ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ޖޭއެސްސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލާ ކަމަށެވެ. މުއްދަތު ހުޅުވާލީ އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށެވެ.
ޖޭއެސްސީއިން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަން ކުރަން އެ ކޮމިޝަނަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ. ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ. ފަނޑިޔާރު ކަމަށް އެމީހަކު އައްޔަން ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފި ނަމަ އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.
އޭނާ މަގާމުން ވަކިކުރީ ޖޭއެސްސީއިން އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅުމުންނެވެ. އަބްދުﷲ ދީދީ މަގާމުން ވަކި ކުރީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އެ ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ވެސް ކުރި އެވެ. ނަމަވެސް ޖޭއެސްސީއިން ރައީސް ސޯލިހަށް ލަފާ ދެއްވީ އެމަނިކުފާނު އެ ކޮމިޝަނަށް ފޮނުއްވި ދެ ބޭފުޅުންގެ ނަމެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫނެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއިން ވެސް ވަނީ ރުހުން ދީފަ އެވެ.
އެ ދެ ބޭފުޅުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުން މިފަހުން ގާނޫނަށް ގެނައި ބަދަލުން ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށެވެ. މިހާރު ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.