ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަަލަ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ފަށައިފި އެވެ. ދީދީ މިހާރު ވަނީ ދަރުބާރުގެއަށް ހާޒިރުވެވަޑައިގަންނަވާފަ އެވެ.
ދީދީގެ ސުލޫކީ ފަސް މައްސަލައެއް ޖޭއެސްސީ އިން ބަލަމުން އެބަދެ އެވެ. އެ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ޖޭއެސްސީ އިން ނިންމާފައި ވަނީ، އެގޮތަށް ދީދީގެ ފަރާތުން ވެސް އެދިވަޑައިގަތުމުންނެވެ. ދަރުބާރުގޭގައި އެ މައްސަލަ ކުރިޔަށް ދާއިރު ސަލާމަތީ ކަންކަން ބަލަމުން އަންނަނީ އެމްއެމްޑީއެފް އިންނެވެ. އެގޮތުންް އެމްއެންޑީއެފް އިން ދަރުބާރުގެއަށް ވަނުމަށް ވެސް ވަނީ މެޓަލް ޑިޓެކްޓާތައް ބަހައްޓައިފަ އެވެ.
ޖޭއެސްސީ އިން ދީދީގެ ފަސް މައްސަލައެއް އަންނަނީ ބަލަމުންނެވެ. ނަމަވެސް މިއަދު އެ ކޮމިޝަނުން ބަލަން ހަމަޖެހިފައި ވަނީ ދެ މައްސަލައެކެވެ. އެއީ ސަސްޕެންޑުކޮށްފައި ވަނިކޮށް ވަޒީފާއަށް ނިކުތް މައްސަލަ އާއި ދީދީއާ ބެހޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަ އެވެ. އެ މައްސަލަ ބަލާ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވާ ޖޭއެސްސީގެ މެންބަރުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެ އެވެ.
ދީދީގެ ވަކީލުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުއާ، އާދަމް ޝާމީމްއާ، ރޭނިސް މުހައްމަދު ސަލީމް އަދި އާދަމް އާސިފް ހިމެނިވަޑައިގަންނަވަ އެވެ.
އޭގެ އިތުރުން ވެސް ބައެއް އެހެން ފަނޑިޔާރުންގެ މައްސަލަތައް ވެސް އެ ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ނަމަވެސް، އެއީ ކޮން މައްސަލަތަކެއް ކަމެއް ސާފުކޮށެއް ނުދެ އެވެ.
ސުޕްރީމް ކޯޓުން ވަނީ ދީދީގެ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމި ނިންމުން ބާތިލުކޮށް އަމުރެއް ނެރެފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަތައް ކުރިޔަށް ގެންދިޔުމަށާއި އެކަމަށް ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން ވެސް ފާސްކޮށްފަ އެވެ.