ހަބަރު

ޖޭއެސްސީން އަރައިގަތީ އަޅުގަނޑުގެ ހައްގަކަށް: ފަނޑިޔާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަރައިގަތީ އަސާސީ ހައްގަކަށް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފާޑު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު އާދަމް އެހެން ވިދާޅުވީ އޭނާގެ މައްސަލަ ތަހުގީގު ކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ކޮމިޓީގެ ނިންމުމާ ގުޅިގެންނެވެ.

ޖޭއެސްސީން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަގެ އަޑު އެހުން މިއަދު ހެނދުނު ފެށުމާއެކު، މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ ވިދާޅުވީ ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން ފަނޑިޔާރު އާދަމް ވެސް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ މައްސަލައަކީ ނައިބު ރައީސް ކަމުން ވަކިކުރި މައްސަލާގައި ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލަ އެވެ.

މަސްތޫރު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެއް ފަރާތުގެ ވަކީލާ ބައްދަލު ކުރައްވައި މުއާމަލާތް ކުރުމަކީ ފަނޑިޔާރުގެ ސުލޫކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ފަނޑިޔާރު އާދަމް ވަނީ އެކަން ޖޭއެސްސީއިން ފާހަގަކުރުމާއެކު އެ މައްސަލައިގެ ޝަރީއަތުން ތަނާޒަލްވެވަޑައިގެންފަ އެވެ. ފަނޑިޔާރު އެ މައްސަލައިން ތަނާޒުވެވަޑައިގެންފައިވާ ކަމުގެ ލިޔުމެއް ވެސް ސުޕްރީމް ކޯޓުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ޖަމީލު، ވަކީލެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ތަނާޒަލްވެވަޑައިނުގެން ކަމަށާއި ފަހުން މައްސަލައިން ތަނާޒަލްވުމަކުން ޖަމީލު ވަކީލެއްގެ ގޮތުގައި ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ޖަމީލުގެ ބަދަލުގައި އެހެން ވަކީލަކު އައްޔަނުކުރަން އާދަމް އެދިވަޑައިގެންފައިވާތީ، އެ ފުރުސަތު ދިނުމަށްޓަކައި މާދަމާ މެންދުރު 12:30 ގައި އަޑުއެހުން ކުރިއަށް ގެންދިޔުމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މަސްތޫރު އިއުލާނު ކުރެއްވި އެވެ.

މަސްތޫރު ކޮމިޓީގެ ބައްދަލުވުން ނިމުނީ ކަމަށް އިއުލާން ކުރެއްވުމާއެކު ފަނޑިޔާރު އާދަމް އަތްމައްޗަށް ނަގައި ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވާ ކޮމިޓީގެ މެންބަރުން އެ މަލާމުން ނުކުމެވަޑައިގެންނެވީ އެވެ. މެންބަރުން ފައިިލްތައް ހިއްޕަވައިގެން ނުކުނަވަން ފެއްޓެވުމުން ފަނޑިޔާރު އާދަމް ވަނީ ނުރުހުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވީ އޭނާގެ ހައްގަށް ޖޭއެސްސީއިން އަރައިގަންނަނީ ކަމަށެވެ. އެމީހަކު ބޭނުންވާ ވަކީލެއް އައްޔަންކޮށްގެން މައްސަލަތަކުގައި ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އޭނާ މައްސަލައިން ތަނާޒަލްވެފައިވާ ކަމުގެ ލިޔުން ޖޭއެސްސީއަށް ލިބިފައިވާ ކަމަށް އިއުތިރާފުވެ އެ ލިޔުމަށް ރިއާޔަތް ނުކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ. ފަނޑިޔާރުގެ އެ ވާހަކަތަކަށް ޖޭއެސްސީގެ އެއްވެސް މެންބަރެއް ސަމާލު ކަމެއް ނުދެއްވި އެވެ. ފަނޑިޔާރުގެ ވާހަކަތައް އަޑުވެސް ނާހަ އެވެ.

ފަނޑިޔާރާއެކު ވަޑައިގެން އިންނެވި ޖަމީލު ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. "މިއަދު ބާރު އޮތުމުން ކޮންމެ ގޮތަކަށް ވެސް އަމަލު ކުރެވިދާނެ،" ކަމަށް އޭނާ ވިދާޅުވި އެވެ. ޖަމީލު ވިދާޅުވީ އަމިއްލައަށް ގޮތެއް ނިންމައި މައްސަލަ ރައްދުވައި މީހާއަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުދިނުމަކީ ގަބޫލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއަދު ފެނިގެން ދިޔައީ ހިތާމަވެރި މަންޒަރެއް ކަމަށާއި ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވައިދިނުމަށް ފަނޑިޔާރު އާދަމް އެދިވަޑައިގެންފައިވާތީ، މިއަދުގެ އަޑުއެހުން ވަނީ ޓީވީން ލައިވްވެސް ކޮށްފަ އެވެ. ނަމަވެސް ފަނޑިޔާރު ދެއްކެވި ވާހަކަތައް ގެނެސްދީފައެއް ނުވެ އެވެ.