ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފަނޑިޔާރުން ވަކިކުރުމުގައި މިހާރު އަމަލު ކުރަނީ ގާނޫނާ ހިލާފަށް: ޖަމީލު

ފަނޑިޔާރުން ވަކިކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާއި ރައްޔިތުންގެ މަޖިލީހުން އަމަލު ކުރާ ގޮތުން ޑިއު ޕްރޮސެސްގެ އުސޫލު ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކުރަން މަޖިލީހުން ފާސްކޮށްފައި ވަނިކޮށް، ދީދީގެ ވަކީލުކަން ކުރެއްވި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީއިންނާއި މަޖިލީހުން އަމަލު ކުރަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޫން ކަމަށާއި އެ ކަމުގެ ސަބަބުން ޑިއު ޕްރޮސެސްގެ އުސޫލު ވެސް ގެއްލިފައިވާ ކަމަށެވެ.

"ގާނޫނު އަސާސީގައިވާ ގޮތާ ހިލާފަށް ފަނޑިޔާރުން ވަކިކުރުމުން ގާނޫނުން ލިބޭ ރައްކާތެރިކަން ގެއްލޭ. ޖޭއެސްސީ ސިޔާސީ ވެފައިވާއިރު މަޖިލީހުން ބަލަނީ ގާނޫނު އަސާސީއާ ހިލާފަށް ކަން ކުރަން ފަހިކުރަން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ކުރެއްވި ޓްވީޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމުން އޭނާ މަގާމުން ވަނީ ވަކިވެފަ އެވެ. ދީދީ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ 72 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް އޭނާ ވަކިކުރަން ވަކި ކޮޅަކަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.

ފަނޑިޔާރު ކަމުން ދީދީ ވަކިކުރަން ޖޭއެެސްސީން މަޖިލީހަށް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ފޮނުވުމުން، ހަމަ އެ ރޭ މަޖިލީހުގައި ޖަލްސާއެއް ބާއްވައި އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި އެވެ. ހަމަ އެ ރޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އޭނާ ވަކިކުރަން ކޮމިޓީން ނިންމި އެވެ.

ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން އިސްނަގައިގެން ބަލަން ފެށީ ފުލުހުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ގޮތުން ފަނޑިޔާރެއްގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމުގެ ތުހުމަތު އޭނާއަށް ކުރެ އެވެ. އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރާ މީހުން ދޫކޮށްލުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވެ އެވެ.

ދީދީއާ ގުޅޭ ގިނަ ތުހުމަތުތަކަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގީ ކޮމެޓީއިން ބަލާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެއީ ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ނަމަވެސް ހުޅުވާލައިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ޖަވާބު ދެއްވީ އޭގެ ފަހުން ލިޔުމުންނެވެ.

ލިޔުމުން ޖަވާބު ދެއްވުމަށްފަހު ފަނޑިޔާރު ދީދީ ވަނީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ މެލޭޝިއާއަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިނުގަންނަވަ އެވެ. އަދި އޭނާ ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރުމަށް ވެސް އަމިއްލަފުޅަށް އެދިވަޑައިގެންފަ އެވެ.