ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަދަލު ގެންނަން އެމްޑީޕީން ކުރަން ހުރި މަސައްކަތްތައް އަދިވެސް ގިނަ: ރައީސް

ހެޔޮ ބަދަލު ގެންނަން އެމްޑީޕީން ފެށި މަސައްކަތުގައި ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕަޓީގެ މެންބަރުންނަށް އަރިސް ކުރައްވާ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެންނަން މި ވޭތުވެދިޔަ 14 އަހަރު އެމްޑީޕީގެ މެންބަރުން އެތައް ގުރުބާނީ އެއް ވެފައިވާ ކަމަށެވެ.

"[ހެޔޮ ބަދަލު ގެންނަން] ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ." އެމްޑީޕީގެ އެންމެ އިސްވެރިޔާ އަދި ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ މާލޭގައި ހުންނަ އެ ޕާޓީގެ މައި ހަރުގޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް އާންމު މެންބަރުން ވެސް ބައިވެރިވި އެވެ.

އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވުނީ ޖޫން 26، 2005 ގަ އެވެ. އޭގެ ފަހުން ބޭއްވި ތިން ރިޔާސީ އިންތިހާބުގެ ތެރެއިން ދެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އަދި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީން ވަނީ ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. މަޖިލިސް އިންތިހާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކީ އެމްޑީޕީ އެވެ.