ވިޔަފާރި

މުދާ ރައްކާތެރިކޮށްދޭ ޓެގް ސިސްޓަމް ތައާރަފުކޮށްފި

Jun 13, 2019
1

ފިހާރައިގެ މުދަލުގައި ޓެގެއް އަޅުވައިގެން، މުދަލުގެ ސެކިއުރިޓީ ވަރުގަދަ ކޮށްދޭ ސިސްޓަމެއް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ދުނިޔޭގެ ގިނަ ޝޮޕިން ސެންޓަރުތަކާއި ބޮޑެތި ފިހާރަތަކުގައި ބޭނުން ކުރާ މި ސެކިއުރިޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފީއެސް ކުންފުނިންނެވެ. މި ޕްރޮޑަކްޓް ރާއްޖެއަށް ފޯރުކޮށްދެނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓައިކޯ ރީޓެއިލް ސޮލިއުޝަންސް އިންނެވެ.

މި ސެކިއުރިޓީ ސިސްޓަމްއާ ބެހޭ ގޮތުން، ފީއެސް ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލާ ނަޒްމީ ހަމީދު ވިދާޅުވީ މި ސިސްޓަމްގެ ސަބަބުން ފިހާރަތަކުގައި ހުންނަ މުދަލުގެ ސެކިއުރިޓީ ވަރުގަދަ ކޮށްދޭނެ ކަމަށާ، މުދާ ވަގަށް ގެންދިއުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މީއީ ބޭރުގެ ގިނަ ފިހާރަތަކުގައި ބޭނުންކުރާ ސިސްޓަމެއް. އެކަމަކު ރާއްޖޭގައި މަދު ބޭނުންކުރުން. މިއީ މުދަލުގައި އަޅުވާފައި ހުންނަ ޓެގެއް. މި ޓެގުން ފިހާރައިގެ މުދާ ރައްކާތެރި ކޮށްދޭ. މި ޓެގަކީ ނައްޓާލާފައި ދެވަނަ ފަހަރަށް ވެސް ބޭނުން ވަރަށް ބޭނުން ކޮށްލެވޭ އެއްޗެއް،" ނަޒްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސިސްޓަމް ބުކްޝޮޕްތަކުގައި ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

"ފޮތް އެއްޗިހީގައި ބާ ކޯޑެއްގެ ގޮތުގައި ބޭނުންކޮށްލެވޭ ޓެގެއް ވެސް މީގައި ހުންނާނެ. މި ޓެގު އެޅުވުވުން ޑީއެކްޓިވޭޓް ނުކޮށް، ފިހާރަ އިން މުދާ ބޭރަށް މުދަލެއް ނުގެންދެވޭނެ. ގެންދާނަަމަ އެލާމް އަޅާނެ،" ނަޒްމީ ވިދާޅުވި އެވެ.

މި ސިސްޓަމް އިން މުދާ ޓެގްކޮށްގެން ބެލެހެއްޓުމުގެ އިތުރުން ފިހާރަ އަށް ވަންނަ މީހުންގެ އަދަދާއި މި ފަދަ ގިނަ މައުލޫމާތަކެއް ހޯދެ އެވެ.

ފީއެސް ސިސްޓަމް ކުންފުންޏަކީ ރާއްޖޭގެ ބޮޑެތި ފިހާރަތަކުގެ ވިކުރާ ބަލަހައްޓާ ފީއެސް ސިސްޓަމް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނިން މި ސިސްޓަމް ފޯރުކޮށްދީފައިވާ ބޮޑެތި ފިހާރަތަކުގެ ތެރޭގައި ރެޑްވޭވް އާއި ސޮނީ ފަދަ ފިހާރަތައް ހިމެނެ އެވެ.