އިސްލާމިކް މިނިސްޓްރީ

އިމާމުވެ ޚުތުބާ ކިޔުމުގެ ފުރުސަތު ހޯދުމަށް ޒުވާނުންގެ ބޮޑު ތަރުހީބެއް

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގުރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް މިހާތަނަށް 70 ކުއްޖަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"މި އިއުލާނާ ގުޅޭގޮތުން ގިނަ ފަރާތްތަކުން ގުޅާ މައުލޫމާތު ސާފުކޮށް ފޯމު ހުށަހެޅުމުގެ ޝައުގުވެރިކަންވެސް ދަނީ ފާޅުކުރަމުންނެވެ،" މިނިސްޓްރީން ބުންޏެވެ.

ބައެއް މިސްކިތްތަކުގެ އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް މިސްކިތްތަކުގައި ބައެއް ދަރިވަރުން އިމާމުވެ ނަމާދު ކުރެ އެވެ. ނަމަވެސް ހުކުރުކޮށް ޚުތުބާ ކިޔުމުގެ ފުރުސަތު ދެނީ ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފަ އެވެ.