ހުޅުމާލެ

ހުޅުމާލެ ފުލެޓްތަކުގެ ކޮމަންއޭރިއާ ބޭނުން ކުރާގޮތް ބަލަނީ

ހުޅުމާލެއިން ކުއްޔަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުން ކުރޭތޯ ބަލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ސާވޭއެއް ކުރަން ނިންމައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެއަކީ މީހުން ދިރިއުޅުމަށް ހިތްފަސޭހަ، އަދި އިގުތިސޯދީ އެކި މަސައްކަތް ކުރަން އެކަށޭނެ މާހައުލެއް ގާއިމު ކުރަން ވަކި ގޮތަކަށް ޕްލޭން ކޮށްފައިވާ ރަށެއް ކަމަށާއި، އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ގެންދަނީ އެފަދަ މާހައުލެއް ހުޅުމާލޭގައި ގާއިމުކުރެވޭތޯ ކަމަށެވެ.

އެގޮތުން ހުޅުމާލެއިން ދޫކޮށްފައިވާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ފުލެޓްތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާތީ، މި މަހުގެ ތެރޭގައި ފުލެޓުތަކުގެ ކޮމަން އޭރިއާ ސާވޭ ކުރާނެ ކަމަށެވެ.

އެ ސާވޭގައި އެ ކޯޕަރޭޝަނުން ބަލާނީ ކޮމަން އޭރިއާގައި އިމާރާތްކޮށްފައި ހުރިތޯ އާއި، އެއްމެދު އިމާރާތަށް ގެއްލުންވާ ފަދަ ގަސްތައް އިންދާފައި ހުރިތޯ އާއި އެތަން ހިޔާކޮށް ދޮރު ހަރުކޮށްފައި ހުރިތޯ އެވެ.

މީގެ އިތުރުން، ވިޔަފާރި ބޭނުމަށް ކޮމަން އޭރިއާ ބޭނުން ކުރޭތޯ އާއި، އެ ކޯޕަރޭޝަނުން ހުއްދަ ނުކުރާފަދަ ބަދަލެއް އިމާރާތުގެ ބޭރަށް ގެނެސްފައި ހުރުމުގެ އިތުރުން، ބެލްކަނީގެ ރެއިލިން އިން ދޮރުކަނޑާފައި ހުރިތޯވެސް ބަލާނެ އެވެ.