ހަބަރު

އައިޔޫއެމާއި ގުރުއާނާބެހޭ މަރުކަޒުގެ މައްސަލާގައި ޝަހީމް ކަންބޮޑުވުން ފާޅު ކުރައްވައިފި

ރާއްޖޭގެ އިސްލާމީ މުހިންމު ދެ މުއައްސަސާ ކަމަށްވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި އިސްލާމިކް ޔުނިވަސީޓީ (އައިޔޫއެމް) ގައި އިސްވެރިން ނެތި ދާދިއުމާމެދު ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އޯއިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި ހުންނެވި އިލްމުވެރިޔާ ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ވެރިޔަކު ނެތި ދާތާ މިހާރު ހަތް މަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރު ފެށުމާއެކު އެ މަރުކަޒުގެ ވެރިޔަކަށް ހުންނެވި އިބްރާހީމް ރަޝީދު މޫސާ އިހާނެތި ގޮތަކަށް އެތަނުން ވަކި ކުރުމަށްފަހު މިހާތަނަށް ވެސް އެ މަރުކަޒަށް ވެރިޔަކު ލާފައި ނުވާ ކަމެވެ.

އޯއިސީގެ ފިކުރީގެ ގޮފީގެ ވެރިޔާގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވީ އޭގެ ސަަބަބުން މުޅި އެ މަރުކަޒު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި ޤައުމީ ޤުރުއާން މުބާރާތާއި ސްކޫލް ކުދިންގެ މުބާރާތަށް ބަޖެޓް ނުލިބި ކުރިއަށް ނުގެންދެވިފައިވާއިރު ރަށް ރަށުގައި ހިނގާ ގިނަ ކަންކަން ވަނީ ހުއްޓިފައިވާ ކަމަށެވެ.

ކުރީގެ ޗާންސެލާ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ބޭފުޅަކު ނެތުމުން އެ ޔުނިވާސިޓީގެ ތަސައްވުރު ގެއްލިފައިވާ ކަމަށެވެ. އަދި އެތާނގައި ވެރިޔަކު ނެތި ގިނަ ދުވަސްވުމުން ޔުނިވާސިޓީއަށް ގެއްލުން ވަމުންދާއިރު ޔުނިވަސިޓީގެ ގްރެޖުއޭޝަނާ ހަމައަށް އާްއި އިރު ވެސް ޗާންސެލަރަކު ނެތް ކަމަށެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ދެ މުއައްސަސާއާ މެދު މިހާ ބޮޑު އިހުމާލެއް ވަމުން ދަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާ އޭނާ ވަނީ އެ ދެ މުއައްސަސާ ހިމާޔަތް ކުރަން ވެސް ގޮވާލައްވާފައި ވެއެވެ.