ވިޔަފާރި

ސިފައިންގެ އެކުވެރި ކުންފުންޏާއެކު 523 ކުންފުނި އުވާލަނީ

Jun 22, 2019
1

ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ) އާއެކު 523 ކުންފުންޏެއް އުވާލުމަށް، އެ ކުންފުނިތަކުގެ ނަން ލިސްޓު އާއްމު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކުންފުނިތައް އުވާލަން ނިންމާފައިވަނީ ކުންފުނި ތަކުން އަހަރީ ފީ ނުދައްކާތީ ކަމަށެވެ. މިނިސްޓްރީން ވަނީ އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓު ވެސް އެ މިނިސްޓްރީގެ ސައިޓުގައި އާއްމުކޮށްފަ އެވެ.

މި ލިސްޓުގައި ނަން މަޝްހޫރު ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ. އުވާލަން ތައްޔާރުވާ ކުންފުނިތަކުގެ ލިސްޓުގައި 1979 އަހަރުން ފެށިގެން 2000 ގެ އަހަރުތަކާ ހަމަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތައް ހިމެނެ އެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުންފުންޏަކީ 1979 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ސިފައިންގެ އެކުވެރި ކުންފުންޏެވެ. ދެން ލިސްޓުގައި ހިމެނޭ އެންމެ ދުވަސްވީ އެއް ކުންފުންޏަކީ ވައްބިންފަރު އައިލެންޑް ޕެރަޑައިސް އެވެ. އެ ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ 1980 ވަނަ އަހަރު އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ލިސްޓުގައި ހުރި ކުންފުނިތައް ހިންގަން ބޭނުންނަމަ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ފުރިހަމަ ފުރަން ޖެހޭ އިންތިޒާމުތައް ފުރިހަމަ ކުރަން ވާނެ ކަމަށެވެ. އެގޮތުން އެ އިންތިޒާމްތައް ފުރިހަމަ ކުރުމަށްފަހު އެކަން އަންގައިދޭ ލިޔެ ކިޔުންތަކާތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރެއް ފާސްކޮށް، އެ މިނިސްޓްރީ އަށް ހުށަހަޅަން ވަނީ އެދިފަ އެވެ.

އިކޮނޮމިމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކުންފުނިތަކުގެ މައްޗަށް ދައުވާތެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަންވެސް މި މުއްދަތުގެ ތެރޭގައި އެ މިނިސްޓްރީއަށް އަންގަން ވާނެ ކަމަށެވެ.

ރާއްޖޭގައި އަހަރަކު 1000 އަށްވުރެ ގިނަ ކުންފުނި ރަޖިސްޓްރީ ކުރެ އެވެ. އަދި އުވާލަން ޖެހޭ ކުންފުނިތަކުގެ އަދަދު 7،000 އަށް އަރާ ކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެފައިވެ އެވެ.