާ މަރާ ހަނގުރާމަ ކުރަނީ އެވެ. ދެވަނަ ދަރިފުޅު ދުނިޔެއަށް އަންނަ އިރު އޭނާގެ ބައްޕަ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދެއް ނެތެވެ. ހުއްޓަސް ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ހުންނާނެ ކަމެއް ނޭނގެ އެވެ.

"އިއްބެއަކީ އަބަދުވެސް ވަރަށް އެހީވާ މީހެއް. ދިރިއުޅުމުގައި އެކުގައި އުޅޭ އިރު ހުރިހާ ކަމެއް ބަލަހައްޓާނެ. މަސައްކަތް ދެކެ ވަރަށް ލޯބިވާނެ. އާއިލާ އާއި ދަރިންދެކެ ވަކިން ލޯބިވާނެ. އެކަހަލަ މީހަކު ކުއްލިއަކަށް ނެތި، އެ މީހަކާ ނުލާ ދިރިއުޅެން ޖެހުމުން އައި ދަތިކަން ކިޔާދޭން ވެސް ނޭނގޭ!" އިއްބެގެ އަންހެނުން ފައުޒާ ހަސަން ބުންޏެވެ.

ފުރަތަމަ ދަރިފުޅަށް އަހަރެއް ފުރެނިކޮށް އެހެން ކުއްޖަކު ލިބުމުން އެކަނި އުޅެން ދައްޗެވެ. ނަމަވެސް ފައުޒާއަށް އޮތް ހެޔޮ ނަސީބަކީ އިއްބެގެ އާއިލާ އެވެ. އެ އާއިލާ ހުރިހާ ގޮތަކުން އެހީތެރިވެ އެވެ.

އިއްބެގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މުހައްމަދު ސޮލާހާއި އޭނާގެ އަންހެނުން ޒުލައިހާގެ ދެމަފިރިންގެ ދިރިއުޅުން މަޑު ޖައްސާލުމަށް ފަހު އިއްބެގެ އާއިލާ ބަލަހައްޓަން ފެށި އެވެ. ޒުލައިހާ، އިއްބެގެ އަންހެނުން ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ކުރެ އެވެ. ސޮލާހު އޭނާގެ ބޭބެގެ ހުރިހާ ކަމެއް ބަލަހައްޓަމުން، އެ އެކްސިޑެންޓާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ދެއެވެ.

ސައިކަލް ދުއްވި މީހާ އަދިވެސް ސައިކަލުގައި!

މި އެކްސިޑެންޓަށް އަންނަ ބުދަ ދުވަހު އެއް އަހަރު ފުރޭނެ އެވެ. އިއްބެގެ އާއިލާގެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ އިންސާފު ނުލިބި އޮތުމެވެ.

އިއްބެގެ އެކްސިޑެންޓުގެ މައްސަލައިގެ މަދަނީ ބައިގެ ޝަރީއަތްތައް ދާދި ފަހުން ވަނީ ފަށައިގެންފަ އެވެ. ނަމަވެސް ޖިނާއީ ދައުވާއެއް ކުރިއަކަށް ނުދެ އެވެ. ކުޑަމިނުން ޓްރާންސްޕޯޓް މިނިސްޓްރީން އެ ހާދިސާގައި އިހުމާލުވީ މީހާއަށް އިދާރީ ފިޔަވަޅެއް ނާޅަ އެވެ. އޭނާގެ ލައިސެންސް އަތުލާފައި ނުވާ އިރު އޭނާ އަދިވެސް ދަނީ މިނިވަންކަމާއެކު ސައިކަލު "އުދުހެމުން" ނެވެ.

ސޮލާހު ކޮށްފައިވާ ޓްވީޓް

މި އަހަރުގެ ތެރޭގައި ހިނގި ކުދި އަދި ބޮޑެތި އެކްސިޑެންޓުތަކާ ގުޅިގެން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން އެތައް ބަައެއްގެ ލައިސެންސެއް އަތުލައި އެ ވާހަކަތައް މީޑިއާގައި ފުލުހާއި މިނިސްޓްރީން ހިއްސާ ކުރި އިރު އަދިވެސް އިއްބެގެ އެކްސިޑެންޓާ ގުޅިގެން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ފިޔަވަޅު އަޅައި ދިނުމަށް އެދި ޓްރާންސްޕޯޓާއި ފުލުހަށް އެތައް ސިޓީއެއް ފޮނުވި ނަމަވެސް ޖަވާބެއް ނެތެވެ.

"އެންމެ ކުޑަ މިނުން އެ މީހާއަށް އަދި ނެތް ފިޔަވަޅެއް ވެސް އެޅިފައި. އަޅުގަނޑުމެން އާއިލާ ތަހައްމަލު ކުރަމުން ގެންދާ ހިތާމައެއް އޭނައަކަށް އިހުސާސްވެސް ނުކުރެވޭނެ! އަދިވެސް ހަމަ އެގޮތަށް ސައިކަލުގައި ދުއްވާފައި އޭނާ އެ އުޅެނީ. އަޅުގަނޑުމެން ވެސް ބޭނުމީ މިކަމަށް އިންސާފެއް!" ފައުޒާ ބުންޏެވެ.

އެންމެ ކުޑަކުޑަ ހިނދުކޮޅެކެވެ. އެންމެ މީހެއްގެ އިހުމާލެކެވެ. އެކަމަކު އޭގެ ސަބަބުން އުފާވެރި ކަމާއެކު ދިރިއުޅެމުން އައީ އާއިލާއެއް ފުން ހިތާމައެއްގެ ތެރެއަށް ގެނބިގެން ދިޔައީ އެވެ. ކުރިން ހީނ އުފާކޮށް އުޅުނު އާއިލާގެ މެދުގައި މިހާރު އޮތީ ހިމޭން ކަމެވެ. ހިމޭން ދުނިޔެއެކެވެ.