ހަބަރު

އޭސީސީގެ ނައިބު ރައީސަށް މިންނާ ހަމަޖައްސަައިފި

އެންޓި ކޮރަޕްޝަންގެ ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު އައިމިނަތު މިންނާ ހަމަޖައްސައިފި އެވެ.

އޭސީސީން މިއަދު ބުނި ގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް މިންނާ ހަމަޖެއްސީ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތާއީދުންނެވެ.

އޭސީސީގެ ނައިބު ރައީސަށް މިންނާ ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި މުއައްވިޒް ރަޝީދު ކޮމިޝަންގެ ރައީސްގެ މަގާމަށް ހަމަޖެއްސުމުންނެވެ. މުއައްވިޒް، ރައީސްގެ މަގާމަށް އައްޔަން ކުރީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އޭސީސީގެ ރައީސްގެ މަގާމުން ލުތުފީ އިސްތިއުފާ ދެއްވީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. އަދި އިސްތިއުފާ ދެއްވީ ވަޒީފާއަށް ނުކުންނަވާތާ ގިނަ މަސްތަކެއް ފަހުންނެވެ. ކުރީގެ ސަރުކާރުގެ ބައެއް ކޮރަޕްޝަންގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށް ލުތުފީއަށް ތުހުމަތު ކުރެވެ އެވެ.