ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Sep 1, 2019

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިތުރުކޮށްފި އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލީ މިއަދު މުއްދަތު ހަމަވާ ގޮތަށެވެ. ނަމަވެސް އެ ކޮމިޝަނުން މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް މުއްދަތު އިތުރުކޮށްފަ އެވެ.

ޖޭއެސްސީއިން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަން ކުރަން އެ ކޮމިޝަނަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ. ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ. ފަނޑިޔާރު ކަމަށް އެމީހަކު އައްޔަން ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފި ނަމަ އެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އޭނާ މަގާމުން ވަކިކުރީ ޖޭއެސްސީއިން އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅުމުންނެވެ. އަބްދުﷲ ދީދީ މަގާމުން ވަކި ކުރީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވަނީ އަނެއްކާ ވެސް ކުރިމަތިލައްވައިފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

އެ ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ވެސް ކުރި އެވެ. ނަމަވެސް ޖޭއެސްސީއިން ރައީސް ސޯލިހަށް ލަފާ ދެއްވީ އެމަނިކުފާނު އެ ކޮމިޝަނަށް ފޮނުއްވި ދެ ބޭފުޅުންގެ ނަމެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫނެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއިން ވެސް ވަނީ ރުހުން ދީފަ އެވެ.

އެ ދެ ބޭފުޅުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުން މިފަހުން ގާނޫނަށް ގެނައި ބަދަލުން ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށެވެ. މިހާރު ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.