ހަބަރު

ގާޒީ އާދަމް އާރިފާއެކު 5 ގާޒީއެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ޑުރަގް ކޯޓުގެ ގާޒީ އާދަމް އާރިފާއެކު އިތުރު ހަތަރު ގާޒީއެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބުނީ، ޑުރަގް ކޯޓުގެ ގާޒީ އާދަމް އާރިފާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއެއް ބަލަން ނިންމައި އެކަމަށް ކޮމިޝަނުގެ ތިން މެމްބަރުންގެ ކޮމިޓީއެއް މިއަދު ނަގާފައިވާ ކަމަށެވެ.

އާރިފަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރައްވާފައިވާ އަދި ކުރިން ހައި ޕްރޮފައިލް ވަރަށް ގިނަ މައްސަލަތަކުގައި ޕީޖީގެ ގާނޫނީ ޓީމް ލީޑް ކުރެއްވި ޕްރޮސިކިއުޓަރެކެވެ.

އޭނާގެ އިތުރުން ޖޭއެސްސީން ދެން ބަލަން ނިންމާފައި ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހުސައިން ރަޝީދާބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާއި ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއެއްގެ އިތުރުން ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާން އަލީ އާއި ބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާއި، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސައިނާއި ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާ އެކެވެ.

މީގެ އިތުރުން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނާޝިދާއި ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާއެއް ނިންމައި، ގާނޫނުގައި ބުނެފައިވާ 30 ދުވަހުގެ މުއްދަތު ޝަކުވާ ރައްދުވާ ފަނޑިޔާރަށް ދިނުމަށްފަހު، އެފަނޑިޔާރަށް ނަސޭހަތް ދިނުމުގެ ފިޔަވަޅު އަޅަން ނިންމާފަ އެވެ.