ހަބަރު

ފަނޑިޔާރު ކަމުން ޑީޑީ ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ އަކު ފާސްކޮށްފި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުލޫކީ މައްސަލައެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 72 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ދީދީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް އިއްޔެ ހުށަހެޅުމާ ގުޅިގެން މިއަދުގެ ޖަލްސާގައި އެކަމަށް ވަނީ ބަހުސް ކޮށްފަ އެވެ.

އެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ދީދީ ވަކިކުރުމާ އެއްކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަކީ ޖުޑީޝަރީ އިސްލާހުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ފެށުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި މި ހިސާބުން ހުއްޓާނުލައި މުޅި ސުޕްރީމް ކޯޓު ދޮވެ ސާފުކުރަންޖެހޭ ކަމަށްވެސް ގިނަ މެންބަރުން ވަނީ ގޮވާލައްވައިފަ އެވެ.

ފަނޑިޔާރުކަމުން ވަކިކޮށްފާވާއިރު، ދީދީގެ މައްޗަށް ފުލުހުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނަތްތެރިވި ފައިސާ ލޯންޑަކުރި މައްސަލާގައި މިހާތަނަށް ހޯދިފައިވާ ހެކީގައި ފަނޑިޔާރެއްގެ މަގާމެއްގައި ހުންނަވައި އެކި ފަހަރު މަތިން ޑީޑީ ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރެ އެވެ. އަދި ފަނޑިޔާރު ދީދީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރާ މީހުން ދޫކޮށްލުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވެ އެވެ.

ދީދީއާ ގުޅޭ ގިނަ ތުހުމަތުތަކަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގީ ކޮމެޓީއިން ބަލާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެއީ ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ނަމަވެސް ހުޅުވާލައިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ޖަވާބު ދެއްވީ އޭގެ ފަހުން ލިޔުމުންނެވެ.

ސުޕްރީމް ކޯޓުގައި ކޮށްފައިވާ ބައެއް ޝަރީއަތްތަކުގެ މައްސަލަތަކާ ގުޅުވައި ދީދީ، އޭނާއާއި އޭނާގެ އާއިލާ ބޭފުޅުންނަށް ނާޖާއިޒު މަންފާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން، ދީދީ ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވާ، ފަނޑިޔާރުން ޝަރީއަތަކާ ގުޅުން ހުރި އެއްވެސް ކަމެއްގައި ކޯޓުގެ މުވައްވަޒަކު ނުވަތަ އެ ނޫން ވެސް ފަރާތެއް މެދުވެރިކޮށް އެއްވެސް ހަދިޔާއެއް ނުވަތަ ލޯނެއް ނުވަތަ އެ ނޫން ވެސް މަންފާއެއް ލިބިގަނެގެން ނުވާނެ ކަމަށްވާ މިންގަނޑާ ހިލާފުވެފަ އެވެ.

ޖޭއެސްސީގެ ރިޕޯޓުގައި އެ ކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ދީދީގެ އަނބިކަނބަލުންނަށް ދައުލަތުގެ ސިޔާސީ މަގާމެއް ހަމަޖައްސައިދިނުމަށް އެދި "ސަސްޕެކްޓް 1" އަށް އޭނާ ފޮނުވާފައިވާ މެސެޖެވެ. އަދި އެ މެސެޖާ ގުޅިގެން ފަހުން ދީދީގެ އަނބިކަނބަލުންނަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސެޑަރުކަން ހަމަޖައްސައިދީފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، ކޮމިޓީން ހިންގި ތަހުގީގާ ގުޅޭގޮތުން ދީދީ ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފަ އެވެ.

ޖުމްލަ 11 ނުކުތާއެއްގެ މައްޗަށް ބިނާކޮށް ދީދީގެ ބަޔާނުގައި ވިދާޅުވީ ކޮމިޓީން ކުރި ތަހުގީގު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ފުލުހުން ދިފައިވާ ފަސް ލިޔުމެއްގެ މައްޗަށް ކަމަށްވާއިރު، އެ ލިޔުންތައް ދިރާސާކޮށް އެކަށީގެންވާ މިންވަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދީދީއާމެދު ކުރެވެނީ ޖިނާއީ ތުހުމަތުތަކެއް އެކުލެވޭއިރު، އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސެއް ޖޭއެސްސީއަށް ލިބިގެންނުވާކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"... ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތަހުގީގު ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު އިޖުރާއަތަކުން ހިންގާފައިވާ ބާތިލް ތަހުގީގަކުން ނިންމާފައިވާ ބާތިލް ނިންމުމެއްކަމަށް ދެކެމެވެ،" ތަހުގީގުގައި ހުރި މައްސަލަތަކަށް ރިއާޔަތްކުރައްވައި ދީދީ ވިދާޅުވެފައިވެ އެވެ.

ލިޔުމުން ޖަވާބު ދެއްވުމަށްފަހު ފަނޑިޔާރު ދީދީ، ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ މެލޭޝިއާއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިނުގަންނަވަ އެވެ. އަދި އޭނާ ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރުމަށް ވެސް އަމިއްލަފުޅަށް އެދިވަޑައިގެންފަ އެވެ.