އަހަރެމެން ކުޑަކުޑައިރު އިސްކަންދަރުން ދިމާވެ އެވެ؛ އޭރުވެސް މި މާއިސް ނަސީމް ފިސާރި ބޮޑެތި ވާހަކަ ދައްކަ އެވެ. އެހަރަ ކުޑަކުޑަ ކުއްޖާ ފޮޓޯ ނަަގައި އެޑިޓްކުރާ ވާހަކަ ކިޔައިދޭން އުޅެ އެވެ. އޭގެ އެތަކެއް އަހަރު ފަހުން އެއްކަލަ މާއިސްއާ ދިމެވެއްޖެ އެވެ. "ކޮބާ ކޮބާ ކިހިނެއް ހެއްޔޭ؟" އަހައިލިހާއިރުން ކުޑައިރުވެސް ވާހަކަ ފަށާ ގޮތަށް ފަށައިގެންފި އެވެ. މިހާރު އުމުރުން 18 އަހަރުގެ މާއިސް ބުނި ގޮތުގައި އޭނާ އަކީ ފޮޓޯގްރާފަރެކެވެ. ވީޑިއޯގްރާފަރެކެވެ. ފޮޓޯ ނަގަނީ އެވެ. ވީޑިއޯގްރަފީ ހަދަނީ އެވެ. ފޮޓޯ އެޑިޓިން އާއި ޑްރޯން ފޮޓޯ ގްރަފީ އަދި ގްރެފިކް ޑިޒައިނިންގެ ތެރޭގައި ދުވަސް ހުސްވެގެން ދާ ގޮތް އޭނާއަށް ނުވެސް އެނގެ އެވެ.
"ކުޑައިރު ފޮޓޯ ނަގަން ޝައުގުވެރިކަން ހުއްޓަސް ކެމެރާއެއް ހިފައިގެން ހިނގައިގަންނާނަމެކޭ ދުވަހަކު ހިތަށް ވެސް ނާރާ،" އޭނާ ބުނެލި އެވެ.
އިސްކަންދަރުގައި އަހަރެންގެ ހަނދާންތަކުގެ ތެރެއިން އަދި ފިލައި ނުދާ މާއިސް ވާހަކަތަކެއް އެބަހުއްޓެވެ. އޭރު މާއިސް ކިޔައިދޭ ގޮތުން އޭނާގެ ބައްޕަގެ ފޯނުން ފޮޓޯ ނަގާފައި އެޑިޓް ކުރެ އެވެ. ބައްޕަގެ ފޯނަށް ފޮޓޯ އެޑިޓް ކުރާ އެޕްލިކޭޝަންތައް ވެސް އަޅަ އެވެ. ދެން އެ ފޯނު ސްޓަކްވެގެން ބައްޕަ އުޅޭ ވާހަކަ މާއިސް ކިޔައިދޭނެ އެވެ. އަހަރެން ސުވާލެއް ކުރުމަކާ ނުލައި ގަސްގަހާއި އުޑުގެ ފޮޓޯ ނަގާ ވާހަކަ އާއި އެޑިޓް ކުރާ ވާހަކަ ވެސް ކިޔައިދީފާނެ އެވެ. އެއިން ކަމަކާ އަހަރެންގެ މާ ބޮޑު އަޅައިލުމެއް ނެތަސް އަނގަ ހުއްޓާ ނުލައި ފޮޓޯ ނަގާ ވާހަކަ ވަރަށް ގިނައިން ދައްކާފާނެ އެވެ.
ދެ މީހުން ބޮޑުވެގެން ބައްދަލުވީމާ އަހަރެންގެ ގާތަށް ވަރަށް ހިނިވެސް އައެވެ؛ މިހާރު މާއިސް ބުނާ ގޮތުގައި އޯލެވެލް ނިންމާފައި އޭނާ ފޮޓޯ ނަގަން ފެށީ އެވެ. ފުރަތަަމަ ފޮޓޯ ނަގަން ފެށީ އޭނާގެ ދައްތަގެ ކެމެރާއިންނެވެ. އެ ކެމެރާ ހިފައިގެން ރައްޓެހި ކުދިންނާއެކު ބޭރަށް ގޮސް އޭހެ ފީޗާސް ތަކާއި ކުޅެލައި މެނޫ ހާވައިގަނެ ދަސްކުރީ އެވެ. ދެން ރައްޓެހި ކުދިންނާއެކު ޕާޓީތަކަށް ގޮސް ފޮޓޯ ނަގަން ފެށުމުން ލޯ ހުޅުވި، ލޯބި ވެސް ޖެހުނީ އެވެ.
"އޭގެ ފަހުން ފޮޓޯ ނެގުން ކެރިއާ ގޮތަށް ނަގަން ހިތްވަރެއް ލިބުނީ ހަދިޔާއަކަށް ބައްޕަ ކެމެރާ އެއް ދިނުމުން. އެ ކެމަރާ ލިބުމާއެކު ވެޑިން ތަކާއި ޕާޓީ ތަކާއި ހަފުލާތަކުގެ ފޮޓޯ ނެގުން ރަސްމީ ކޮށް ފެށުނީ!" އޭނާ ބުންޏެވެ.
އޯލެވެލްގެ އެންމެ މޮޅު ހަ ކުދިންގެ ސަފުން މާއިސްއަށް ޖާގައެއް ލިބުނެވެ. އަދި އެހެން ކުދިން ފަދައިން އޭ ލެވެލް ހަދަން ސީއެޗްއެސްއަށް ވެސް ދާން ފެށި އެވެ. އޭލެވެލްގެ ބުރަ ދުވަސްތަކާއެކު ފިލާވަޅުތައް ދަސްކުރަމުން ވެސް ފޮޓޯ ނެގުން މާއިސް ދުލެއް ނުކޮށްލަ އެވެ. ހުސް ވަގުތުކޮޅެއް ލިބުމުން ފޮޓޯ ޝޫޓަކަށް ދެއެވެ. އޭލެވެލްގެ ދެ މަސް ފަހުން މާއިސް ނިންމީ ދެން އިހަށް ކިޔެވުމާ ދުރަށް ޖެހިލާފައި ފޮޓޯ ނަގަން އިސްކަން ދޭށެވެ. އެހިސާބުން ފެށިގެން މީހުންގެ ލޮލުގައި މޮޅު ފޮޓޯގްރާފަރެއްގެ ގޮތު މާއިސް އަޅައިގެންފި އެވެ. އޭނާގެ ލޮލުގައި ރީތި މަންޒަތައް އަޅައިގަންނަ ފަދައިންނެވެ.
ފޮޓޯގްރާފަރަކަށް ވެގެެން ނުކުތުމުން މާއިސްއަށް ފުރުސަތުތައް ފަހިވެ ކަޕްލް ފޮޓޯތައް ނަގަން ރިސޯޓުތަކަށް ދާން ގޮވާލަން ފަށައިފި އެވެ. ދައުވަތުތައް ލިބެން ފަށައިފި އެވެ. ޕްރޮޖެކްޓްތައް އަންނަން ފަށައިފި އެވެ. އުމުރުން 16 އަހަރުގައި ވެސް ރިސޯޓު ތަަކަށް ގޮސް ކަޕްލް ފޮޓޯތައް ނަގައި ދިނެވެ. އޭގެ އެއް އަހަރާއި ހަ މަސް ފަހުން މާއިސް ނިންމީ ދެން އަމިއްލައަށް ތެދުވެ، އާމްދަނީ ހޯދާށެވެ. މީހުންގެ ދަށުން މަސައްކަތް ކުރުން ހުއްޓާލައި ޅަ އުމުރުގައި އަމިއްލައަށް މަސައްކަތް ކުރާށެވެ. އެގޮތާ މާ ގަޔާވެސް ވިއެވެ.
"މީހެއްގެ ދަށުން މަސައްކަތް ކުރީމަ އެހެން ޝޫޓް ތަކަށް ޓައިމެއް ނުވޭ، އަބަދުވެސް އެމީހަކު ބޭނުން ގޮތަކަށް މަސައްކަތް ކުރަން މާއިސްއަށް ޖެހެނީ. އަމިއްލައަށް މަސައްކަތް ކުރީމަ ލިބޭ އާންމްދަނީ ވެސް މާ ރަނގަޅު، އެގޮތާ މާ ގަޔާވެސްވޭ" މާއިސް ކިޔައިދެނެވެ.
މިހާރު ދެން މާއިސް ރިސޯޓް ތަކާއި އަތޮޅުތަކުގެ ރަށް ރަށުގެ ވެޑިން ޕާޓީ ތަކުގައި ވެސް ފޮޓޯ ނަގަން ދެއެވެ. އޭނާ އެންމެ ނަގާހިތް ވަނީ ވެޑިން ފޮޓޯ ތަކެެވެ. އޭނާ ބުނާ ގޮތުގައި މީހެއް، ދެމީހެއްގެ ހަޔާތުގައި އަންނަ އެފަދަ ހާއްސަ ދުވަހެއްގެ ފޮޓޯ ނަގަން އޭނާއަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފުލަކާއި ޝަރަފެކެވެ. އަދި ކޮންމެ ދުވަހަކު ލިބޭނެ ފުރުސަތެއް ވެސް ނޫނެވެ.
"އެންމެ އުފާވަނީ ވެޑިން ފޮޓޯތައް ނެގުމަށް ފަހު ކަސްޓަމަރުން އެ ފޮޓޯތަކާ މެދު ހިތްހަމަ ޖެހޭތީ،" މާއިސް ބުނެލި އެވެ.
މާއިސް ބުނާ ގޮތުން ވިއްޔާ އެހެން ފޮޓޯގްރާފަރުންނެކޭ އެއްގޮތަށް އޭނާވެސް އުޅެނީ އުނދަގުލުގެ ތެރޭގަ އެވެ. ގިނަ ރިސޯޓް ތަކުން އެ ރިސޯޓަކަށް ހާއްސަ ފޮޓޯގްރަފަރުން ހޯދައިގެން އުޅޭތީ ގެސްޓުން އެހެން ފޮޓޯގްރާފަރެއް ބޭނުންވިޔަސް ގިނަ ފަހަރަށް އެ ފުރުސަތު ރިސޯޓު ތަކުން ނުދެ އެވެ.
"ގެސްޓުން ބޭނުން ވެގެން ފޮޓޯ ނަގަން އުޅުނަސް ރިސޯޓަކުން ހުއްދަ އެއް ނުދޭ. މިސާލަކަށް ގެސްޓް މީހާ ބޭނުން ވަނީ މާއިސް ލައްވާ ފޮޓޯ ނަގަން. ޓްރާންސްފާ އާއި އެކޮމަޑޭޝަނާއި ހުރިހާ ހަރަދު ތަކަށް ޕޭ ކުރާ ގޮތަށް ވެސް ފޮޓޯ ނަގާކަށް ހުއްދައެއް ނުދޭ. އެއީ ރިސޯޓު ފޮޓޯގްރަފީގައި އޮންނަ ވަރަށް ބޮޑު ހުރަހެއް... މި ވާހަކަތައް ވެސް ލިޔެބަލަ؟" މާއިސް ބުނެލި އެވެ. "ފެށި އިރު އަސްލު މާއިސްވެސް ހީކުރީ މިއީ ވަރަށް ފަސޭހަ ކަމެއް ކަމަށް، އެކަމަކު މިއީ ދައްޗާއި ތުރާލުގައި ކުރާ ކަމެއް، ޝައުގުވެރިކަން ބޮޑު ކަމުން ކުރަނީ"
ކުޑައިރެކޭ އެއްގޮތަށް މިއަދުވެސް މާއިސްގެ ވާހަކަ އޮލަކަމުން މާ ގިނަ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެކަމަކު އަލުން ދިމާވުމުން މާއިސްގެ މި ވާހަކަތައް އަޑު އަހާލަން މަޑު ކުރަން ވެސް ޖެހޭނެ އެވެ، އޭނާ ބުނަނީ ވަރަށް ގިނަ މީހުނަށް ހީވެފަައި އޮންނަނީ ފޮޓޯ ނެގުމަކީ ވަރަށް ފަސޭހަ ކަމެކޭ އެވެ. އެކަމަކު މިއީ މޮޅު ކެމެރާ އޮވެގެން ވާ ކަމެއްނޫނެވެ. މިއީ ޝައުގުވެރި ކަމާއި ވަގުތުން ދީގެން ވާ ކަމެކެވެ.
"އަހަރެން ބުނެލަން އޮތީ އެންމެ ފުރަތަމަ ފޮޓޯ ނަގަން ފަށާއިރު ބޮޑެތި ޝޫޓްސް ތަކެއް ނުލިބޭނޭ... އެކަމަކު ހިތްވަރާއެކު މަސައްކަތް ކޮށްފިއްނަމަ އެ ހިސާބަށް ވެސް ދެވޭނޭ، އެއަށްވުރެ ދުރަސް ވެސް ދެވޭނޭ،"
މިހާރު މާއިސް ބޭނުންވަނީ އަމިއްލަ މަސައްކަތުން ކުރިއަރައިދާށެވެ. ދިވެހިންގެ ތެރޭގައި ނަން ހުރި ފޮޓޯގްރަފަރަކަށް ވާން އެކަންޏެއް ނޫނެވެ. ދުނިވެސް ބަލައިގަންނަ ފޮޓޯ ގްރާފަރަކަށްވާށެވެ. ކުޑައިރު އިސްކަންދަރުގައި އުޅުނު އިރު އަހަރެންގެ ގާތުގައި "ވަރަށް ފޮޓޯ ނަގާ ހިތްވެއޭ!" ބުނަމުން އައި މާއިސް އޭރު ދެއްކި ވާހަކަތައް ހަނދާނުގައި ހުއްޓަސް އަހަރެން މާބޮޑަށް ފާރުވާލެއް ނުބަހައްޓަމެވެ. އެކަމަކު މާއިސްގެ ވާހަކަ އަޑު އަހާފައި ފޮޓޯތައް ހާވާލައި ބަލައިލީމާ ހިތަށް އަރައެވެ. ކުޑައިރުވެސް އަހަރެންގެ "ހިތާއި ސިކުނޑީގެ ކެމެރާ" އަށް ނުފެންނަ ކިތަންމެ މަންޒަރެއް މާއިސް އަށް ފެނުނީ އެވެ. -- ދިމާވީމާ ވަރަށް އުފާވެއްޖެ އެވެ. ކާމިޔާބީއަށް އެދެމެވެ!