ފަނޑިޔާރު ދީދީ ސުލޫކީ މައްސަލަ

ޑީޑީ ތަހުގީގު: ބަހުސަކަށް ފުދޭތަ؟

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން އާންމުންނަށް ހުޅުވާލައިގެން ބާއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމައި އިއުލާނު ކުރުމާއެކު އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އަދި ހުޅުވާލާފައިވާ އެ މަޖިލީހުގެ އަޑުއެހުން ޓީވީން ލައިވް ކުރި އިރު މުޅި ރާއްޖޭގެ ސަމާލުކަން އަތުލާފައި އޮތީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮތް އެ މަޖިލީހެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީގާޒީ) ގެ މައްޗަށް ސީރިއަސް ތުހުމަތުތައް ކުރެވިގެންދިއަ އަޑު އެހުން، ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް އިއްޔެ ބަދަލުވެ ވަދެގެން ދިޔައީ ވެސް ގާނޫނީ ބޮޑު އަދި ހޫނު ބަހުސަކަށެވެ.

"ސަސްޕެކްޓް 1" ގެ ގޮތުގައި ސިފަކޮށްފައިވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވޭ އިސް ފަރާތަކުން ފައިސާ ހޯދަން ދީދީ ކުރެއްވި މެސެޖުތަކަކާ ގުޅޭގޮތުން ތަހުގީގު ކުރިއަށް ގެންދެވި ޖޭއެސްސީގެ ފަސް މެމްބަރުންގެ ތަހުގީގު ކޮމެޓީން ސުވާލު ކުރައްވަން ފެއްޓެވުމާއެކު، ޑީޑީގެ ވަކީލުންގެ ޓީމުން ގާނޫނީ ގިނަ ނުކުތާތަކެއް ފާހަގަ ކޮށްފަ އެވެ.

އެ ޓީމުގައި ހިމެނިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު ކަމާއި ފަނިޔާރުކަން ވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު އެންމެ ފުރަތަމަ ނެންގެވީ ޑީޑީ ސަސްޕެންޑުކޮށްފައިވާ މައްސަލަ އެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ފަނޑިޔާރަކު ސަސްޕެންޑު ކުރުމާގުޅޭ އިޖުރާއަތްތައް ބަޔާންކުރާ ގާނޫނުތަކާއި ހިލާފަށް ދީދީ ސަސްޕެންޑުކޮށްފައިވަނީ ގަވައިދަކަށް ހަވާލާދީގެނެވެ.

ނަމަވެސް، ޖަމީލްގެ އެވާހަކަތައް ބަލައި ނުގަންނަން ކޮމިޓީން ނިންމި އެވެ. ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް އައްޔަން ކުރެއްވި މެންބަރު މަސްތޫރު ހުސްނީ ވިދާޅުވަމުން ގެންދެވީ ތަހުގީގަކީ ޑީޑީގެ ސުލޫކީ މައްސަލައެއް އޮތްތޯ ބަލާ ކޮމިޓީއެއްގެ ތަހުގީގު ކަމަށެވެ. ޑީޑީގެ ސަސްޕެންޝަނާބެހޭ ގޮތުން ބޭއްވޭ އިސްތިއުނާފީ އަޑުއެހުމެއް ނޫނެވެ.

ސަސްޕެންޝަން ބަހުސާއެކު ޑީޑީއަށް ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ނުލިބި ގިނަ ވަގުތުތަކެއް ހޭދަވި އެވެ. މަސްތޫރުގެ އިތުރުން، ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ޖޭއެސްސީގެ މަޖިލީހުގެ މެންބަރު ހިސާން ހުސެއިންއަށް ވެސް ތަކުރާރުކޮށް އެ ނުކުތާ ފާހަގަކުރައްވަން ޖެހިވަޑައިގަތެވެ.

ސުލޫކީ މައްސަލައަކާ ޖިނާއީ މައްސަލައެއްގެ ތަފާތުގެ ބަހުސް

ތަހުގީގު ކުރިއަށް ނުގެންދެވި އެންމެ ފަހުން ހުއްޓާލަންޖެހުނު މައިގަނޑު އެއް ހުރަހަކަށްވީ، ޑީޑީއާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި ލިޔުންތަކަށް ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ނުލިބުނު މައްސަލަ އެވެ. ޑީޑީގެ އިތުރުން އޭނާގެ ޓީމުން ވެސް ތަކުރާރުކޮށް ފާހަގަ ކުރެެއްވީ އެ ނުކުތާ އެވެ.

ޑީޑީ ވިދާޅުވާ ގޮތުގައި ފުލުހުންގެ ސިއްރު ސިޓީއެއްގެ ގޮތު ޖޭއެސްސީއަށް ލިބުނު ކަމަށް ބުނާ ފަސް ލިޔުމެއް ލިބިވަޑައިގެންނެވީ ތަހުގީގަށް ހާޒިރުވެ ވަޑައިގެންނެވި ފަހުންނެވެ. އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ނުކޮށް ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވޭނީ ކިހިނެއްތޯ ޑީޑީ ތަކުރާރުކޮށް އެއްސެވި އެވެ.

ދީދީގެ ޓީމުގައި ހިމެނިވަޑައިގެންނެވި ތާޖުރިބާކާރު ވަކީލް ރޭނީސް މުހައްމަދު ސަލީމް ވިދާޅުވަމުން ގެންދެވީ ވެސް އެ ވާހަކަ އެވެ. ފުލުހުންގެ ފަރާތުން ލިބުނު ކަމަށް ބުނާ ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތު ދޭންޖެހޭނެ އެވެ.

ތަހުގީގު ކޮމިޓީގެ މެންބަރުން ވިދާޅުވަމުން ގެންދިޔައީ ތަހުގީގަކީ ޖިނާއީ ތަހުގީގެއް ނޫނެވެ. ތަހުގީގު މަގުސަދަކީ ޑީޑީއަށް ކުރެވޭ ތުހުމަތުތަކާ ހެދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައި ވޭތޯ ބެލުމެވެ. އެގޮތުން ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޑީޑީގެ ކިބައިން ތަކުރާރުކޮށް އެދި ވަޑައިގަތެވެ. ނަމަވެސް، އެ ސުވާލުތަކަށް ޖަވާބު ނުދެއްވާ، ޑީޑީގެ ޓީމުން ނެންގެވީ އިޖުރާއަތުގެ މައްސަލަތަކެވެ.

ތަހުގީގުގެ މަރުހަލާގައިވެސް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ޖަމީލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ޑެޕިއުޓީ ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ގަބޫލުކުރައްވާ ގޮތަކީ ޑިޑީގެ ޓީމަށް ސުލޫކީ މައްސަލައެއްގެ ތަހުގީގާ ޖިނާއީ ތަހުގީގެއްގެ ތަފާތު އޮޅިވަޑައިގެންފައި އޮތް ކަމަށެވެ.

"އެއީ ޝަރީއަތުގެ މަޖިލީހެއް ނޫން. އެއީ ސުލޫކީ މައްސަލައެއް ބެލި ތަހުގީގެއް. ތަހުގީގު މަރުހަލާގައި ޖަވާބުދާރީވާން ވަގުތު ދޭންޖެހޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ފަރާތަށް މަދުވެގެން ފަސް ދުވަސް ދޭންޖެހޭ ކަމަށް އޮތް ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ތަހުގީގީ މަރުހަލާގައި ޖަވާބުދާރީވާން ވަކި ވަގުތެއް ކަނޑައަޅާފައެއް ނޯވެ އެވެ.

އަދި ހާއްސަކޮށް ޖިނާއީ މައްސަލައަކާ ސުލޫކީ މައްސަލައެއް ވަރަށް ބޮޑަށް ތަފާތުވާކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

"އެ ދެ ކަންތަކުގެ މިންގަނޑު ވަރަށް ތަފާތުވާނެ. ސުލޫކީ މައްސަލައެއް ސާބިތުވާ މިންގަނޑު ކުޑަވާނެ ޖިނާއީ މައްސަލައެއް ސާބިތުވާ މިންގަނޑަށް ވުރެ. ސުލޫކީ މައްސަލަ ސާބިތުވިޔަސް ޖިނާއީ މައްސަލަ ސާބިތު ނުވެވެސް ހިނގައިދާނެ. އެކަމަކު ޖިނާއީ މައްސަލަ ސާބިތުވެއްޖެނަމަ، ސުލޫކީ މައްސަލަ ދެން ސާބިތު ކުރަން ނުވެސް ޖެހޭނެ،" ޝަމީމް ތަފްސީލު ކޮށްދެއްވި އެވެ.

ކޮމިޓީން ބަލަން ބޭނުންވީ ދީދީގެ ނަންބަރުން ފައިސާއާ މަންފާ ހޯދަން މީހަކަށް މެސެޖު ކުރެއްވިތޯ އެވެ. އެކަމަށް ޖަވާބު ދެއްވަން މި މަރުހަލާގައި އެ މެސެޖުތަކުގެ ސައްހަކަން ބަލާކަށް ކޮންމެހެން ނުޖެހެ އެވެ. އެއީ ޝަމީމް ގަބޫލުކުރައްވާ ގޮތެވެ.

"ފަނޑިޔާރަކު އެފަދަ މެސެޖެއް ކުރެއްވުމަކީ ސުލޫކީ މައްސަލައެއް ދެއްތޯ. ދެން އޭގައި ޖިނާއީ ކަމެއް އުޅޭތޯ ނެތްތޯ އެއީ އަދި އެހެން ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ޒާތީ ހަސަދައެއް

ޖަމީލް ވިދާޅުވި ގޮތުގައި، ފަނޑިޔާރު ޑީޑީގެ ސުލޫކީ މައްސަލައެއް ބަލާ ކަމަށްބުނެ ކުރިޔަށް ގެންދާ މައްސަލައިގައި ގާނޫނީ ބުރަދަނެއް ނެތް އަދި ޒާތީ ކަމެކެވެ.

"މުޅި މައްސަލައަކީ އަޅުގަނޑަށް ފެނުނު ގޮތުގައި، ސިޔާސީ ބޭފުޅެއްގެ ޒާތީ ހަސަދައެއް ފިލުވުމަށް ކުރިޔަށް ގެންދެވޭ އެއްޗެއް. ދެން ކޮންމެ ގޮތަކަށްވީ ކަމުގައިވީ ނަމަވެސް މިއަދުގެ ތަހުގީގުން ދެ ކަމެއް ވަރަށް ސާފުކޮށް ފާހަގަ ވެގެން ދިޔަ. ތުހުމަތުކުރެވޭ ފަނޑިޔާރާ ގުޅޭ ކަމެއްގެ ޖިނާއީ ތަހުގީގެއް ހަގީގަތުގައި ކުރެވިފައެއް ނެތް ރަސްމީ ގޮތަކަށް، ގާނޫނުގައި ބުނާ ގޮތަކަށް ތަހުގީގެއް ނުހިނގާ" ޖަމީލް "އަވަސް" އަށް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ތަހުގީގު ކުރީ މީގެ ދެ އަހަރު ކުރިން އެެހެން ބައެއްގެ މައްޗަށެވެ. އެކަމުގެ ފުލް ރިޕޯޓްވެސް އައިސްފައިވެ އެވެ. އެހާ ހިސާބަށް އައި އިރުވެސް މީގެ އެއްވެސް ވާހަކައެއް ނުދެކެވެ އެވެ. އެ ރިޕޯޓްގައި ރާއްޖޭގެ ވަރަށްގިނަ ވިޔަފާރިވެރިންނާއި، ކުންފުނިތަކާއި، ފައިސާ މާރުކުރި ތަންތަނާއި، ވަރަށް ގިނަ މުއައްސަސާތަކުގެ ވާހަކަ ހުރި އިރު ޑީޑީގެ އެއްވެސް ވާހަކައެއް ނެތެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ކަންބޮޑުވަނީ މި މުޅި އެމްއެމްޕީއާރްސީގެ މައްސަލަ އެ ފަރާތަކަށް ރައްދުވި ކަަމަށް މުޅި ރާއްޖެ ގަބޫލު ކުރާ ފަރާތް ވަރަށް ބޮޑަށް ސާފު ތާހިރުވެއްޖެ. ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި ސިޓީފުޅަކާއި ގުޅިގެން އަދި މަޖިލިހުގެ ތެރޭގައި ބޭއްވި ނޫސްކޮށްފަރެންސަކަށް ފަހު ހަގީގަތުގައި ޖޭއެސްސީން ފުރަތަމަ ސަސްޕެންޑް ކުރައްވާފައި ދެން ފަށައިގަތީ ވެސް، އެހެންވީމަ މުޅި އެތި މިއޮތީ އެބޭފުޅުންގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ޖޭއެސްސީގެ ގާނޫނާއި، އެފަދަ މައްސަލަތައް ހިންގުމަށްޓަކައި ބައިނަލް އަގުވާމީ މުޖުތަމައިން އެކަށައަޅާފައިވާ މިންގަނޑުތަކުގެ ބޭރުން ކުރިޔަށް ގެންދިޔަ ތަހުގީގެއް" ޖަމީލް ވިދާޅުވި އެވެ.

ޖޭއެސްސީން ކުރަން ބޭނުންވި ތަހުގީގު ރަނގަޅަކަށް ކުރިއަށް ނުގެންދެވުނެވެ. ޑީޑީ ޓީމުން އެދުނު ގޮތަށް، ތުހުމަތުތަކަށް ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދޭން ކޮމިޓީން ވެސް ވަނީ ނިންމާފަ އެވެ. އިތުރު އަޑުއެހުމެއް ބާއްވާނީ އެ ޖަވާބުތަކަށް ރިއާއަތްކޮށްފަ އެވެ. ގާނޫނީ ބަހުސެއްގެ ތެރެއިން ހޫނުވި އަޑުއެހުމުގެ ދެވަނަ ބަޔަށް ކުރެވޭ އިންތިޒާރު ބޮޑެވެ.