ހަބަރު

އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމަށް ބޭފުޅަކު ލައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ގއ. ދާންދޫ، ކާމިނީގެ، އަހުމަދު މުޖާހިދު އައްޔަން ކުރައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް މުޖާހިދު ހަމަޖެއްސީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ފެންނަ މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މުޖާހިދު މީގެ ކުރިން އަދާ ކުރައްވައިފައިވާ މަގާމުތަކު ތެރޭގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާގެ މަގާމު ހިމެނެ އެވެ.