ޒުވާނުން މަސައްކަތަށް ނުނުކުމެ މައިންބަފައިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލާތީ ގައުމުގެ އިގްތިސޯދަށް ލޮޅުން އަރާ ކަމަށާއި ތަރައްގީ އާއި އާބާދީ އެއްހަމަ ކުރަން ޒުވާނުން ވަޒީފާތަކަށް ނުކުންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 37 ޕަސަންޓަކީ ޒުވާނުން ކަމަށްވާއިރު މަސައްކަތް ކުރާ އުމުރުގެ މީހުންނަކީ އާބާދީގެ 67 ޕަސަންޓު ކަމަށާއި އާބާދީ އިތުރުވާ މިންވަރަށް ބަލާއިރު 2054 އާ ހަމަޔަށް ދާއިރު މަސައްކަތް އާބާދީގެ ޕަސަންޓޭޖް އޮންނާނީ ހަމަ އެ ގޮތުގައި ކަަމަށެވެ. އެއިން އެނގެނީ އުފެއްދުންތެރި އާބާދީއަކާއެކު ގައުމު ތަރައްގީ ކުރުމުގެ ވަރަށް ފަހި ފުރުސަތެއް ތަނަަވަސްވެފައި އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ވިދާޅުވީ އާމްދަނީއެއް ނުހޯދާ ބަޔަކު ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މައިންބަފައިންނަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ އަދަދު މަތިވަމުންދާ ކަމަށެވެ. އަދި ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު އާބާދީގައި ތިބުމަކީ އިގްތިސޯދަށް ލޮޅުން އަރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ މަތީ ސާނަވީ ނިންމައި އަންހެން ދަރިވަރުންނަށް ވުރެ ފިރިހެން ދަރިވަމުންގެ އަދަދު 2010 ވަނަ އަހަރުން ފެށިގެން މަދުވަމުންދާ ކަމަށާއި އަހަރުން އަހަރަށް އެ ފަރަގު ބޮޑުވަމުންދާ ކަމަށެވެ. އެއީ ތަރައްގީއަށް އެޅޭ ބޮޑު ހިޔަންޏެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް މައިބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސަބަތް މަތިވަމުންދޭ. ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު އާބާދީގައި ތިބުމަކީ އިގްތިސާދަށް ލޮޅުން އަރާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ 533،000 އަށް ވުރެ ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި އޭގެ ތެރެއިން 30 ޕަސަންޓަކީ ބިދޭސީން ކަމަށެވެ. އެ މީހުންގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ލިބުނަސް، ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް އެ މީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމާ މެދު ފުންކޮށް ވިސްނައި އަަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ވަޒީފާގެ ބާޒާރުގައި ބިދޭސީން އަދާ ކުރާ ދައުރު ފުރިހަމަ ކުރާނެ ދިވެހިންތަކެއް އުފެދިގެން ނޫނީ ރާއްޖެއަށް ލިބޭ އާމްދަނީ ގާދޫކޮލުން ބޭރުވިޔަ ނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެރައީސް ސޯލިހު
އެކަންކަމަށް ރިއާޔަތްކޮށް މަސައްކަތު އާބާދީގައި ދިވެހިންްގެ ނިސަބަތް އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ހިޖުރަ ކުރާ ބިދޭސީންނާއި އެއްރަށުން އަނެއް ރަށަށް ބަދަލުވާ ދިވެހިންގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ ގޮތް ހެދުމަށްޓަކައި މައިގްރޭޝަން ޕޮލިސީއެއް އެކުލަވާލުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ދަރިމައިވުމުގެ ސިއްހަތާއި ޖިންސީ ތަފާތު ކުރުންތަކަކީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރަން އެދޭނަމަ ކޮންމެހެން ވެސް ހައްލު ކުރަން ޖެހޭ ދެ މައްސަލައެއް ކަމަށާއި އެގޮތުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މި ރާއްޖެ އެ މައްސަލަތައް ހައްލު ކުރުމުގައި ރަނގަޅު ނަތީޖާއެއް ހާސިލުކޮށްފައިވާ ކަމަށް ރައީސްް ވިދާޅުވި އެވެ. އެކަމަށް ސަމާލުކަން ދިނުމުގެ ސަބަބުން ވިހެއުމުގެ ތެރޭގައި މައިންނާއި ތުއްތު ކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ޅަފަތުގައި ކުދިން މަރުވާ ނިސަބަތް ވެސް ދަށްވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާ ކުރެވޭ އެވަރޭޖް އުމުރު ކުރިޔާ އަޅާބަލައި އިރު ގާތްގަނޑަކަށް 10 އަހަރު އިތުރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ހިދުމަތް ދެވޭނީ އެކަންކަމަށް ވިސްނުން ބަދަލުކޮށް އެ މަގަށް ކަންކަން ތަރުތީބުކޮށްގެން. މުޖުތަމައުގައި އެންމެ ނާޒުކު ހާލަތުގައި ތިބި އަންހެނުންނާއި އަންހެން ކުދިންގެ އުފަންވެނިވި ސިއްހަތު ރަނގަޅު ކުރުމަށް އަދިވެސް ގިނަ ކަންތައްތައް ކުރަން ޖެހޭ، ދެ ޖިންސުގެ ހަމަހަމަ ކަން ދަމަހައްޓަން އިތުރު މަސައްކަތް ކުރަން ޖެހޭ. ނަމަވެސް މިކަަންކަން ފުރިހަމަ ކުރުމަށްޓަކައި މާލިއްޔަތާއި ފަންނީ އެހީތެރިކަން ރާއްޖެއަށް ބޭނުންވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.