ފަނޑިޔާރު ދީދީ ސުލޫކީ މައްސަލަ

ޑީޑީއަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް!

ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ ގާޒީ) ގެ ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި މިއަދު ފެށި ތަހުގީގުގެ ތެރެއިން ޑީޑީގެ މައްޗަށް އިިތުރު ސީރިއަސް ތުހުމަތުތަކެއް ކުރާކަން ހާމަވެއްޖެ އެވެ.

އެއް ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ ފައިސާގެ ބައެއް ޑީޑީ ނަންގަވާފައިވާ ކަމުގެ ތުހުމަތެވެ. ދެވަނަ ތުހުމަތަކީ ގެއްލުވާލާފައިވާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅުވާ ކޮށްފައިވާ ތުހުމަތުތަކެވެ.

ފަނޑިޔާރު އަބްދުﷲ ޑީޑީގެ ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި މިއަދު ފެށި ބައްދަލުވުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފުލުހުން ފޮނުވި ދެ ސިޓީއެއް ޖޭއެސްސީން ވަނީ އާންމުކޮށްފަ އެވެ.

ފުލުހުން ފޮނުވި އެއް ސިޓީގައިވާ ގޮތުން، ފުލުހުން ދަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނަތްތެރިވެ ފައިސާ ލޯންޑަކުރި މައްސަލާގައި މިހާތަނަސް ހޯދިފައިވާ ހެކީގައި ފަނޑިޔާރުއެއްގެ މަގާމެއްގައި ހުންނަވައި އެކި ފަހަރު މަތިން ޑީޑީ ފައިސާ ނެންގެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މަގާމުގެ ނުފޫޒު ބޭނުން ކުރި މައްސަލައެއް ވެސް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ވެސް ފަނޑިޔާރަށް ފުލުހުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ.

ދެވަނަ ސިޓީގައި ބުނަނީ ރިލްވާން ގެއްލުވާލި މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ މުހައްމަދު ސުވައިދާއި، ސ. މީދޫ އަބްދުﷲ ހައިޝަމް ދޫކޮށްލީ ފަނޑިޔާރު ޑީޑީ ވިދާޅު ވެގެން ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެ ދެ މީހުން ބަންދުން ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަކުރެވިފައިވާ މީހަކު ފަނޑިޔާރާ މުއާމަލާތް ކުރަމުން އައިސްފައިވާ ކަމަށެވެ. މި މައްސަލަތަކުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ފަނޑިޔާރު ހިންގެވި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިއަދު ފެށި ތަހުގީގުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ޑީޑީ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ. އަދި އެ މައްސަލަތަކުގައި ޖަވާބުދާރީވެވަޑައިގަންނަވަން އިތުރު ވަގުތު ދެއްވުމަށް ވެސް ޑީޑީ އެދިވަޑައިގެންނެވި އެވެ.

ޑީޑީގެ ސުލޫކީ މައްސަލަތަކުގައި ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އެ ކަމުގައި އެއްވެސް ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަތައް ކުރިއަށް ގެންދިޔުމަށާއި އެ ކަމަށް ހުރަސް ނާޅަން ސުޕްރީމް ކޯޓަށް އިސްތިމާސްކޮށްފަ އެވެ.