ވަގުންނަށް އަދަބު ނުދީ، ދެނީ ބަދަލު!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު 200 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވެހި ކަމުގެ ފޮނި ހުވަފެނެއް "ސީލައިފް" ކިޔާ ބަޔަކު ދެއްކި އެވެ. ޒަމާނީ ފެން ވަރަށް ހަދާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުން އެތައް ބައެއްގެ ހިތް އަތުލި އެވެ. އޭރު ދެއްކި ފޮޓޯތަކާއި ކުރި އިޝްތިހާރުތަކުން އުންމީދު ބޮޑުވެ ޑައުންޕޭމަންޓު ދެއްކި އެވެ. ބާކީ އޮތީ ފްލެޓު ހަދާ ނިމުނުހާ އަވަހަކަށް އެތަނަށް ބަދަލުވުމެވެ. އެ ދުވަހެއްގެ އިންތިޒާރުގައި ތިބޭތާ ހައެއްކަ އަހަރުވެ މިއޮއް ނިމެނީ އެވެ.

މިއަދާ ހަމަޔަށް އާއިރު އެ މައްސަލައާ ގުޅިގެން އޮޅެމުން ނިއުޅެމުން އައި އެކި ވާހަކަތަކުން މިހާރު ބައެއް ހަގީގަތްތައް ވަރަށް ބޮޑަށް ސާފުވެއްޖެ އެވެ. ސީލައިފް ފްލެޓުތަކުގެ މަޝްރޫއަކީ ވައްކަމެއް ކުރުމުގެ ނިޔަތުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނަތްވި މައްސަލައެކެވެ.

ސީލައިފްގެ މަޅީގައި އެތައް ބަޔަކު ޖައްސައި، ފައިސާ ހިފައިގެން ބޮޑުން ފިލައިގެން ދިޔައީ އެވެ. ރައްޔިތުންނަށް ފްލެޓް ވެސް ފައިސާ ވެސް ނުލިބި ހުސް އަތާ ތިބެން ޖެހުނީ އެވެ. ކުރިން ލަވަ ރޯލް ނެރެން އުޅެފައި ފަހުން އެއީ ހަރާން ކަމެއް ކަމަށް ބުނެ ލަވަ ރޯލު ނެރުން ހުއްޓައިލި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) އިންޓަޕޯލުން ހޯދާ އިރު ސްރީލަންކާގެ މިނިވަން ޖައްވުގައި ދިވެހިންނާއެކު އަދި މިހާރު މިއޮތް ސަރުކާރުގެ ބޮޑެތި ބޮޑެތިހާ ބޭފުޅުންނާއެކު ސައި ބައްލަވާ އެބައުޅުއްވަ އެވެ. މި ސަރުކާރުގެ ބަލަދުވެރިޔާ އެމްޑީޕީގެ އަހަރީ ދުވަހު ކޭކް ފަޅުއްވަ އެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ސީލައިފް ގްލޯބަލް ކުންފުންޏާއި އޭރުގެ ސަރުކާރުން ހެދި އެއްބަސްވުމުގައިވާ ގޮތުން ފުރަތަމަ ދެ އަހަރެއްގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު އަޅާ ނިންމަން ޖެހެ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމަން ޖެހެ އެވެ. ފްލެޓު ހޯދަން މަަދުވެގެން 50،000 ރުފިޔާގެ ލޯނެއް ނަގައިގެން އެތަށް ބަޔަކު ސީލައިފްއަށް ބުކިން ފީ ދެއްކި އެވެ. އަނެއްބައި މީހުންގެ އަތުން ސީލައިފް އިން އެތަށް މިލިއަން ރުފިޔާ އެއްފަހަރަކާ ނަގާފައި އެބަހުއްޓެވެ.

އެއީ ބޮޑު އޮޅުވާލުމުގެ ފެށުމެވެ؛ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ސީލައިފް އިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ފްލެޓް މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ.

ހަގީގަތަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފަރަތަމަ އެ މަޝްރޫއު ހަވާލު ކުރީ ވެސް އެކަމަށް އެންމެ ގާބިލު ކުންފުންޏަކާއެއް ނޫނެވެ. ސީލައިފްގެ ހާލަތު އެޗްޑީސީން ހަދާފައިވާ ރިޕޯޓުތަކުން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ.

އެއަށް ބަލައިވެސް ނުލައި ނޫނީ ބަލަން ބޭނުން ނުވެގެން ރައީސް ޔާމީނާ ކުރިން ވެސް ގާތް ގުޅުމެއް އޮންނަ ބަޔަކަށް އެވަރުގެ ބޮޑު މަޝްރޫއެއް ހަވާލުކޮށްލި އިރު ސީލައިފް އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާ ކުރި މައްސަލައެއް އޭސީސީ އިން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ސީލައިފް އިން ޖަމާ ކުރީ އެ މަޝްރޫއު ސީލައިފްއާ ހަވާލު ކުރިތާ ހަތަރު ދުވަސް ފަހުންނެވެ.

"އުފެދުމުގައި ވެސް މަކަރާއި ހީލަތުން ހިނގި ބޮޑު ޖަރީމާއެއްކަން އިތުރަށް އޮޅުވާލެވޭކަށް ނެތް، އެ މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވެން ޖެހޭ، ހައްގު އަދަބު ދެވެން ޖެހޭ، މިނިވަން ވެގެން އުޅެން ދޫކޮށްލައިގެން ސަރުކާރުން ތިބެެގެން ނުވާނެ،" ސީލައިފްގެ މަކަރުގައި ޖެހުނު މީހަކު ބުންޏެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެކަން ދިޔަ ގޮތުން ސީލައިފްގެ މައްސަލައަކީ "ބޮޑު ވައްކަމެއް އަދި ބޮޑު ހިޔާނާތެއް" ކަމަށް ކުރިން ގޮވަމުން އައީ މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންނެވެ. އެކަމަކު ހިޔާނާތުގެ އެ މައްސަލަ އަނެއްކާވެސް މިވަނީ މި ސަރުކާރުގެ ތެރެއިން އާ ގޮތަކަށް، "ބާޣީ ލުތުފީ ޕޮޕް ސްޓާރަކަށް" ބަދަލު ގޮތަކަށް ރީތި ގޮތަކަށް ފުރޮޅާލާފަ އެވެ.

އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ސީލައިފްގެ މައްޗަށް ކުރި ދައުވާގައި ކޯޓުން ބޭރުން އެ ކުންފުންޏާއި ސަރުކާރު ވާހަކަ ދައްކާ ސެޓްލްމަންޓު އެގްރީމަންޓަކަށް ވަނީ ގޮސްފަ އެވެ. ފްލެޓު ގަތް މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދައްކާ ގޮތަށެވެ. ކުރު ގޮތަކަށް ބުނާނަމަ، "ވަގުންނާއެކު" އަނެއްކާ ވެސް އަޑި ނޭނގޭ ޑީލަކަށް "އަޑީ ދައުލަތުން" ދިޔައީ އެވެ.

މައްސަލައަކީ ބަދަލެއް ނޫން، ވަގުންނާ ހެދި ޑީލު

ސީލައިފްގެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހަޅިއިރު އެ ކުންފުނިން ވެސް ވަނީ ދައުލަތާ ދެކޮޅަށް މައްސަލައެއް ވައްދާފަ އެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓު އަޅަން ސީލައިފާ ހަވާލު ކުރުމަށް ފަހު އެ އެއްބަސްވުން އުވާލައި، އޭގެ ބަދަލު ނުދިން މައްސަލަ އެވެ. އޭރު ވެސް ސަރުކާރާއެކު ސީލައިފުން ސެޓަލްމަންޓު އެގްރީމަންޓަކަށް ދިޔަ އެވެ. ނަމަވެސް އެ ފައިސާ ނުދެއްކުމުން އޭގެ ބަދަލު ހޯދަން ސީލައިފް މިހާރު ބޭނުންވަނީ އެވެ. ރަނގަޅު ވަގުތުގައި ރަނގަޅު ތަނަށް ކުޅެލީ އެވެ.

މިހާރު ސީލައިފް އިން ހުށަހަޅަނީ 200 އަށް ވުރެ ގިނަ މީހުންގެ އަތުން އެ ކުންފުނިން ނެގި ބުކިން ފީ އެޗްޑީސީ އިން އަނބުރާ ދިނުމެވެ. އެއަށް ފަހު ފްލެޓު އެޅުމުގެ މަޝްރޫއު ވެސް ސީލައިފްއަށް އަނބުރާ ހަވާލު ކުރާށެވެ. އެ ވަރުގެ ބޮޑު ހިޔާނާތަކަށް ފަހު އެއަށް އިންސާފުވެރި ގޮތް ނުނިންމާއި ހިޔާނާތްވި މީހުނަށް އަދަބު ނުދީ މިފަދަ އެއްބަސްވުމަކަށް ދާން ހެޔޮ ވާނެ ހެއްޔެވެ؟

މިހާރުގެ ސަރުކާރާއި ސީލައިފް ދެމެދު މުއާމަލާތްތައް ހިނގާކަމީ ފޮރުވިފައި އޮތް ވާހަކައެއް ނޫނެވެ. އެޗްޑީސީ އިން މީގެ ކުރިން ވެސް ވަނީ "ބަޔަކު މެދުވެރިކޮށް" އެ ކުންފުނީގެ ބޮޑުންނާ ވާހަކަ ދެކެވޭ ކަމަށް ބުނެފަ އެވެ. ސަަރުކާރަށް އައި ފިއްތުންތަކާ ހެދި ރެޑް ނޯޓިސް ނެރެފައިވާ އަންމަޓީ ސްރީލަންކާގައި އުޅެމުން އަންނަނީ ވަރަށް މިނިވަންކަމާއެކީގަ އެވެ. ހުރިހާ ފައިސާތައް ވެސް ހިފައިގެނެވެ. އޭނާ ރާއްޖެ ނުގެނެވެންވީ ކީއްވެ ހެއްޔެވެ؟ އަދަބު ނުދޭންވީ ކީއްވެގެން ހެއްޔެވެ؟ ރައްޔިތުންނަށް ފައިސާ ކޮޅުވެސް ފްލެޓްވެސް ނުލިބި އޭނާއަށް ހަދިޔާ ލިބެންވީ ކޮން ސަބަބަކާ ލައިގެން ހެއްޔެވެ؟ މި ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ކޮބައި ހެއްޔެވެ؟

"ގެއްލުމުގެ ބަދަލު އަޅުގަނޑުމެންނަށް ސަރުކާރުން ދޭން ޖެހޭ، އެ މީހުންގެ އެކައުންޓުތަކުގައި އެވަރުގެ ފައިސާ ނެތް ކަމަށް ބުނާތީ އަޅުގަނޑުމެންނަށް އިންސާފު ނުލިބި އޮވެގެން ނުވާނެ. އެކަމަކު އޭގެ މާނައަކީ ސަރުކާރާ ސީލައިފް ވާހަކަދައްކައިގެން އަނެއްކާ ވެސް ބޮޑު ހިޔާނާތުގެ ވެރިން ދޫކޮށްލެވުމެއް ނޫން. ސަރުކާރުން މިހާރު ވެސް އެ މީހުންނަށް މާ ބޮޑަށް ދޫދޭ، އެއީ ހުކުމްކޮށް ކުށުގެ އަދަަބު ދެވެން ޖެހޭ މީހުން. އެއްވެސް މާފެއް ނުވަތަ ޑީލެއް ހެދިގެން ނުވާނެ،" ފްލެޓަށް ފައިސާ ދެއްކި އެހެން މީހަކު ބުންޏެވެ.

ކުރީގެ ބަންޑާރަ ނައިބުގެ ޓްވީޓެއް

ސީލައިފް މައްސަލާގައި ގެއްލުން ލިބުނު އާއިލާތަކުގެ އެދުމަކީ ހުޅުމާލެއިން އެންމެ އަވަހަށް އެޅޭ ފްލެޓެއް އެ މީހުންނަށް ދިނުމެވެ. ކޯޓުގައި ސީލައިފްގެ މައްސަލަ އަވަހަށް ހިނގައި އެ މީހުންނަށް ހައްގު އަދަބު ލިބުމެވެ. ނަމަވެސްް ސަރުކާރުން އަމަލު ކުރި ގޮތާ މެދު ހިތްހަމަ ނުޖެހި، އެތަށް ބަޔަކު އަންނަނީ ނުރުހަން ފާޅު ކުރަމުންނެވެ.

"އަބަދުވެސް ހޫނު ފެނަށް ވެއްޓުމުން އާ ކަމެއް ފެންމަތި ކުރުވަނީ. އަޅުގަނޑުމެންނަށް ހާއްސަ ހައުސިން ސްކީމެއްގެ ވާހަކަ ރޭ ދެއްކީ އަންމަޓީއާއެކު ހެދި ޑީލްގެ ވާހަކަތައް ފަޅައިގެން ދިޔައީމަ. އެކަން ފޮރުވައި މަންޒަރު ސާފުކޮށްލަން އިތުރު ހައުސިން ސްކީމްތަކެއްގެ ވާހަކަ ސަރުކާރުން ދެއްކިޔަސް ވަގުން ހަނދާން ނައްތައެެއް ނުލެވޭނެ،" އިތުރު މީހަކު ބުންޏެވެ.