ބޯހިޔާވަހިކަން

އިއްޔެ ހަތަރު ދަމު ފްލެޓް ޝަކުވާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގުނު ހިޔާ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައިވެސް ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހިންގުނު އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ ތެރެއިން 7،000 ފްލެޓް އިމާރާތް ކުރެވުނެވެ. އެއީ 25 ބުރީގެ 16 ޓަވަރުގައެވެ. ކުރީ ސަރުކާރު ނިމެންދިޔައިރު ފްލެޓްތަކުގެ މަސައްކަތް މުޅީން ނިމި މީހުންނަށް ވަދެވޭވަރެއް ނުވެއެވެ. ނަމަވެސް އެ ސަރުކާރުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ފްލެޓް ލިބޭނެ ކަމަށް އެކި މީހުންނަށް ލިޔުން ދޫކުރަމުން ގެންދިޔައެވެ. އަދި ފްލެޓް ލިބޭނެ ލިސްޓެއް އެކުލަވާލާ އާންމުވެސް ކުރިއެވެ.

ނަމަވެސް އެ ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ އާންމުންގެ ޝަކުވާތައް އޮއްސާލިއެވެ. ރައީސް ޔާމީންގެ ސިޔާސީ ވިސްނުމަށް ތާއީދުކުރާ ބޭފުޅުންގެ އާއިލާތަކުގެ މީހުންނާއި އެކްޓިވިސްޓުންނާއި ދެމަފިރިންނަށްވެސް ފްލެޓް ދީފައިވާ ކަމުގެ ޝަކުވާތައް އޮތެވެ.

އެހެން ކަމުން މި ސަރުކާރު ވެރިކަމަށް އައިސް ފްލެޓް ލިސްޓް ބާތިލުކޮށް އާ ލިސްޓެއް އެކުލަވާލުމަށް ކޮމެޓީއެއް އުފެއްދިއެވެ. ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީން އަލުން ވަނީ ދިރިއުޅުމުގެ ހާލަތު ބަލާ ވަޒަންކުރާނެ މިންގަނޑެއް އެކުލަވާލާފައެވެ. އެތަށް ދުވަހެއްގެ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދާއިމީ ލިސްޓް ވަނީ އާންމުކޮށްފައެވެ. ކުރީން އިއުލާނު ކުރުމެއް ނެތިއެވެ. ފްލެޓް ކޮމެޓީން ފުރަތަމަ މަސައްކަތް ކުރީ 2020ގެ އެންމެ ފަހު ދުވަހު ދާއިމީ ލިސްޓް ނެރޭށެވެ. ނަމަވެސް ފްލެޓް ލިސްޓަށް މި ސަރުކާރުން ގެނައި ބޮޑު ބަދަލާއެކު އާންމުކުރި ވަގުތީ ލިސްޓްތަކަށް ހާހުން ހުށައެޅެމުންދިޔަ ޝަކުވާތަކާއި ގުޅިގެން އެ ޝަކުވާތަކަށް ޖަވާބުދޭން ފައިނަލް ލިސްޓް އާންމު ކުރުން ފަސްވީއެވެ.

ފައިނަލް ލިސްޓާއެކު އިހުނަށްވުރެ ޝަކުވާ ބޮޑުވިއެވެ. މިފަހަރުވެސް ކުރީން އާންމުކުރި ޝަކުވާތަކަށް ހައްލެއް ނައެވެ. މި ސަރުކާރުގެ ވެރިންގެ އާއިލާގެ މީހުންނާއި މާލޭގައި ތަނަވަސް ގެދޮރު ހުރި މީހުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނަށް ނުގަވައިދުން ފްލެޓް ދިން ކަމުގެ ޝަކުވާތައް ފުނިޖެހުނެވެ. ޝަރުތު ހަމަނުވާ ކަމަށް ބުނެ ފްލެޓް ނުލިބުނު މީހުންނާއި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދިން ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. 7،000 ފްލެޓަށް އެދި 23،000 ވުރެ ގިނަ މީހުން ކުރިމަތި ލިއެވެ، ގެޒެޓް ކުރި ލިއުމުގައި ފްލެޓް ލިބުނު މީހުންނަށް ލިބުނު ޕޮއިންޓާއި ނުލިބޭ މީހުންނަށް ނުލިބުނު ސަބަބު ބަޔާންކޮށްފައިވެއެވެ. ނަމަަވެސް އެ ސަބަބުތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ސަބަބުތަކެކެވެ. ބައެއް މީހުންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އައިސްފައިވާއިރު ކުރީ ސަރުކާރުގައި ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ދިން ޕޮއިންޓާއި މި ސަރުކާރުގެ ފްލެޓް ކޮމެޓީން ދިރިއުޅުމުގެ ހާލަތަށް ދިން ޕޮއިންޓްގައި ބޮޑު ފަރަގެއް ހުއްޓެވެ.

ވަރަށް ދަތީގައި އެތަށް ކުދީންނެއް ގޮވައިގެން އެންމެ ކޮޓަރިއެއްގައި ދިރިއުޅެމުންދާ ބައެއް މީހުންގެ ނަން ލިސްޓްގެ ތިރިއަށް ސޮއްސާލާ ފްލެޓް ލިބޭގޮތް ނުވުމަކީ ގަސްތުގައި ދިން އަނިޔާއެއް ކަމަށް އެ މީހުން ދެކެއެވެ.

"އަޅުގަނޑުގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އައީއެއް ނޫން. ކުރީގައި ލިސްޓްގައި އޮވެ މިހާރު ލިސްޓުގައި ނެތީ ހާލަތު ރަނގަޅު ވެގެން ކަމަަށް އެ މީހުން [ފްލެޓް ކޮމެޓީ] ބުނަނީ. އެކަމަކު އަޅުގަނޑުގެ ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވޭ،" ދިރިއުޅޭ ކުޑަކުޑަ ކޮޓަރީގެ ފޮޓޯއެއް ހިއްސާކޮށް މީހަކު ޓްވިޓާގައި ލިޔެފައިވެއެވެ.

އެހެން މައްސަލައެކެވެ. ޕޮއިންޓް ދިނުމަށް ފްލެޓް ކޮމެޓީން ގެންގުޅެފައިވާ އުސޫލުގެ މައްސަލައެކެވެ. ހިޔާ ފްލެޓަށް އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅުވެސް ފޯމް ލިއެވެ. ކުރީ ސަރުކާރުގައި ހާލަތު ބެލިއިރު ދެމައިން އުޅެމުންދިޔައީ އެއް ތަނެއްގައެވެ. ނަމަވެސް މި ފަހަރު ފްލެޓް ކޮމެޓީން ހާލަތު ބަލަން އައިއިރު ދެމައިން އުޅެނީ ދެ ތަނެއްގައެވެ. އަންހެން މީހާއަށް ޕޮއިންޓް މަދުވީ އޭނާގެ ދަރިފުޅު މީހަކާއި އިނދެން ވަކީން އެހެން ތަނެއްގައި އުޅޭތީއެވެ. ނަމަވެސް އޭނާގެ ދަރިފުޅުގެ ފޯމް ބާތިލުކޮށްފައިވަނީ މީހަކާއި އިނދެގެން ނޫޅޭތީ ކަމަށް ބުނެ އެވެ. މިއީވެސް ފްލެޓް ކޮމެޓީން މީހުންނަށް ޖަވާބު ދީފައިވާ ގޮތެވެ. މަންމައަށް ވަކި ޖަވާބެއް އަދި ދަރިފުޅަށް އެއާ މުޅީން އިދިކޮޅު ޖަވާބެއް ދެވޭއިރުވެސް ނޭންގެއެވެ.

"ކައިވެންޏެއް ކޮށްގެން އުޅޭ މީހަކަށް މި ޖަވާބު ދެނީ ކައިވެންޏެއް ކޮށްފައި ނުވާތީ ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް. ހަމަ އޭނާގެ މަންމައަށް މި ޖަވާބު ދެނީ ޕޮއިންޓް މަދުވީ ދަރިފުޅު މީހަކާއި އިނދެގެން އަމިއްލައަށް ވަޒީފާ އަދާކޮށްގެން އުޅޭތީ ކަމަށް. މި އޮތީވެސް ޖަވާބެއް ދީފައި. މި މައްސަލަ ދުލެއް ނުކުރާނަން. ކޯޓަށްވެސް ދާނަން. ތޯހާ [ފްލެޓް ކޮމެޓީގެ އިސްވެރިޔާ] އަށް އެހެން ހަދާފައި އެއީ ނުވާ ކަމަކަށް ނުހެދޭނެ،" އެ ޒުވާނާ ބުންޏެވެ.

މިފަދަ އެތަށް ވާހަކައަކުން އިއްޔެ ސޯޝަލް މީޑިއާ އޮތީ ފުރިފައެވެ. މި ވާހަކަތައް އޮއްބާލަން ސަރުކާރުން ސިޔާސީ މަގާމުތައް ދީފައި ތިބި އެކްޓިވިސްޓުން ނިކުމެ ތަފާތު ވާހަކަތައް ދެއްކިއެވެ. ފްލެޓްތަކާއި ގުޅިގެން ހުށައެޅުނު ކޮންމެ ޝަކުވާއަކަށްވެސް މި ސަރުކާރުން ޖަވާބުދީފައިވާ ކަމަށް ބުނެ މެޑަލް ޖަހަމުންދާއިރު ޝަކުވާތަކަށް ޖަވާބު ދީފައިވާ ގޮތް މި އޮތީއެވެ. މިއީ ބެލުމެއް ދިރާސާ ކުރުމެއްނެތި ނަމަކަށް ދީފައިވާ ޖަވާބު ތަކެކެވެ. ފްލެޓް ޝަކުވާ ބޮޑުވެ ބަހުސް ފުޅާވާން ފުރުސަތު ލިބުނީ ސަރުކާރުން އަމަލު ކުރި ގޮތުންނެވެ.

ވަކި ޕާޓީއަކަށް ފްލެޓް ދިން ކަމަށް ކުރެވޭ ތުހުމަތު

ކުރީ ސަރުކާރުން ފްލެޓް ލިބޭނެ މީހުން ކަނޑައަޅާ އާންމުކުރި ލިސްޓާއެކު އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ޕީޕީއެމްއަށް ނިސްބަތްވާ މީހުންނަށް ފްލެޓް ބަހާލި ކަމަށެވެ. ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅޭ އެކި މީސް މީހުންގެ ނަންތަކާއި ފޮޓޯ ޖަހާ އެ މީހުންނަށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ ތަފާތުު ވާހަތައް ދެއްކިއެވެ. އޭރު އިދިކޮޅު ވާހަކަތަކަށް އިސްކަން ދޭ މީޑިއާތަކާއި ނޫސްތަކުންވެސް ކުރީ އެކަމެވެ.

ފައިނަލް ލިސްޓާއެކު އެ ސުވާލުތަކަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ތަފްސީލީ ޖަވާބެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިންއިރު އޭނާ ނިސްބަތްވާ ޕާޓީއެއް ބަލާފައެއް ނުވާނެ އެވެ. ނަމަވެސް އޭރުގެ އިދިކޮޅުން ދެއްކި ވާހަކަތަކުގެ ސަބަބުން ލިސްޓްގައިވާ މީހުންގެ އައިޑީކާޑު ނަންބަރު ޖަހައިގެން ނިސްބަތްވާ ޕާޓީ ވަނީ ބަލާފައެވެ. އެކަން ކުރީ މިދިޔަ 2020 ގައި ކަމަަށްވެސް ވިދާޅުވިއެވެ. އެ ބެލި ބެލުމުން 7،000 ފްލެޓުން 3591 ފްލެޓް ލިބުނީ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީ އޮތް މީހުންނަށެވެ. 1959 މީހަކީ ޕީޕީއެމްގެ ދަފްތަރުގައި ނަަން އޮތް މީހުންނެވެ. އެ ނޫން ޕާޓީތަކަށް ނިސްބަތްވާ 517 މީހަކު އަދި ޕާޓީއަށް ނުވަންނަ 913 މީހަކު ހުރި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް މި ސަރުކާރުން ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ދައުލަތުގެ ނިޝާން ޖަހާފަައިވާ ޔަގީން ލިޔުން ދިން ކިތަންމެ މީހެއްގެ އަތުން ފްލެޓް އަތުލަައިފިއެވެ. މިއީ ރައީސް ސޯލިހު ވެވަޑައިގެން ވައުދާވެސް ހިލާފު ކަމެކެވެ. އެމަނިކުފާނު ވަނީ ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް އެ ލިސްޓަށް ދާދި އަވަހަށް ފްލެޓްތަކަށް މީހުން ވައްދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ވެރިކަމުގެ ކުރީކޮޅުގައެވެ. ފަހުން އެކަން މުޅީން ބަދަލުވީއެވެ. ދެން މިހާރު މި އޮތީ އަނެއްކާވެސް ފްލެޓް ލިސްޓަށް ބަދަލު ގެނެސް ވަކި ޕާޓީއަކަށް ނިސްބަތްވާ މެންބަރުންނަށް ފްލެޓްތައް ބަހާލި ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ހުޅުވިފައެވެ. އެހެންވީމަ ފްލެޓް ލިބުނު ހަހާހަށްވުރެ ގިނަ މީހުންގެ އައިޑީކާޑް ނަންބަރު ޖަހާ ނިސްބަތްވާ ޕާޓީ މި އޮތީ ބަލަން ޖެހިފައެވެ.

ފާޑުކިޔުންތަކާއި ގުޅިގެން އޮޅުވާލުން

ފައިނަލް ލިސްޓާއެކު އަމާޒު ކުރެވޭ ފާޑުކިޔުންތަކަށް ސަރުކާރުން ގެންދަނީ ތަފާތު ވާހަކަތައް ނެރެމުންނެވެ. އޭގެން ބައެއް ވާހަކަތަކުން ރައްޔިތުން އިތުރަށް ރުޅިގަދަވުން ނޫން ކަމެއް ނުވެއެވެ. ފުރަތަމަ ކަމަކީ އިންތިހާ ދަތީގައި ތިބި މީހުންނަށްވުރެ ހާލަތު ރަނގަޅު މީހުންނަށް ފްލެޓް ދިނުމެވެ.

އެކަމާ ދެކޮޅު ހެދޭ ވަރަށްވުރެ ފެންނަން ހުރި ހަގީގަތް ބޮޑެވެ. އެހެންވީމަ ފްލެޓް ކޮމެޓީން ބުނީ ދޭން ހުރި ފްލެޓް މަދީ ކަމަށެވެ. ހުރީ އެންމެ 7،000 ފްލެޓް ކަމުން އެ ފްލެޓްތައް 23،000 މީހުންނަށް ދެވެން ނޯންނާނެ ކަމަށެވެ. ކިހާ ހެއްވާ ވާހަކައެއް ހެއްޔެވެ. ރައްޔިތުން ދައްކަނީ 7،000 ފްލެޓް 25،000 މީހުންނަށް ދޭށެކޭ ނޫނެވެ. ފްލެޓް ލިބޭނެކަން ޔަގީން ކޮށްދިން މީހުންގެ ތެރޭގައި ފްލެޓް ނުލިބޭނެ ކަމަށް އަންގާފައިވާ މީހުންނަށްވުރެ ރަނގަޅު ހާލަތުގައި ތިބި މީހުން އެބަތިބި ކަމަށެވެ. ނުކުޅެދޭ ކުދިންނާއި މުޅި އުމުުރު މާލޭގައި ބޮޑު ކުލީގައި އުޅުނު މީހުން ކަޓުވާލާ އިއްޔެ މާލެއައި މީހުންނާއި މާލޭގައި ތަނަވަސްކޮށް އުޅޭ މީހުންނަށް ފްލެޓް ދީފައިވާ ކަމެވެ.

އެ ވާހަކަ ދެކޮޅު ޖައްސަން ފްލެޓް ނުލިބުނު އެންމެންނަކީ ފްލެޓް ހައްގު ނޫން ބައެއް ނޫން ކަމަށާ އެ މީހުންނަށް ފްލެޓް ނުލިބުނީ އެ ވަރަށް ފްލެޓް ނެތީމަ ކަމަށް ސަރުކާރުން ބުނުމަކީ ލަދުވެތި ކަމެކެވެ. ސަރުކާރަށް އަހަރުވެ ވެގެންދިޔައިރު އެންމެ ފްލެޓެއްގެ މަސައްކަތެއް ނުފެށުނެވެ. ކުރީ ސަރުކާރުން އިމާރާތް ކުރި ފްލެޓްތަކަށް މީހުން ނުވެއްދުނެވެ. އެ ފްލެޓް ދޭނެ މީހުން ކަނޑައެޅި ނިމުމުއިރު ހާލަތު އޮތް ގޮތް މި އޮތީއެވެ. އެހެންވީމަ ދަތީގައި ތިބި އެންމެނަށް ދޭނެ ފްލެޓެއް ނެތޭ ބުނެ ވަކި ބަޔަކަށް ފްލެޓް ދިނުމަށް ފަހު ބަހަނާ ދައްކަން ސަރުކާރު ލަދުގަންނަން ޖެހެއެވެ.

ދެން އޮތީ ވަކި ކެޓަގަރީއަކަށް ފްލެޓް އިތުރު ކުރުމެވެ. މި ސަރުކާރު ވެރިކަމަށް އައިސް ބަދަލު ގެނައީ ހަމައެކަނި ފްލެޓް ދޭނެ މީހުންގެ ލިސްޓަކަށްވެސް ނޫނެވެ. ފްލެޓް ދޭން ކަނޑައަޅާފައިވާ ކެޓަގަރީތަކުން ދޭން ނިންމާފައިވާ އަދަދުތަކަށްވެސް ބަދަލު ގެނައެވެ. އެއީވެސް ލަދުވެތި އަދި ދެރަވަރު ނިންމުމެކެވެ. ކެޓަަގަރީތަކަކުން ފްލެޓް ދޭނެ އަދަދު ކަނޑައަޅާ އަދި ދޭނެ މީހުންވެސް ނިންމާާފައިވަނިކޮށް އެފަދަ ނިންމުމެއް މި މިންވަރަށް ބަދަލުކޮށް އޮޅުން ބޮޅުން ކުރަން ލަދުގަންނަން ޖެހެއެވެ. ކުރީ ސަރުކާރުން ހަދާފައިވާ ގޯސްތައް ރަނގަޅު ކުރުމުގެ ބަދަލުގައި މުޅި ލިސްޓާ ކުޅެ ހައްގުން ފްލެޓް ލިބުނު މީހުންގެ އަތުން ފްލެޓް އަތުލުމަކީ ބޮޑު އަނިޔާއެކެވެ.

މާލެ ރައްޔިތުންނަށް ފްލެޓް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދީ ކަމަށް ދައްކަން ކުރި ކަމަކީ ހިޔާ ފްލެޓްތަކުން މާލެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ފްލެޓްގެ އަދަދު އިތުރުކުރީއެވެ. 1050 ފްލެޓް ދޭން ނިންމި އެ ކެޓަގަރީން މި ސަރުކާރުން ވަނީ 1837 އަށް ބަދަލުކޮށްފައެވެ. އެކަން ކުރީ މިދިޔަ އަހަރެއްހާ ދުވަހު ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތަށް ނިކުމެ ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓް އުނިކުރުމަށްފަހު އެވެ.

މި މައްސަލަ ބޮޑުކޮށްލުމުން އެކަމަށް ޖަވާބުދޭން ނިކުންނެވީ ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒެވެ. ހަގީގަތެއް ނެތް ނުވަތަ އޮޅުވާލަން މަބުރޫކް ދެއްކެވި ވާހަކަތަކުން ސަރުކާރު އިތުރަށްވީ ފަލީހަތެވެ. މަބުރޫކް ވިދާޅުވީ މާލެ ރައްޔިތުންނަށް ދޭ ފްލެޓް އަދަދު އިތުރުކުރީ ކެބިނެޓުން ނިންމައިގެން ކަމަށެވެ. އެ ނިންމުން ނިންމީ އެންމެ ގިނަ ބަޔަކު ފްލެޓަށް އެދިފައިވަނީ އެ ކެޓަގަރީން ކަމަށް ވާތީއެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށްވާތީއެވެ.

އެ ޖަވާބު މަބުރޫކް ދެއްވިއިރު އެއީ ސީދާ ކަނޑައެޅިގެން ދޮގަކަށްވާތީ ފްލެޓް ކޮމެޓީގެ މުގައްރިރު ތޯހާ އިންނެވީ ވިދާޅުވާނެ އެއްޗެއްވެސް އެނގިވަޑައިނުގެން ލަދުން އިސްޖައްސަވައިގެންނެވެ. މަބުރޫކަށް އެނގިވަޑައިނުގެންނެވި ކަމަކީ އެ ހެއްދެވި ބޮޑު ދޮގު ރައްޔިތުންނަށް ސާފުކޮށް ފަޅާއަރާނެ ކަމެވެ. 18 އަހަރާއި 40 އަހަރާ ދެމެދު އުމުރުގެ ކައިވެނި ކޮށްގެން އުޅޭ މީހުންގެ ކެޓަގަރީއަކީ އެންމެ ޑިމާންޑް ބޮޑުވި ކެޓަގަރީއެވެ. އެކަން ކުރީ ސަރުކާރުންވެސް އޮތީ ހާމަކޮށްފައެވެ. އެ ކެޓަގަރީއަށް 8،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅިއެވެ.

ނަމަވެސް މާލެ ރައްޔިތުންގެ ކެޓަގަރީއަށް ފްލެޓް އިތުރުކުރީ އެއީ އެންމެ ގިނަ މީހުން ކުރިމަތިލާފައިވާ ކެޓަގަރީއަށް ވުމުން ކަމަށް ވިދާޅުވެ ތަރުޖަމާން ދޮގެއް ހެއްދެވީ ނިތްކުރިއަށް އެންމެ ރުލެއްވެސް އަރުވާ ނުލައްވައެވެ. އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުުންތަކުގައި ކުރިން ވާހަކަ ދައްކަވާހާ ފަސޭހައިންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން ލިޔުންދިން އެތަށް ބަޔަކަށް އެކަން ބިލާހަކަށްވީއެވެ. ދައުލަތުގެ ސިއްކަ ޖަހާފައި ދިން ލިޔުމުގެ އެއްވެސް އަގެއް ނެތުނީއެވެ. ސަރުކާރުގެ ލިޔުމެއް ނަމަވެސް ސަރުކާރުން ހިންގަން ތިބި މީހުންނަށް ފެނިއްޖެނަމަ ދިން ހައްގެެއް އަތުލެވޭނެކަން އަންގާލީއެވެ. އެކަން އެ އަންގާލީ އެއްވެސް ހަގީގަތެއް، އަސާސެއް ނެތް ޖަވާބެއް ދިނުމަށް ފަހުއެވެ.

ނަމަވެސް ފްލެޓް ލިބޭނެ ކަމަށް ލިޔުން ދިނުމަށްފަހު މި ސަރުކާރުން ލިޔުން އަތުލި ބައެއް މީހުން ތިބީ ފަސޭހައިން މައްސަލަ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އިންސާފަށް ދާން މިހާރުވެސް އެ މީހުން އެބަ ތައްޔާރުވެއެވެ. ފްލެޓް ޝަކުވާ ހުއްޓާލާނީ ހައްގު މިންވަރު ހޯދާފައި ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.