ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީއަކީ ގިނަ ޖަރީމާތަކެއް ހިންގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ފަނޑިޔާރެއް ކަމަށާއި، އޭނާއަށް އޮތް ހައްގު އަދަބަކީ ހަމައެކަނި ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުން ނޫން ކަމަށާއި އޭނާ ކުރި ކަންތައްތަކަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު ޑީޑީ ވަކިކުރުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލައަށް ބަހުސް ކުރައްވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓުން ފާހަގަކުރެވުނު ގޮތުގައި ފަނޑިޔާރު ޑީޑީ ވަނީ ޝަރީއަތްތައް މެދުވެރިކޮށް ނުހަނު ގިނަ ނާޒާއިޒް މަންފާތައް ހޯދާފައިވާ ކަމަށެވެ.
އެ ގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްދިނުމަށް ފަނޑިޔާރު ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖީހާން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަޒަރުގައި މި ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނެ. ފަނޑިޔާރު ޖަލަށް ލެވެން ޖެހޭނެ. ޖަލަށްލާންވީ ކުށުގެ ޝިކާރައަކަށް ހަދާ އަޅުގަނޑުމެންގެ ޅަ ދަރީންނެއް ނޫން. މިކަހަލަ މީހުން،" ޖީހާން ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ދައުލަތުގެ އިސް މަގާމެއްގައި ހުންނަވައި ޖާރީމާތައް ހިންގަވެމަށްފަހު، އެ ކަންކަމުން ރެކެވަޑައިގަންނަވަން ކިތަންމެ ބޭފުޅަކު ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ފަދައިން ފަނޑިޔާރު ދީދީ ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ފަހު، މިހާރު ރާއްޖޭން ބޭރަށް ވަޑައިގެންފައިވާ ކަމަށެވެ.
"މިހެން ދައުލަތުން ވައްކަން ކޮށްގެން ދާ ފަރާތްތައް ފިލައިގެން ދޭން ފުރުސަތު ދީގެން ނުވާނެ، މި ގޮތަށް ފިލައިގެންދާ ފަހުން އޭނާ މަގާމުން ވަކިކުރީ އިންސާފު ގާއިމު ކޮށްދެވުނު ކަމަކަށް ނުވާނެ، އިންސާފު ގާއިމުކޮށް ދެވުނު ކަމަށް ވާނީ އެ ފަރާތްތަކަށް ދޭން ޖެހޭ އަދަބު ދީގެން، އެ ފައިސާތައް ހޯދައިގެން،" ރާއީ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ޑީޑީގެ އިތުބާރު ގެއްލޭ ހިސާބަކީ ކްރިމިނަލް ކޯޓުގައި ހުންނަވައި ހައި ކޯޓަށް ވަޑައިގެންނެވި ހިސާބުންނެވެ. އަދި ދުވަސްތަކެއް ނުވެ އަލުން ސުޕްރީމް ކޯޓަށް "ޕްރޮމޯޓް" ވެގެން ދިއުމުން ގޯސްތަކެއް އުޅޭ ކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި ވަޒީފާއިން ވަކިކުރުމަކުން ނިންމާލައިގެން ނުވާނެ. ޑީޑީ ޖަލު ގޮޅީގައި އޮންނަ ދުވަހަކީ މިއަދަށްވުރެ ބޮޑަށް ދިވެހި ރައްޔިތުން އުފާވާނެ ދުވަހެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން." ނިހާދު ވިދާޅުވި އެވެ.
ތުދާޅޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ރައްޔިތުން އަޑުއުފަލަމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރި އެހެން މައްސަލަތައް ވެސް ހައްލު ކުރެވެން އަންނަނީ ޝަރުއީ ނިޒާމު އިސްލާހުކޮށްގެން ކަމަށެވެ.
ހިސާން ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން އަމަލު ކުރަން ގެންދިޔައީ ދުވަހަކު ވެސް އެއިން ބޭފުޅަކާ މެދު ފިޔަވަޅެއް ނޭޅޭނެ ކަމަށް ގަބޫލު ކުރައްވައިގެންނެވެ. އެ ގޮތުން ގާނޫނު އަސާސީއާ ސީދާ ހިލާފަށް އެންމެ މަތީ ކޯޓް، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަމަލުތައް ބެހެއްޓެވީ ވެސް އެހެންވެގެން ކަމަށް ހިސާން ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން މީގެ ކުރިން ގަބޫލުކޮށްގެން ތިބީ ފަނޑިޔާރުންނަކީ އެ މީހުންނަށް ދުވަހަކު ވެސް އަތްލެވޭނެ ބައެއް ނޫން ކަމަށް، އަދި އެ ފަނޑިޔާރުން ވެސް އަމަލު ކުރަމުން ގެންދިޔައީ ދުވަހަކު ވެސް އެ މީހުންނާ ދެކޮޅަށް ބަޔަކަށް ފިޔަވަޅު ނާޅާނެ ކަމަށް ގަބޫލު ކޮށްގެން،" ހިސާން ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓްގައިވާ ގޮތުން، ފަނޑިޔާރު ޑީޑީއަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް ކަން ޔަގީންވާ ކަމަށެވެ. އަދި ވިދާޅުވީ ފަނޑިޔާރު ޑީޑީ ހަމައެކަނި މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށާއި އޭނާއަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ފަނޑިޔާރު ވަކިކުރުމަކުން އަދި ނުފުދޭ. ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ލިބެން ޖެހޭނެ. އަބްދުﷲ ދީދީ މި ގައުމަށް އަނބުރާ ގެނެވެން ޖެހޭނެ،" ޝިފާއު ވިދާޅުވި އެވެ.