ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

2023ގެ ގޭމްސް ބާއްވާނީ ތަރައްގީގެ މަޝްރޫއުގެ ތެރެއިން: ރައީސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2023 ގެ މުބާރާތް ރާއްޖެއިގައި ބާއްވާނަމަ އެކަމަށް ހާއްސަކޮށް ބޮޑު ހަރަދެއް ނުކުރާނެ ކަމަށާއި ގޭމްސް ބާއްވާނީ ގައުމީ ތަރައްގީގެ މަޝްރޫއުގެ ތެރެއިން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މި އަންނަ ބުރާސްފަތި ދުވަހު، މޮރިޝަސްގައި ފަށާ ގޭމްސްގައި ވާދަ ކުރާ ދިވެހި ގައުމީ ޓީމުތަކުގެ އެތުލީޓުންނާ ބައްދަލު ކުރުމަށް، ރައީސް އޮފީހުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ގޭމްސްއަށް ފަހު ސަރުކާރުން މިހާރު އެންމެ އުންމިދު ކުރަނީ، 2023 ގެ ގޭމްސް ރާއްޖޭގައި ބޭއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، އައިއޯއައިޖީ ފަދަ ބޮޑު މުބާރާތެއް ބާއްވަން ރާއްޖެއިން ވާހަކަ ދައްކާއިރު ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއްވެސް ހުންނާނެ ކަމަށާއި އަދި އެކަމަށް ބޭނުންވާ ކުޅިވަރު ސްޓޭޑިއަމްތާކާ ކޯޓްތައް ބިނާ ކުރަނީ ކިހިނެއްތޯ އާއި އެކަމުގެ މާލީ ތަނަވަސްކަން ރާއްޖޭގައި އެބަހުރި ތޯވެސް ސުވާލު އުފައްދާފާނެ ކަމަށެވެ. އެހެން ވިދާޅުވެ އެމަނިކުފާނު ވަނީ އެކަމަށް ސަރުކާރުން ގެންގުޅުވާ ވިސްނުން ހާމަ ކުރައްވާފަ އެވެ.

"ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން ބޮޑެތި ހަރަދު ތަކެއް ކުރާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުގެ ވިސްނުން ހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫތަކާ ގުޅުވައިގެން އެ މުބާރާތް ރާއްޖޭގައި ބޭއްވުން."

އެމަނިކުފާން ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ފުއްދިގެން އަންނައިރު، ރާއްޖޭގައި ގޭމްސް ބޭއްވުމަށް މަގު ކޮށިގެންދާނެ ކަމަށެވެ. އެ މުބާރާތަށް ހާއްސަކޮށް ސަރުކާރުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ނުކުރި ނަމަވެސް، އެ މުބާރާތަށް އެތުލީޓުން ތައްޔާރު ކުރުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރި ކަމާއި އެއްބާރު ލުން ލިބިގެންދާނެ ކަމުގެ ޔަގީކަން ރައީސް ދެއްވި އެވެ.

ސަރުކާރުން މިހާރު ގަސްތުކޮށްފައި އޮތީ 2023 ގައި ރާއްޖޭގައި ބާއްވަން އުންމިދު ކުރާ ގޭމްސްއަށް ދިވެހި ކުޅުންތެރިން ތައްޔާރު ކުރުމުގެ މަސައްކަތް ދުރާލައި ފެށުން ކަމަށާއި މި އަހަރުގެ މުބާރާތް ނިމުމުން ހަތަރު އަހަރަށް އަމާޒުކޮށްގެން އެތުލީޓުންގެ ޑިވްލަޕްމެންޓަށް މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި އަހަރުގެ ގޭމްސްގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ރާއްޖެއިން ވާދަ ކުރުމަކީ 2023 ގެ ގޭމްސް ރާއްޖޭގައި ބާއްވަން ލިބޭ އިތުރު ހިތްވަރެއް ކަމަށެ އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މެޗަކުން މޮޅުވެގެން އެކަނި ހިތްހަމަޖައްސާލަން ދިވެހި ސަޕޯޓަރުން ބޭނުން ނުވާ ކަމަށާއި ދިވެހި ސަޕޮޓަރުންގެ އަމާޒަކީ މިހާރު މެޑަލް ކަަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެތުލީޓުންވެސް އެކަމަށް އުންމިދުކޮށްގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.