ހަބަރު

ބާރު އޮތީމަ ބޭނުން ގޮތެއް، ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ: ޖަމީލު

މިހާރު ފެންނަމުން ދަނީ ބާރު އޮތުމުން ހިތުހުރި ގޮތަކަަށް އަމަލު ކުރަމުންދާ މަންޒަރު ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ސިޔާސީވެ ނިމިފަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ތަހުގީގު ކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ކޮމިޓީގެ ނިންމުމާ ގުޅިގެންނެވެ. މިއަދު ޖޭއެސްސީގެ ކޮމިޓީއިން ނިންމީ ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައި ނުގަތުމަށެވެ.

މައްސަލަ ބަލާ ކޮމިޓީގެ ރައީސް، މަސްތޫރު ހުސްނީ އަޑުއެހުން ފެއްޓެވުމަށްފަހު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން ފަނޑިޔާރު އާދަމް ވެސް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، މިއަދުގެ އަޑުއެހުން ނިންމާލައި އެހެން ވަކީލަކު ހޯދުމަށް ފަނޑިޔާރަށް މަސްތޫރު އެންގެވި އެވެ. އޭރު ފަނޑިޔާރު އިންނެވީ ވާހަކަ ދެއްކެވުމަށް ފުރުސަތަކަށް އެދިވަޑައިގެންނެވެ. ނަމަވެސް ފަނޑިޔާރަށް އެއްވެސް ފުރުސަތެއް މެންބަރުން ނުދެއްވި އެވެ. ފަނޑިޔާރު ވާހަކަ ދައްކަވަނިކޮށް ކޮމިޓީގެ މެންބަރުން ވަނީ މަޖިލީހުން ނުކުމެވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރައްވަމުން ޖަމީލު ވިދާޅުވީ "މިއަދު ބާރު އޮތުމުން ކޮންމެ ގޮތަކަށް ވެސް އަމަލު ކުރެވިދާނެ،" ކަމަށެވެ. ޖަމީލު ވިދާޅުވީ އަމިއްލައަށް ގޮތެއް ނިންމައި މައްސަލަ ރައްދުވައި މީހާއަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުދިނުމަކީ ގަބޫލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއަދު ފެނިގެން ދިޔައީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. މަޖިލީހުން ބޭރަށް ނުކުމެވަޑައިގެން، ޖޭއެސްސީގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ވެސް ޖަމީލު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އޭގެ ފަހުން ޖަމީލު ޓްވީޓެއް ކުރައްވައި ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. ޖަމީލު ވިދާޅުވީ ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ ކަމަށާއި ގާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ވެސް ހަނިކޮށްފި ކަމަށެވެ. ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގައި އުޅެނީ ހަސްމުންގެ މައްސަލައެއް ނޫން ކަމަށާއި ވަކީލެއްގެ ހައްގު ހަޖަމްނުވުމުގެ މައްސަލައެއް ކަމަށެވެ.

"ޖޭއެސްސީ ލަދުވެތިވާންޖެހޭ، އަމިއްލަ އަށް ބޭނުން ގޮތެއް ނިންމައި، ބަހެއް ބުނެލުމުގެ ފުރުސަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދީ، ބާރު އޮތްކަން ދައްކާލީ، ތިހާވަރަކަށް ޖުޑިޝަރީ އިސްލާހު ކުރެވޭނީ،" ޖަމީލު ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް މިއަދު ވިދާޅުވި ގޮތުގައި އޭނާގެ ހައްގަށް ޖޭއެސްސީއިން އަރައިގަތީ އެވެ. އެމީހަކު ބޭނުންވާ ވަކީލެއް އައްޔަންކޮށްގެން މައްސަލަތަކުގައި ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އޭނާ މައްސަލައިން ތަނާޒަލްވެފައިވާ ކަމުގެ ލިޔުން ޖޭއެސްސީއަށް ލިބިފައިވާ ކަމަށް އިއުތިރާފުވެ އެ ލިޔުމަށް ރިއާޔަތް ނުކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ.

ފަނޑިޔާރު އާދަމްގެ މައްސަލަ ބަލައި ކޮމިޓީގައި ތިއްބަވަނީ ޖޭއެސްސީގެ ނައިބު ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރު މަސްތޫރު ހުސްނީގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނާއި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އަބްދުލް މާނިއު އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.