ކުޅިވަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް "އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023" ހުޅުއްވައިދެއްވައިފި އެވެ.

މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، މާލެއަތޮޅު ތުލުސްދޫ ގައެވެ. މި މުބާރާތަކީ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ އޭޝިއަން ސާފިން ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. ރާއްޖޭގައި މިމުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިމުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާއި، ޔޫޔު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އޭޝިއާ ސާފިން ފެޑެރޭޝަންގެ ރައީސާއި މުބާރާތުގައި ބައިވެރިވި ގައުމުތަގެ އެތުލީޓުންވެސް ބައިވެރިވި އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި މިމުބާރާތް ހުޅުއްވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ. މީގެ އިތުރުން މިރަސްމިއްޔާތުގެ ތެރެއިން، ކުރިއަށް ގެންދިޔަ "ސޭންޑް ސެރަމަނީ" ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އެތްލީޓުން ވަނީ ބައިވެރިވެފަ އެވެ.

ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަގާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫހާއި އެއްބައިވަންތަކަމެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހުޅުއްވައި ދެއްވުމަށްފަހު ރައީސް ސޯލިހް ވަނީ މި މުބާރާތަށް ތައްޔާރުކުރެވިފައިވާ ތަންތަން ބައްލަވާލައްވާފަ އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ 2004 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 18 ގައުމަކުން އެތުލީޓުން ބައިވެރިވެ އެވެ.