ހަބަރު

އަލަށް ހޮވި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރުންނާ ރައީސް ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕަށް އަލަށް ހޮވުނު ބޭފުޅުންނާ ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހޮވުނު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވުނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ބައިވެރިވި ކަމަށް ރައީިސް އޮފީހުން މައުލޫމާތު ދެ އެވެ.

އަދި، ޕީޖީ ގުރޫޕުގެ އަމީން އާއްމު ކަމުގެ މަގާމަށް ހޮވުނު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވެސް މި ބައްދަލުވުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރާއި މަޖިލީހުގެ މެންބަރުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ބުނެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު ބާއްވާ، ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރީ އިއްޔެ އެވެ.
އިއްޔެގެ އިންތިހާބުގައި ވާދަވެރިކަން އޮތީ ހަމައެކަނި ވިޕުންގެ މަގާމުތަކުގަ އެވެ. އެހެން މަގާމުތަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ބޭނުންވާ އަދަދަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެ އިރު އެމަނިކުފާނު ހުންނެވީ ހިންނަވަރު ދާއިރާގެ މެންބަރު ކަމުގަ އެވެ.