ހަބަރު

ދީދީ ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަގުތުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާ ކަމަށެވެ. މަޖިލީހުން އެންމެ ފަހުން އިސްލާހުކޮށް ފާސްކުރި ގަވާއިދުގައިވާ ގޮތުން، އެފަދަ މައްސަލަތައް ދިރާސާ ކުރުމަށް ވަގުތުން ކޮމިޓީއަށް ފޮނުވަ އެވެ.

ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ވަކި ކުރަން ފެންނަ ނަމަ އެ މައްސަލައެއް މަޖިލީހަށް ފޮނުވުމެވެ. ފަނޑިޔާރަކު މަގާމުން ވަކި ވާނީ އެކަމެއް މަޖިލީހުން ފާސްކޮށްފިނަމަ އެވެ.

ފަނޑިޔާރު ދީދީއާ ގުޅޭ ގިނަ ތުހުމަތުތަކަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގީ ކޮމެޓީއިން ބަލާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެއީ ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ނަމަވެސް ހުޅުވާލައިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ޖަވާބު ދެއްވީ އޭގެ ފަހުން ލިޔުމުންނެވެ.

ލިޔުމުން ޖަވާބު ދެއްވުމަށްފަހު ފަނޑިޔާރު ދީދީ، ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ މެލޭޝިއާއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިނުގަންނަވަ އެވެ. އަދި އޭނާ ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރުމަށް ވެސް އަމިއްލަފުޅަށް އެދިވަޑައިގެންފަ އެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް ފުލުހުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނަތްތެރިވި ފައިސާ ލޯންޑަކުރި މައްސަލާގައި މިހާތަނަށް ހޯދިފައިވާ ހެކީގައި ފަނޑިޔާރެއްގެ މަގާމެއްގައި ހުންނަވައި އެކި ފަހަރު މަތިން ޑީޑީ ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރެ އެވެ. އަދި ފަނޑިޔާރު ދީދީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރާ މީހުން ދޫކޮށްލުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ދީދީ ވަކިކުރަން ޖޭއެސްސީން ހުށަހެޅިއިރު، ޖޭއެސްސީން ދާދި ފަހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރަން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާއެކު ބެންޗަށް ބޭނުންވާ ދެ މަގާމަށް ހުޅުވާލި ފުރުސަތެކެވެ.

އާ ދެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫން އައްޔަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފަނޑިޔާރުންގެ ނަން ރައީސް ސޯލިހު ޖޭއެސްސީގެ ލަފާއަކަށް ފޮނުވިއިރު އެ ދެ ނަމަށް ވެސް ޖޭއެސްސީއިން ރުހުން ދިނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ވެސް ވަނީ ދެ ނަމަށް ރުހުން ދީފަ އެވެ.