ސުޕްރީމް ކޯޓުގައި ކޮށްފައިވާ ބައެއް ޝަރީއަތްތަކުގެ މައްސަލަތަކާ ގުޅުވައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޑީޑީ، އޭނާއާއި އޭނާގެ އާއިލާ ބޭފުޅުންނަށް ނާޖާއިޒު މަންފާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރިޕޯޓުގައި ބުނެފި އެވެ.
ފަނޑިޔާރު ޑީޑީގެ މައްސަލަ ޖޭއެސްސީއިން ބަލަން ފަށާފައި ވަނީ ފުލުހުން ޑީޑީގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ. އެ ގޮތުން ޖޭއެސްސީން ފަނޑިޔާރު ޑީޑީގެ މައްސަލަ ތަހުގީގުކޮށް އެ މައްސަލަ ނިންމި ގޮތުގައި ރިޕޯޓު މިއަދު ވަނީ އާންމުކޮށްފަ އެވެ.
ޖޭއެސްސީން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން، ފަނޑިޔާރު ޑީޑީ ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވާ، ފަނޑިޔާރުން ޝަރީއަތަކާ ގުޅުން ހުރި އެއްވެސް ކަމެއްގައި ކޯޓުގެ މުވައްވަޒަކު ނުވަތަ އެ ނޫން ވެސް ފަރާތެއް މެދުވެރިކޮށް އެއްވެސް ހަދިޔާއެއް ނުވަތަ ލޯނެއް ނުވަތަ އެ ނޫން ވެސް މަންފާއެއް ލިބިގަނެގެން ނުވާނެ ކަމަށްވާ މިންގަނޑާ ހިލާފުވެފަ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި އެ ކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުންނަށް ދައުލަތުގެ ސިޔާސީ މަގާމެއް ހަމަޖައްސައިދިނުމަށް އެދި "ސަސްޕެކްޓް 1" އަށް އޭނާ ފޮނުވާފައިވާ މެސެޖެވެ. އަދި އެ މެސެޖާ ގުޅިގެން ފަހުން ޑީޑީގެ އަނބިކަނބަލުންނަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސެޑަރުކަން ހަމަޖައްސައިދީފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ބްރަދާ، މެލޭޝިއާ އެމްބަސީގެ ޑެޕިއުޓީ ކަންތައް ކިހިނެތްތޯ އޮތީ ބައްލަވާ ލެއްވުނުތޯ. އަޅުގަނޑުވެސް ބްރަދާ ކަމެއްގެ ވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވެއްޖެއްޔާ އެކަމެއް ބަލައި ދެން ނޫންތޯ. ދެން ކީއްވެތޯ އަޅުގަނޑުގެ އަމިއްލަ ކަމެއްގެ ވާހަކަ ދެންނެވީމަ ވެސް ޖަވާބެއް ނުލިބިގެން މިއުޅެނީ. އަޅުގަނޑު އެކަން ކޮށްދިނުމަށް ދެންނެވީ ހަތަރު ކުދިން ގޮވައިގެން އުޅޭއިރު އެކަން ހަމަޖެހިއްޖެ ނަމަ މިހާރު ހުރި ދަތިތައް ކޮންމެ ވެސް ވަރަކަށް ފިލުވާ ލެވޭނެ ކަމަށް ފެންނާތީ." ފަނޑީޔާރު ޑީޑީ "ސަސްޕެކްޓް 1" އަށް ފޮނުވި މެސެޖުކަމަށް ބުނެ ޖޭއެސްސީގެ ރިޕޯޓުގައިވާ މެސެޖުގައިވެ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރު ޑީޑީ އެ މެސެޖް ކޮށްފައިވާ ދުވަސްވަރަށާއި އެ ދުވަސްވަރު ހިނގި ޝަރީއަތްތަކަށް ބަލާއިރު ޑީޑީ މެސެޖްކޮށްފައި ވަނީ އެފަދަ ކަމެއް އޭނާއަށް ހަމަޖައްސައިދެވޭނެ ސިޔާސީ ގޮތުން އެ ދުވަސްވަރު ނުފޫޒުގަދަ ފަރާތަކަށް ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވާތީ ޑޮލަރު ބޭނުންވެގެން އެ ދިނުމަށް އެދިވަޑައިގެން ވެސް ފަނޑިޔާރު ޑީޑީ "ސަސްޕެކްޓް 1" އަކަށް މެސެޖް ފޮނުވާފައިވާ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ. އެ ގޮތުން ޖޭއެސްސީގެ ރިޕޯޓުގައި އެ މެސެޖް ވެސް ހިމަނާފައިވެ އެވެ. އެ ގޮތުން މެސެޖްގައިވަނީ "ބްރޯ އަޅުގަނޑު ފުރަން މިއުޅެނީ ޑޮލަރުކޮޅެއް ބޭނުން" މި ގޮތަށެވެ.
ފަނޑިޔާރު ޑީޑީ އާއި "ސަސްޕެކްޓް 1" އާ ދެމެދު މެސެޖް މެދުވެރިކޮށް ކުރެވިފައިވާ މުއަމާލާތްތަކުން ފައިސާގެ މުއާމަލާތްތަކެއް ކުރިކަން އެނގެން އޮންނަ ކަމަށާއި އެ މަންފާ ލިބިގެން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމުގެ ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލާފައިވާ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.
ނަމަވެސް، ކޮމިޓީން ހިންގި ތަހުގީގާ ގުޅޭގޮތުން ޑީޑީ ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފަ އެވެ.
ޖުމްލަ 11 ނުކުތާއެއްގެ މައްޗަށް ބިނާކޮށް ޑީޑީގެ ބަޔާނުގައި ވިދާޅުވީ ކޮމިޓީން ކުރި ތަހުގީގު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ފުލުހުން ދިފައިވާ ފަސް ލިޔުމެއްގެ މައްޗަށް ކަމަށްވާއިރު، އެ ލިޔުންތައް ދިރާސާކޮށް އެކަށީގެންވާ މިންވަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑީޑީއާމެދު ކުރެވެނީ ޖިނާއީ ތުހުމަތުތަކެއް އެކުލެވޭއިރު، އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސެއް ޖޭއެސްސީއަށް ލިބިގެންނުވާކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ. \
"... ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތަހުގީގު ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު އިޖުރާއަތަކުން ހިންގާފައިވާ ބާތިލް ތަހުގީގަކުން ނިންމާފައިވާ ބާތިލް ނިންމުމެއްކަމަށް ދެކެމެވެ،" ތަހުގީގުގައި ހުރި މައްސަލަތަކަށް ރިއާޔަތްކުރައްވައި ޑީޑީ ވިދާޅުވި އެވެ.
ޑީޑީ މަގާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާމެދު ގޮތެއް ނިންމުމަށް މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާގައި ވަނީ ތާވަލްކޮށްފަ އެވެ.
ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ފަނޑިޔާރު ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ތަހުގީގީ ރިޕޯޓްގައިވާ ކަންކަމަށް ބެލުމަށްފަހު ތައުުދީބީ ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާށެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ވަކި ކުރަން ފެންނަ ނަމަ އެ މައްސަލައެއް މަޖިލީހަށް ފޮނުވުމެވެ. ފަނޑިޔާރަކު މަގާމުން ވަކި ވާނީ އެކަމެއް މަޖިލީހުން ފާސްކޮށްފިނަމަ އެވެ.
މިހާތަނަށް މިގޮތަށް ވަކި ކޮށްފައިވަނީ އެންމެ ފަނޑިޔާރެކެވެ. މިހާރު ކުރިއަށްދާ 19 މަޖިލީހުގަ އެވެ. ވަކިކޮށްފައި ވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެވެ.