ކުޅިވަރު

އައިއޯއައިޖީގައި ރާއްޖޭގެ ދިދަ އުފުލާލާނީ ފާއިހް އާއި ދީމާ

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް -- އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މިއަހަރު ރާއްޖެ ތަމްސީލް ކުރާ ޓީމުތަކުގެ ފަރާތުން ދިވެހި ގައުމީ ދިދަ އުފުލާލާނެ އެތުލީޓް ނުވަތަ ފްލޭގް ބެއަރަ އިއުލާންކޮށްފި އެވެ.

މާލޭގެ ސޯސަލް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެ ދިދަ އުފުލާލުމުގެ ޝަރަފް ހަވާލުކޮށްފައިވަނީ ޒުވާން ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް އާއި އުއްމީދީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށެވެ.

ތަމްރީން ޕްރޮގްރާމެއްގައި މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވުމާ ގުޅިގެން ފާއިހް އަށް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވޭ ގޮތެއް ނުވެ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ކުޅުންތެރިން އުފައްދައި، ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކޮށް، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މަޑަގަސްކަރާގައި މި މަހުގެ 25 އިން ސެޕްޓެމްބަރު ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ރާއްޖެއިން ޖުމްލަ 176 ކުޅުންތެރިން ވާދަކުރެ އެވެ. މިފަހަރު ޖުމްލަ ނުވަ ކުޅިވަރަކާއި ޔޫތްކޭމްޕްގައި ރާއްޖެއިން ބައިވެރިވެ އެވެ. އެއީ ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިން އަދި ބާސްކެޓް ބޯލް އެވެ.