ހަބަރު

ފަނޑިޔާރު އާދަމްއަށް ވަކީލަކު ނުލިބުނު، އިތުރު މުއްދަތު ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ސުލޫކީ މައްސަލާގެ ތަހުގީގު މިއަދު ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ފަނޑިޔާރު އާދަމްގެ މައްސަލާގެ ތަހުގީގު އެންމެ ފުރަތަމަ ތާވަލުކުރީ އިއްޔެއަށެވެ. ނަމަވެސް އިއްޔެ ފަނޑިޔާރުގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަޑައިގެންނެވުމުން މައްސަލަ ކުރިއަށް ނުގެންދިޔަ އެވެ.

މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީއިން ނިންމީ ޖަމީލު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއްގެ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާއިރު އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ. އަދި އަމިއްލަ މަންފާވާ ކަމެއްގައި މައްސަލައެއްގެ އެއް ހަސްމާ މުއާމަލާތް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށް ބަލައި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ނިންމި އެވެ. އަދި، އެހެން ވަކީލަކާއެކު މިއަދު ވަޑައިގެންނެވުމަށް އެންގެވި އެވެ.

މިއަދު 12:30 އަށް ތާވަލުކުރި އަޑުއެހުމަށް ފަނޑިޔާރު އާދަމް ވަޑައިގެންނެވީ ވަކީލަކާއެކު ނުލައި އެކަންޏެވެ. އިއްޔެ ޖަމީލުގެ އިތުރުން ޖުޑިޝަލް އެކެޑަމީގެ ކުރީގެ ޗާންސެލާ އަހުމަދު މާޖިދު ވެސް ވަޑައިގެންނެވި އެވެ. މިއަދު އޭނާ ވެސް ވަޑައިނުގަތް، މައްސަލައިން ތަނާޒަލްވާކަން ވަނީ އަންގަވާފަ އެވެ. އެހެންވެ، ވަކީލު ކޮބައިތޯ ކޮމިޓީގެ ރައީސް، މަސްތޫރު ހުސްނީ އެއްސެވި އެވެ. އަދި ވަކީލަކު ހޯދަން އަދިވެސް ފުރުސަތު ބޭނުން ވަނީތޯ އެއްސެވި އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވީ މަޖީދު ވަޑައިނުގަންނަވާނެ ކަމެއް އަންގާފައިނެތް ކަމަށެވެ. އަދި އެގޮތަށް އިރުޝާދު ވެސް ދެއްވާފައިނުވާނެ ކަމަށެވެ. އޭނާ ވަޑައިނުގެންނެވި ސަބަބު އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށް ކަމަށެވެ. މައްސަލާގައި ކުރިއަށް ވަޑައިގަންނަވަން ބޭނުން ވަނީ ވަކީލަކާއެކު ކަމަށާއި އެހެންވެ އެކަމާ ގުޅޭ ގޮތުން ކަންކަން ސާފުކޮށް ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެ ވާހަކަ ދެއްކެވުމަށް ވަރަށް އާދޭހާއެކު ފުރުސަތަކަށް އެދޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ތަކުރާރުކޮށް ފަނޑިޔާރު އެދިވަޑައިގެންނެވުމުން "ވަރަށް ކުރުކޮށް" ވިދާޅުވުމަށް މަސްތޫރު ހުސްނީ ފަނޑިޔާރަށް އެންގެވި އެވެ. ލިޔުއްވާފައިވާ ލިޔުމެއް ބައްލަވައިގެން ފަނޑިޔާރު އާދަމް ޑރ. ޖަމީލްގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ވިދާޅުވެ ދެއްވި އެވެ. ފަނޑިޔާރު ވިދާޅުވީ ޖަމީލު ވަކީލެއްގެ ގޮތުގައި އައްޔަން ކުރުމަށް މަސައްކަތް ފެއްޓެވީ ވެސް އޭނާ ހިމެނޭ ހުރިހާ މައްސަލައަކުން ތަނާޒަލްވެ އެކަން އުއްތަމަ ފަނޑިޔާރަށް އެންގެވުމަށް ކަމަށެވެ. އެކަން ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފޮނުވި ސިޓީއަކުން ވެސް އެނގޭނެ ކަމަށެވެ.

ޖަމީލު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަކީ އޭނާ ނައިބު ރައީސްކަމުން ވަކި ކުރި މައްސަލާގައި ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމަށް ފަނޑިޔާރު އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ. އެ މައްސަލައަކީ ކޯޓުގެ ފުލް ބެންޗުން ބަލާ ފަދަ މައްސަލައެއް ކަމަށް އިއްޔެ ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދު ފަނޑިޔާރު އާދަމް ވިދާޅުވީ އެއީ ފުލް ބެންޗުން ބަލާ ފަދަ ދުސްތޫރީ މައްސަލައެއް ނޫންކަން ގާނޫނު އަސާސީ ބެލުމުން އެނގޭ ކަމަށެވެ. އެހެންވުމުން އޭނާ ތަނާޒަލްވުން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

އޭގެއިތުރަށް ފަނޑިޔާރު އާދަމް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ޖަމީލު ވަނީ ޖޭއެސްސީއިން ގަބޫލުކޮށްފަ ކަމަށެވެ. އެހެންވީއިރު އޭނާ ހީކުރެއްވީ އެކަމުގައި ޖޭއެސްސީއިން ސްޓޭންޑެއް ނަގާފައި އޮތީ ކަމަށެވެ. އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައިގަނެ އޭނާގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހަމަހަމަ ކަމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، ޖޭއެސްސީގެ ނިންމުން ރިވިއުކޮށް ދޭން އެދިވަޑައިގެންނެވި އެވެ.

އެ ވާހަކަތައް ތަފްސީލްކޮށް ކިޔައިދެއްވާތީ ދޭތެރެދޭތެރެއިން މަސްތޫރު ފަނޑިޔާރުގެ ވާހަކަތައް ހުއްޓުވި އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވާން ބޭނުންވި ވާހަކަތައް ހުއްޓާނުލައްވާ ކުރިއަށް ގެންދެވި އެވެ.

ދެން ފަނޑިޔާރު އާދަމް ވިދާޅުވީ ގިނަ ވަކީލުންނަކީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ ވަކީލުންނަށްވާއިރު އޭނާގެ މައްސަލައާ ޖަމީލު ހަވާލުވުމުން ބާ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވާތީ އެހެން ވަކީލުންނަށް ވެސް އެ ބިރު އެބަ އޮތް ކަމަށެވެ. އެހެންވެ ގިނަ ވަކީލުން މައްސަލައާ ހަވާލުވާން ޖެހިލުންވަމުންދާ ކަމަށެވެ. އެހެންވެ ވަކީލެއް ހޯދަން އިތުރު ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ފަނޑިޔާރު އާދަމްގެ އެ ދެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ކޮމިޓީގެ ނިންމެވުމުން އެންގެވީ ކޮމިޓީގެ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނެވެ. ހިސާން ވިދާޅުވީ ޖަމީލު ހިމެނޭ މައްސަލަތަކުން ފަނޑިޔާރު ތަނާޒަލްވެވަޑައިގެންނެވީ އަމިއްލައަށް ފުށުއަރުވައި އަމިއްލަ މަންފާއެއް ހޯދުމަށް ކަމަށެވެ. އެހެންވީއިރު އެއީ ސުލޫކީ މައްސަލައެއް ކަމަށެވެ. އެ ނިންމުން ރިވިއު ކުރެވެން ނެތް ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުން ލާޒިމް ކުރަނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައަކާ ގުޅިގެން ވަކީލަކު ހޯދަން 24 ގަޑިއިރުގެ ފުރުސަތެއް ދިނުމަށެވެ. އިއްޔެއިން މިއަދާ ހަމައަށް ވެސް 24 ގަޑިއިރު ވެފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ވަކީލެއް ހޯދަން ފަނޑިޔާރަށް އެންގެވީ މި މަހުގެ 15 ދުވަހަށްވާއިރު އެކަށީގެންވާ ދިގު މުއްދަތެއް މިހާރު ވެސް ދެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮމިޓިއިން އަދިވެސް ފުރުސަތު ދޭން ބޭނުންވާ ކަމަށާއި އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އިތުރު ފުރުސަތު އަރުވާ ކަމަށެވެ. އެއީ އެރުވޭނެ އެންމެ ފަހު ވަގުތު ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާން އެ ނިންމުން އެންގެވުމާއެކު، ފަނޑިޔާރު އާދަމް ވިދާޅުވީ ކުރެވޭނީ މަސައްކަތް ކަމަށެވެ. އެ ދުވަހުގެ އަޑުއެހުމަށް އަންނައިރު ވެސް ވަކީލެއް ނުލިބިދާނެ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއިން ލިބިދޭ ހައްގު ޖޭއެސްސީއިން ކަށަވަރުކޮށް ދޭން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރު އެހެން ވިދާޅުވުމުން މަސްތޫރު ވިދާޅުވީ ފަނޑިޔާރު އާދަމް މަސައްކަތް ކުރައްވަނީ ނުބައި މަގަމުން ވަޑައިގެންނެވުމަށް ކަމަށެވެ. އަދި ސިސްޓަމް އެބިއުސް ކުރެއްވުމަށް ކަމަށެވެ. ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. ފަނޑިޔާރު އާދަމް ވިދާޅުވީ އެހެން ވިދާޅުވުމުން ދެރަވެއްޖެ ކަމަށެވެ. ދެން ވެސް ވަކީލަކު ހޯދަން މަސައްކަތް ކުރާނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް ގަޑިއަށް ހާޒިރު ވަނީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅަން ބޭނުން ނުވާތީ ކަމަށެވެ.

އެހާ ހިސާބުން މަސްތޫރު ކޮމިޓީގެ މިއަދުގެ އަޑުއެހުން ނިންމާލެއްވި އެވެ. އޭރު ވެސް ފަނޑިޔާރު ވާހަކަ ދައްކަވަމުން ގެންދެވި އެވެ. ނަމަވެސް އަޑުއެހުން ނިމިއްޖެ ކަމަށް ވިދާޅުވެ ކޮމިޓީގެ މެންބަރުން ނުކުމެވަޑައިގެންނެވީ އެވެ. ކޮމިޓީގައި މަސްތޫރާއި ހިސާންގެ އިތުރުން ދެން ތިއްބަވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމާއި ވަކީލުންގެ މެންބަރު އަބްދުލްމާނިއު ހުސެއިނެވެ.