ހަބަރު

ފަނޑިޔާރު އާދަމްގެ ވަކީލަކަށް ޖަމީލް، އިތުރު ސުލޫކީ މައްސަލައެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލާގައި އޭނާގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އައްޔަން ކުރެއްވި މައްސަލަ އިތުރު ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމައިފި އެވެ.

ޖޭއެސްސީއިން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަގެ އަޑުއެހުން މިއަދު ހެނދުނު ފެށުމާއެކު، މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން ފަނޑިޔާރު އާދަމް ވެސް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ މައްސަލައަކީ ނައިބު ރައީސް ކަމުން ވަކިކުރި މައްސަލާގައި ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލަ އެވެ.

މަސްތޫރު ވިދާޅުވީ އެ މައްސަލާގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެއް ފަރާތުގެ ވަކީލާ ބައްދަލު ކުރައްވައި މުއާމަލާތް ކުރުމަކީ ފަނޑިޔާރުގެ ސުލޫކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ފަނޑިޔާރު އާދަމް ވަނީ އެކަން ޖޭއެސްސީއިން ފާހަގަކުރުމާއެކު އެ މައްސަލައިގެ ޝަރީއަތުން ތަނާޒަލްވެވަޑައިގެންފަ އެވެ. ފަނޑިޔާރު އެ މައްސަލައިން ތަނާޒުވެވަޑައިގެންފައިވާ ކަމުގެ ލިޔުމެއް ވެސް ސުޕްރީމް ކޯޓުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ޖަމީލު، ވަކީލެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ތަނާޒަލްވެވަޑައިނުގެން ކަމަށާއި ފަހުން މައްސަލައިން ތަނާޒަލްވުމަކުން ޖަމީލު ވަކީލެއްގެ ގޮތުގައި ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ޖަމީލުގެ ބަދަލުގައި އެހެން ވަކީލަކު އައްޔަނުކުރަން އާދަމް އެދިވަޑައިގެންފައިވާތީ، އެ ފުރުސަތު ދިނުމަށްޓަކައި މާދަމާ މެންދުރު 12:30 ގައި އަޑުއެހުން ކުރިއަށް ގެންދިޔުމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މަސްތޫރު އިއުލާނު ކުރެއްވި އެވެ.

މަސްތޫރު ކޮމިޓީގެ ބައްދަލުވުން ނިމުނީ ކަމަށް އިއުލާން ކުރެއްވުމާއެކު ފަނޑިޔާރު އާދަމް އަތްމައްޗަށް ނަގައި ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވާ ކޮމިޓީގެ މެންބަރުން އެ މަލާމުން ނުކުމެވަޑައިގެންނެވީ އެވެ. މެންބަރުން ފައިިލްތައް ހިއްޕަވައިގެން ނުކުނަވަން ފެއްޓެވުމުން ފަނޑިޔާރު އާދަމް ވަނީ ނުރުހުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވީ އޭނާގެ ހައްގަށް ޖޭއެސްސީއިން އަރައިގަންނަނީ ކަމަށެވެ. އެމީހަކު ބޭނުންވާ ވަކީލެއް އައްޔަންކޮށްގެން މައްސަލަތަކުގައި ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އޭނާ މައްސަލައިން ތަނާޒަލްވެފައިވާ ކަމުގެ ލިޔުން ޖޭއެސްސީއަށް ލިބިފައިވާ ކަމަށް އިއުތިރާފުވެ އެ ލިޔުމަށް ރިއާޔަތް ނުކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ. ފަނޑިޔާރުގެ އެ ވާހަކަތަކަށް ޖޭއެސްސީގެ އެއްވެސް މެންބަރެއް ސަމާލު ކަމެއް ނުދެއްވި އެވެ. ފަނޑިޔާރުގެ ވާހަކަތައް އަޑުވެސް ނާހަ އެވެ.

ފަނޑިޔާރާއެކު ވަޑައިގެން އިންނެވި ޖަމީލު ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. "މިއަދު ބާރު އޮތުމުން ކޮންމެ ގޮތަކަށް ވެސް އަމަލު ކުރެވިދާނެ،" ކަމަށް އޭނާ ވިދާޅުވި އެވެ. ޖަމީލު ވިދާޅުވީ އަމިއްލައަށް ގޮތެއް ނިންމައި މައްސަލަ ރައްދުވައި މީހާއަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުދިނުމަކީ ގަބޫލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއަދު ފެނިގެން ދިޔައީ ހިތާމަވެރި މަންޒަރެއް ކަމަށާއި ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވައިދިނުމަށް ފަނޑިޔާރު އާދަމް އެދިވަޑައިގެންފައިވާތީ، މިއަދުގެ އަޑުއެހުން ވަނީ ޓީވީން ލައިވްވެސް ކޮށްފަ އެވެ.

ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަލަނީ 15 މައްސަލައެއް ކަމަށްވެ އެވެ.

މި މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އުއްތަމަ ފަނޑިޔާރަށް ވެސް ޖޭއެސްސީއިން ހާޒިރުވުމުގެ ޗިޓް ފޮނުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެކަމާ ދެކޮޅު ހައްދަވާފައި ޖޭއެސްސީއާ ދެކޮޅަށް ނޫސް ބަޔާނެއް ނެރުއްވާފަ އެވެ. ޖޭއެސްސީއިން އުޅެނީ ޝަރުއީ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާ ގުޅޭ މައްސަލަތައް ޖޭއެސްސީއަަށް ނުބެލޭނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އެ ބަޔާން އުއްތަމަ ފަނޑިޔާރު ނެރުއްވައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާފައިވާ ކަމަަށް ބުނެ ޖޭއެސްސީއިން ވަނީ ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމާފަ އެވެ.

މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭނާގެ މައްސަލަ ވެސް ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގަ އެވެ. އެ ތަހުގީގުގައިވެސް ދީދީގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ޖަމީލެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އެ ނަސޭހަތުގެ ލިޔުމާ ވެސް ހަވާލުވެވަޑައިނުގެންނެވި އެވެ.