ފެނަކަ ކޯޕަރޭޝަން މިހާރު އޮތް ހާލަތަށް ދަށަށް ގޮސްފައި ވަނީ ކުރީގެ މެނޭޖްމަންޓުން ކުންފުނީގައި ނާޖާއިޒު ފައިދާތައް ހޯދަން މަސައްކަތް ކޮށްފައިވާތީ ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައި މިހާރުގެ މެނޭޖްމަންޓުން މިއަދު ނޫސް ބަޔާނެއް ނެރެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކައަށް ބޮޑު އަގުގައި ތެޔޮ ގަނެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ގެންދަވަނީ މިހާރުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
ފެނަކަ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ނެެރުނު ނޫސް ބަޔާނުގައި ބުނީ 2012 ވަނަ އަހަރު ކުންފުނި ވުޖޫދުވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، އޭރު އޮތް މެނޭޖްމަންޓަށް ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހަލެއް ހޯދިފައި ނުވުމަކީ މި ސަރުކާރާއި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ހިތާމަ ކުރާ ކަމެއް ކަމަށެވެ. މީގެ ކުރިން ފެނަކަ ހިންގި ފަރާތްތަކަށް ކުންފުނި ހިތަކަށް ލިބި "ސައްބުބޭގެ ހުނިގޮނޑި" ފަދައިން ކަންވެ ގޮސްފައިވާ ވާތީ، ހިދުމަތް ދިނުމަށް މިހާރުގެ މެނޭޖްމަންޓަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
"އެ ފަރާތްތަކުން [ކުރީގެ މެނޭޖްމަންޓް] ކުންފުނީގެ ހާލަތާ މެދު މީޑިއާގައި ހިއްސާ ކުރާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވުމެއް ނުވާ، ކުރިން ކުންފުނި ހިންގުމުގައި ކޮރަޕްޝަންގެ އަމަލުތަކާއި، މުވައްޒަފުން މެދުވެރިކޮށް ހިންގެވި ޖަރީމާތައް ހިންގަން މިހާރު ފުރުސަތު ނުލިބުމާއި، ކުންފުނީގެ މުދަލަށާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ރައްޔިތުންުނަށް ހާމަވަމުންދާތީ އެ ކަމުގެ ނުތަނަވަސްކަމުން ދައްކަމުންދާ ވާހަކަތަކެކެވެ." ފެނަކައިގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ރައްޔިތުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށް ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި އެ ތަނަށް ވަނީ ތަފާތު އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކަމަކު ހިދުމަތް ދިނުމަށް ނުކުޅެދި، ކަރަންޓުގެ ހިދުމަތުން ރައްޔިތުން މަހުރޫމްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.