ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަލާގައި އޭނާ މިއަދު ޖަވާބުދާރީވެ ވަޑައިގެންފި އެވެ.
ޖޭއެސްސީއިން ބަލަމުން ގެންދަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަަކި ގޮތަކަށް ހުކުމް ނެރެދިނުމަަށް އެދި ދީދީއަަށް ފައިސާ ދިން ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލާގައި ދަރުބާރުގޭގައި ހުޅުވާލައިގެން ބޭއްވި ތަހުގީގަށް ފަހު ދީދީއަށް ވަނީ ޖަވާބު ދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު މިއަަދު ހަމަވާއިރު ޖޭއެސްސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ދީދީ އެ ކޮމިޝަނަށް ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ހިޔާނާތުގެ މައްސަލައިގެ އިތުރުން ވެސް ބޮޑެތި ތުހުމަތުތަކެއް ދީދީއަށް ކުރެވިފައިވެ އެވެ. އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ދޫކޮށްލުމަށް މީހަކު "ސަސްޕެކްޓް 1"އަކާ މުއާމަލާތް ކުރަމުން ދިޔައިރު އޭނާ އެކަން ދީދީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސުވައިދު ދޫކޮށްލި ޝަރީއަތުގެ ފަނޑިޔާރުކަން ކުރެއްވީ ދީދީ ކަމަށް ވެސް ފުލުހުން ޖޭއެސްސީއަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ.