ހަބަރު

"ދި ޖަޖް" ދެއްކުމުގެ ހަފުލާގައި ރައީސް ބައިވެރިވެ ވަޑައިގެންފި

Jul 18, 2019
2

ފަލަސްޠީނުގެ ފުރަތަމަ އަންހެން ފަނޑިޔާރު، ޚުލޫދު އަލް ފަގީހާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ފިލްމު "ދި ޖަޖް" ދެއްކުމާއި ޚިޔާލު ބަދަލު ކުރުމުގެ ގޮތުން ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފި އެވެ.

ރޭ އޮލިސްޕަހުގައި ބޭއްވި މި ހަފުލާއަކީ އާޓްސް މިނިސްޓްރީއާ އުތެމާއިން އިންތިޒާމުކުރި ހަފުލާއެކެވެ.

މި ފިލްމުގައި ދައްކުވައިދެނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުލޫދު އަލް ފަގީހު މެދުއިރުމަތީގެ ޝަރުއީ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރު ކަމުގައި ވެވަޑައިގެންނެވުމަށް ކަޑައްތު ކުރެއްވި ދިގު ރާސްތާ އެވެ.

އެގޮތުން ވަކީލެއްގެ ގޮތުގައި އޭނާ ކުރެއްވި ދަތުރާއި އަންހެނުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން އެކަމަނާގެ ރަސްމީ ބައެއް މަސައްކަތްތަކާއި ޢާއިލީ ދިރިއުޅުއްވުން ވެސް މި ފިލްމުގައި ދައްކުވައި ދެއެވެ. އަދި މީގެ ކުރިން ހާމަވެފައި ނުވާމިންވަރަށް ހާމަކަމަކާއެކު މެދުއިރުމައްޗާއި، ފަލަސްޠީނުގެ ޝަރުޢީ ކޯޓުތަކުގެ ވާހަކަތައް ގެނެސްދީފައިވާ މި ޑޮކިއުމަންޓްރީގައި ފަލަސްޠީނުގެ އާދަކާދައާއި ޤާނޫނީ ދާއިރާވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

މި ޙަފުލާގައި މި ފިލްމު ދެއްކުމުގެ އިތުރުން "އަންހެނުންނާ ފަނޑިޔާރުކަން" މި މައުޟޫއު މައްޗަށް ޕެނަލް އަކާއެކު ޚިޔާލު ބަދަލުކުރެވިފައި ވެއެވެ.